ސިފަހުތުރުވުމަކީ ރަނގަޅު، ތަނަވަސް ބައިވެރިއަކު ލިބެން އޮތް ހުރަހެއް ނޫންކަން އެނގިގެންދާ ވަރަށް ޢިބްރަތްތެރި ވާހަކައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 29ސ
ސިފަހުތުރުވުމަކީ ރަނގަޅު، ތަނަވަސް ބައިވެރިއަކު ލިބެން އޮތް ހުރަހެއް ނޫންކަން އެނގިގެންދާ ވަރަށް ޢިބްރަތްތެރި ވާހަކައެއް!

އެދެމަފިރިންނަކީވެސް ވަރަށް ލޯބިން އެކުގައި ދިރިއުޅެމުން އައި ދެމަފިރިންނެވެ. ފިރިމީހާއަކީ ބޮޑުކުންފުންޏެއްގެ ވަރަށް އިސްމަޤާމެއްގައި ހުރި މީހެކެވެ. އަނބިމީހާ ވަޒީފާއަދައެއް ނުކުރެއެވެ. އެހެންކަމާއިއެކުވެސް ފިރިމީހާއަށް ރަނގަޅު މުސާރައެއް ލިބޭތީ ދިރިއުޅެނީ ތަނަވަސްކަމުގައެވެ.  

ދަރިއަކު ލިބުމުން ފިރިމީހާ އަމިއްލައަށް ސޯޝަލްމީޑިއާއިން ބަލައި ވަރަށް ރަނގަޅު އަންހެނަކު ހޯދައި ވަޒީފާދީގެން ގެއަށް ގެނައެވެ. އެއީ ދަރިފުޅުގެ ޚިދުމަތަށް އަނބިމީހާ ޚާއްޞަކޮށް ގޭގައި ދެންކުރަން ހުންނަ މަސައްކަތްތައް ކުރުމަށެވެ.  

ވަޒީފާގައި ގެނައި އަންހެންމީހާއަކީ ހުތުރު އަންހެނެއް ނޫނެވެ. ނަމަވެސް އެންމެ ރީތި އަންހެނެއް ނޫނެވެ. އެހެންކަމުން ފިރިމީހާ އޭނާއަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ. ރުޅިއެއްވެސް ނައުދެއެވެ. ނަމަވެސް ކޮންމެހެން ބުނަންޖެހޭ ބަހެއް ބުނުން ފިޔަވައި އިތުރު އެއްވެސް ވާހަކައެއް ނުދައްކައެވެ. އޭނާވެސް އެކަމަކާއި އަޅައެއް ނުލައެވެ. އޭނާ އާއި ގުޅުން ބަދަހިވާންޖެހޭނީ މެޑަމް ކަމަށްވެފައި މެޑަމް އާއި އޭނާ އާއިދެމެދުގައި އޮންނަ ގުޅުން ރަނގަޅުވީމައެވެ. 

ބޭރުން ގެނެވުނު އަންހެންމީހާވީ ވަރަށް ރަނގަޅު އަންހެނަކަށެވެ. ގޭގެ ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމައަށް ކުރެއެވެ. މީރުކޮށް ކަންކަން ދަނެއެވެ. މަސައްކަތް އަވަހަށް ނިންމާފައި ގޮސް ދަރިފުޅުގެ ކަންކަމުގައިވެސް އެހީތެރިވެދެއެވެ. އެހެންވެ ދެއަންހެނުންގެ ދެމެދުގައި އޮންނަނީ ގާތްތިމާގެ ކަމުގެ ގުޅުންހައި ރަނގަޅު ގުޅުމެކެވެ.  

އެއްފަހަރަކު ފިރިމީހާ މަސައްކަތްކުރާ ކުންފުނީގެ އަހަރީ ދުވަހާއި ގުޅުވައިގެން ބާއްވާ ޕާޓީއަށްދާން ޢާއިލާއަށް ދަޢުވަތުލިބުނެވެ. މާނައަކީ ދެމަފިރިންގެ އިތުރުން ނޯކަރަށްވެސް ދެވިދާނެއެވެ. އެހެންވެ އަނބިމީހާ ބޭނުންވީ އެއަންހެންމީހާވެސް ގެންދާށެވެ. އެއީ އޭނާގެ ހުރި ރަނގަޅުކަމުންނެވެ. އެފަދަ ޙަފްލާއަކަށް ގެންގޮސްފިނަމަ އޭނާވެސް އުފާވާނެތީއެވެ. އޭނާއަކީ ނޯކަރެއް ނަމަވެސް ހިތްހަމަޖެހުން ބޭނުންވާނެތީއެވެ. އެހެންވެ ޙަފްލާއަށްދާން އަނބިމީހާއަށް ހެދުން ގަންނައިރު އޭނާއަށްވެސް ހެދުމެއް ގަނެދޭން އަނބިމީހާ އެދުނެވެ.  

އެގޮތަށް އެދުނު ނަމަވެސް ފިރިމީހާ އަޅައެއް ނުލައެވެ. އެއީ އެހާ ރީތި ނޫން އަންހެނަކު އެކުގައި ގެންދިއުމުން އޭނާގެ އަގުވެއްޓޭނެ ކަމަށް ބަލައެވެ. ހެދުމެއް ގަނެ ނުދިނުމުންވެސް އަނބިމީހާ ހުރީ އޭނާ ގެންދާ ގޮތަށެވެ. އެހެންވެ އަތުގައި އޮތް އެންމެ ރީތި އެއް ހެދުން އޭނާއަށްދީ އަދި އަޅާނެ ބައެއް ގަހަނާވެސް ދިނެވެ.  

ހެދުންލައި ގަހަނާއަޅައި ޒީނަތްތެރިވެގެން ނުކުތުމުންވެސް ފިރިމީހާ އޭނާ ގެންދަން ކުރީ އިންކާރެވެ. އިންކާރުކުރުމުން އަނބިމީހާ ބުނީ އެހެންވިއްޔާ އޭނާވެސް ނުދާނެ ކަމަށެވެ. އަނބިމީހާ އެގޮތަށް ބުނުމުން ފިރިމީހާ ވަރަށް ރުޅިއައެވެ. ވަރިކޮށްލައިފާނެ ކަމަށްވެސް ބުންޏެވެ.  

އަނބިމީހާ ބުނީ މިވަރުކަމަކާއިހުރެ ވަރިކުރާނެ މީހަކު ކޮންމެ ވަގުތަކު، ކޮންމެ ކަމަކާއި ގުޅުވައިގެންވެސް ވަރިކޮށްފާނެ ކަމަށެވެ. އެހެންވެ ވަރިކޮށްފާނެތީ އެއްވެސް ޖެހިލުމެއް ނެތް ކަމަށެވެ. ބައިވެރިން ދެއްވަވަނީ ﷲ އެވެ. އިރާދައިގަ ހުރިއްޔާ ދެވަނަ ފިރިއަކުވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ 

ކޮންމެއަކަސް ފިރިމީހާ އެންމެފަހުވަޤުތު ނިންމީ އޭނާވެސް ގޮވައިގެންދާށެވެ. އެހެންވެ ދިއައީ 3 މީހުންނާއި ކުޑަދަރިފުޅެވެ. 

ކުންފުނީގެ ވެރިމީހާއަކީވެސް ފިރިމީހާ އާއި އެއް ޢުމުރުގެ މީހެކެވެ. އަނބިމީހާމަރުވެ އެކަނިވެފައިހުރި މީހެކެވެ. ނޯކަރު ފެނުމާއިއެކު ވެރިމީހާއަށް އޭނާ ވަރަށް ރީތިވެއްޖެއެވެ. ކަމުހިނގައްޖެއެވެ. ފިރިމީހާއަށް ސިއްރުން އަނބިމީހާ ގާތުގައި އެވާހަކަ ބުނެ ދެމީހުން ގުޅުވައިދިނުމަށް އެދުނެވެ. އަނބިމީހާ އެކަންކޮށްދޭން މަސައްކަތްކުރާނެކަމަށް ބުނެ އޭނާގެ ހުރި ރަނގަޅުކަން ކިޔައިދިނުމުން ކުރިއަށްވުރެވެސް މާބޮޑަށް އޭނާ އެކަމަށް ބޭނުންވިއެވެ.  

އަނބިމީހާ ނުވަތަ މެޑަމް އެވާހަކަ އޭނާ ގާތުގައި ބުނުމުން ވަރަށް ލަދުންހުރެފައިވެސް އޭނާ އެކަމަށް އެއްބަސްވިއެވެ. 3 ދަރިން ލިބިފައިވުމަކީ މައްސަލައެއް ނޫން ކަމަށާއި އަޚްލާޤް ރަނގަޅުނަމަ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމަށް ބުންޏެވެ. "މުހިންމީ ބޮޑު ތަނަވަސްކަމެއް ނޫން. ކުރިން ކައިވެންޏެއް ކޮށްފައިވުމަކީވެސް މައްސަލައެއް ނޫން. މަންމަ ނުވެ ދޮންމަންމަ ވާންޖެހުމަކީވެސް އެއްވެސް މައްސލައެއް ނޫން. ފިރިއެއްގެ ކިބައިން ލިބެންޖެހޭ ލޯތްބާއި އަޅައިލުން ލިބުން." ކަމަށްވެސް އޭނާ ބުންޏެވެ.  

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކައިވެނީގެ ކަންކަން ހަމަޖެހި ކައިވެނިކުރުމުން ފިރިމީހާ ދިއައީ ސިއްސައިގެންނެވެ. ކުރީރޭ އޭނާގެ ކުރިމަތީގައި ކަންކަން ކުރެވުނު ގޮތާއިމެދު ވަރަށް ދެރަވިއެވެ. ލަދުވެސް ގަތެވެ. އެއީ އޭނާގެ މެޑަމަކަށް ނޯކަރުވުމުންނެވެ.  

ކައިވެންޏަށްފަހު އޭނާ އެކަން ހަނދާނަކު ނުބަހައްޓައެވެ. އެއީ އޭނާގެ މެޑަމް އޭނާއަށް ރަނގަޅުކަމުންނެވެ. ކައިވެނިކުރެވުނީވެސް މެޑަމްގެ ސަބަބުން ކަމަށްވީތީއެވެ. މެޑަމް އެހައި ވަރަށް އެރޭ ބާރު ނުއެޅި ނަމަ ދެމީހުން ބައްދަލުވެސް ނުވާނެތީއެވެ. އަދި އޭނާއަށްޓަކާ ލޯބިވާ ފިރިމީހާ ދޫކޮށްލަންވެސް ތައްޔާރަށް ހުރީތީއެވެ.

އެވާހަކަތައް ފަހުން ފިރިމީހާއަށް ކިޔައިދިނުމުން ފިރިމީހާވެސް އެކަމަށްޓަކައި އެމެޑަމްދެކެ ވަރަށް ލޯބިވިއެވެ. އޭނާގެ ކިބައިގައި ހުރި އިންސާނިއްޔަތުކަން ބޮޑުކަމުގެ އަގު ވަޒަންކޮށް އިތުރަށް އޭނާ އާއި ގުޅުން ބަދަހިކުރިއެވެ. މާލީ އެހީތެރިކަންވެސް ފޯރުކޮށްދިނެވެ. ފިރިމީހާއަށް ކޮށްދޭ ކޮންމެ ކަމެއް ކޮށްދެނީ އަނބިމީހާއަށްޓަކައި ކަމަށް ދިމާއަށް ބުނަންފެށިއެވެ.  

ފިރިމީހާއަށް އޭނާގެ ބޮސް ނިންމުމާއި ރަނގަޅު ވިސްނުން ފާހަގަކުރެވުނެވެ. ގޯސް ނިންމުމަކީ ނިކަމެތިވެފައި ސިފަ "އެހައި" ރީތިނޫންވީމާ ނޯކަރު ޙަފްލާއަށް ނުގެންދިއުމަށް ނިންމައި އޭނާގެ ހިތުގައި ޖެހޭނެ ގޮތަށް ކުރިމަތީގައި ބަސްތައް ބުނެވުނުކަމެވެ. ރަނގަޅު ނިންމުމަކީ އެޙާލަތުގައިވެސް އަނބިމީހާ ދޫކޮށްނުލައި އަނބިމީހާ ބޭނުންވާގޮތަށް ދީލައިލި ކަމެވެ. އޭނާއަށް އެހައި ބޮޑު ފައިދާއެއް އެކުރީ އަނބިމީހާގެ ބަސް ޤަބޫލުކޮށް އަނބިމީހާ ބޭނުންވާ ގޮތަށް ދީލައިލީލީތީއެވެ. ނޫންނަމަ މިއަދު މިލިބުނު ބޮޑު އުފާވެރިކަން ނުލިބުނީސްކަން އޭނާ ޤަބޫލުކުރިއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނޭވެ! މިއީ ވަރަށް ގިނަ ފިލާވަޅުތަކެއް ލިބިގެންދާ ވާހަކައެކެވެ. ފުރަތަމަ ފިލާވަޅަކީ ތިމާއަށް ސިފަ ހުތުރުވިނަމަވެސް އެއީ ހުތުރު މީހަކު ކަމަށް ނުދެކުމެވެ. މިވާހަކައިން އެނގިގެން މިދަނީ ރީއްޗަކީ އެންމެންނަށް އެއްގޮތް ކަމެއް ކަމެއް ނޫންކަމެވެ. އެކަކަށް ހުތުރުވިނަމަވެސް އެހެން މީހަކަށް ވަރަށް ރީތިވެދާނެކަމެވެ.  

ދެވަނަ ކަމަކީ އަނބިން ބޭނުންވާ ގޮތަށް ކަންކަން ދީލައިލުމުގެ ފައިދާއެވެ. ތިމާ ބޭނުންވާހައި ކަމަކަށް އެއްބަސްނުވާއިރަށް ވަރިކޮށްލުމުން ލިބިދާނެ ގެއްލުމާއި ވަރިނުކުރުމުން ލިބިދާނެ ބޮޑު ފައިދާއެވެ.  

ތިންވަނަ ކަމަކީ ނޯކަރެއް ނަމަވެސް އިޚްލާޞްތެރިނަމަ ބޮޑަށް ހެޔޮކޮށް ހިތަންޖެހޭނެ ކަމެވެ. ނީކަމރުންނަކީވެސް ތިމާފަދަ އިންސާނުންކަން ދެނެގަނެ އެމީހުންނަށްވެސް އުފާވެރިކަން ހޯދައިދޭން ަމސައްކަތްކުރަންޖެހޭނެ ކަމާއި އެކަމުން ކުރާނެ ފައިދާ ވަޒަންވެސް ނުކުރެވޭނެ ކަމެވެ.  

މިކަންކަމަކީ ހަމަ އަޅުގަނޑުމެންވެސް ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ކަންކަމެވެ. އަޅުގަނޑުމެންގެ ތެރޭގައިވެސް ހުރި މައްސަލަތަކެވެ. އިޞްލާޙްކުރުމުން ފައިދާކުރާނެ ކަންކަމެވެ. 

(މިއީ ޢިބްރަތްތެރި ވާހަކަ ގެނެސްދޭ ޗެނެލަކުން އަޅުގަނޑު ބަލާފައިވާ ސީރީޒްއެއްގެ ކުރު ޚުލާޞާއެކެވެ.)  

--އަންވަރީ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން