ޢިބްރަތްތެރި ވާހަކަ: އަމިއްލަ ބޭނުންތައް ނުފުއްދައިވެސް އެންމެ ގާތް އެކުވެރިޔާގެ ބޭނުންތައް ފުއްދައިދެމުން ދަނިކޮށް ފިރިމީހާ ޖަހައިގަތް އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 26ސ
ޢިބްރަތްތެރި ވާހަކަ: އަމިއްލަ ބޭނުންތައް ނުފުއްދައިވެސް އެންމެ ގާތް އެކުވެރިޔާގެ ބޭނުންތައް ފުއްދައިދެމުން ދަނިކޮށް ފިރިމީހާ ޖަހައިގަތް އަންހެނެއްގެ ވާހަކަ-

ޤަބޫލުކުރައްވާނަންތޯއެވެ؟ އަޅުގަނޑުގެ ފިރިމީހާއަށް ގޮތްތަކެއްވާންފެށިއިރު، މިބުނީ ބަދަލުތަކެއް އަންނަން ފެށިއިރު އަޅުގަނޑުމެންގެ ކައިވެންޏަށް 11 އަހަރެވެ. 3 ކުދިން ތިއްބެވެ. އެންމެ ކުޑަ ދަރިފުޅަށް 3 އަހަރެވެ. ދިރިއުޅެނީ އަޅުގަނޑުގެ ގޭގައެވެ. ދެމަފިރިންވެސް ވަޒީފާ އަދާކުރަމެވެ.  

ވަޒީފާ އަދާކުރާ ވަޤުތުތަކުގައި ކުދިން ބަލައިދެނީ އެކަމަށްޓަކައި ގޭގައި ގެންގުޅޭ އެކަނިވެރިމައެކެވެ. މުސާރައިގެ އިތުރުން އޭނާގެ ދަރިފުޅަށް ބޭނުންވާ ކަންކަން ކޮށްދޭތީ އާއި އޭނާގެ ދަރިފުޅުވެސް ގެންގުޅެނީ އަހަރެމެންގެ ދަރިއެއް ފަދައިން ކަމަށްވުމުން އޭނާވެސް އަހަރެމެންނަށް ކަންކަން ކޮށްދެނީ ވަރަށް ރަނގަޅަށެވެ.  

ފިރިމީހާއަށް ބަދަލުތައް އަންނަން ފެށުމުން ފުރަތަމަވެސް އެވާހަކަ ދެއްކުނީ "ބެސްޓީ" ގާތުގައެވެ. އޭނާ އުޅެނީ އުޚުތެއް ފަދައިން ކަމަށްވުމުން ފިރިމީހާ އާއި އޭނާއާއިވެސް އުޅެނީ ވަރަށް ގާތްކޮށެވެ. އެކަކު އަނެކަކަށް ކަންކަން ޙިއްޞާވެސް ކުރެއެވެ. ފިރިމީހާ އޭނާއަށް ހަދިޔާވެސް ދެއެވެ. އެހެންވެ ފިރިމީހާ އާއި ވާހަކަދައްކައިލައިގެން ފިރިމީހާއަށް ބަދަލުތައް އަންނަނީ އަޅުގަނޑުގެ ކިބައިން ކޮން އުނިކަމެއް ފެނިގެންތޯ "ކޮނެލައި" ދިނުމަށް ވެސް އެދުނީމެވެ. އެކަމުގައި އެހީތެރިވެދޭނެ ކަމަށްވެސް އޭނާ ބުންޏެވެ.  

އެވާހަކަތައް ދެއްކުމަށްފަހު ދެމީހުން ގޭގެ ސިޓިންގ ރޫމްގައި އެކަނިވުމަށްވެސް ފުރުޞަތުދެމެވެ. ރެސްޓޯރަންޓަށް ކާން ދިއަ ދެރެއަކު އެކަނި ބައިތިއްބާފައި ގެއަށްވެސް އައިމެވެ. އެއީ ފިރިމީހާގެ ކިބައިން އެއްވެސް ކަމެއް އޮޅުންފިލާތޯ ބަލަން ފުރުޞަތު ދިނުމަށެވެ.  

އެދުވަސްވަރު އޮފީސް ދަތުރެއްގައި ސިންގަޕޫރަށް ފުރަންޖެހުނެވެ. އެކަން ފިރިމީހާއަށްވެސް ބެސްޓީއަށްވެސް އެނގޭނެއެވެ. ނަމަވެސް ހިތްބުނީ ކުޑަ މަކަރެއް ހެދުމަށެވެ. އެއީ އެދެމީހުންގެ އެއްވެސް ކަމަކަށް ޝައްކުކުރެވިގެނެއް ނޫނެވެ. ފިރިމީހާގެ ކިބައިން ކަމެއް ފެނޭތޯ ބެލުމަށެވެ. އެހެންވެ ފުރަންޖެހެނީ ފުރަން އޮތް ރޭގެ ކުރީރޭ ކަމަށް ބުނެ ދަތުރުހަދައިގެން ގެއިން ނުކުތީމެވެ. އެއާޕޯޓަށްވެސް ދިއައިމެވެ. ނަމަވެސް ރެސްޓޯރަންޓެއްގައި މަޑުކޮށްލައިގެން އިނދެފައި ގެއަށް ދިއައީމެވެ.  

ގޮސް ކޮޓަރި ހުޅުވައިލުމުން ފެނުނު މަންޒަރުން ދެލޯ ބޭރަށް ނުނުކުތީ ކިރިޔާއެވެ. ފިރިމީހާ ބެސްޓީ ތިބީ ނިދާހެދުމުގައި އެނދުގައެވެ. ބައްދައި ލޯބިކުރަނީއެވެ. "އަމައްޔާތް" ކިޔައި އަޑުގަދަވެސް ކުރެވުނެވެ. އެއަޑަށް ގޭގައި ގެންގުޅޭ އަންހެންމީހާ މަތީބުރިއަށް އެރިއެވެ.  

އަޅުގަނޑުގެ ގައިގައި އޭނާ ބައްދައިލިއެވެ. ރޮމުން ބުނީ ދައްތަ ނިކަން އިހަށް އައިސްބަލާށެވެ. ނަމަވެސް އަޅުގަނޑު އޭނާ ގޮވައިގެންވަނީ ކޮޓަރިއަށެވެ. އެއިރު ދެމީހުން ތިބީ އެނދުގައި އިށީނދެއެވެ. ކޮޓަރިއަށް ވެއްދުމުންވެސް އޭނާ ނުކުތީ ބޭރަށެވެ. އެދުނީ އަޅުގަނޑުވެސް ބޭރަށް ނުކުތުމަށެވެ. އެއިރު އަޅުގަނޑުވެސް ކުޑަކޮށް ހަމައަކަށް އެޅިލާފައިހުރުމުން ބޭރަށް ނުކުތުމުން ކިޔައިދޭން ފެށިއެވެ.  

"ދައްތާއެވެ! ތިއަ ކަމެއް ހިނގާތާ މިހާރު 3 އަހަރުވެއްޖެއެވެ. ވަރަށް ގިނަ ކަންކަން ވަނީ ފެނިފައެވެ. ދައްތަ ގާތު ނުބުނެހުރީ ދެމަފިރިންގެ މެދުގައި އަޅުގަނޑާއި ހުރެ މައްސަލައެއް ޖެހުނަ ނުދެންވެގެންނެވެ. އަޅުގަނޑު ބުނާ ބަހަކަށްވުރެ ދައްތަ ޤަބޫލުކުރާނީ އެކުވެރިޔާ އާއި ބޭބެގެބަސްކަން އެނގޭތީއެވެ."

އަޅުގަނޑު އަނބުރާ ކޮޓަރިއަށް ވަނީމެވެ. ބުނީމެވެ. "ތިއަ ވެއްޓުނީ ޙައިވާނުންގެ ދަރަޖައަށެވެ. ޙައިވާނުންވެސް ކާންދޭ މީހާ ދަންނާނެއެވެ. ކުއްތާވެސް ކާންދޭ އަތުގައި ދަތްނުއަޅާނެ ކަމަށް ބުނާއަޑު އަހަމެވެ. ފިރިމީހާގެ ވަޒީފާ ގެއްލުނުތާ އަހަރުވަނީއެވެ. ދިރިއުޅެންކުރަންޖެހޭ ހުރިހާ ޚަރަދެއް މިކުރަނީ އަހަރެންނެވެ. ދިރިއުޅެނީ އަހަރެންގެ ގޭގައެވެ. އެއްބަނޑު އަންހެނަކު ނެތުމުން އުޚުތެއްކަމަށް ބަލައި ބެސްޓީ ކަމަކު އެދުނަސް އަދި މިހައިތަނަށް އޮންނާނީ ކޮށްދީފައެވެ. ލާރި ދަތި މަސްމަހު އަމިއްލައަށް ބޭނުންވާ ތަކެތި ނުގަނެވުނަސް ބެސްޓީއަށް ހުންނާނީ ކަންކަން ކޮށްދީފައެވެ. ނަމަވެސް ކަންކަން މިނިމުނު ގޮތް ނިކަން ދެކެބަލާށެވެ. މިކަމުގައިވެސް ޤަޞްދު މިކުރީ ބެސްޓީ އުފާވާނެ ގޮތަށް ކަންކަން ކޮށްދޭށެވެ. ފިރިމީހާ ގޮވައިގެން އަވަހަށް މިގެއިން ދާށެވެ. ހިނދުކޮޅަކަށްވެސް މަޑުކުރަން ނުހަދާށެވެ. ދެމީހުން އެކުގައި ހަމަމިހާރު މިގެއިން ނުކުންނާށެވެ."  

ދެމީހުންވެސް ވަރަށް ދެރަވާކަމަށް ހެދުނެވެ. އާދޭސްވެސް ކުރިއެވެ. މާފަށްވެސް އެދުނެވެ. ބެސްޓީ ބުނީ އެކަންކުރީ އަޅުގަނޑުގެ އެދުމަށް ފިރިމީހާގެ ޙަޤީޤަތް އޮޅުންފިލުވަން ކަމަށެވެ. އަޅުގަނޑު ބުނީ ދެމީހުން ގުޅުން ހިންގާތާ 3 އަހަރުވީ މީގެ މަހެއްހައި ދުވަސްކުރިން އެވާހަކަ އަހަރެން ބުނާނެކަން އެހައިކުރިންވެސް އެނގިގެން ކަމަށްވީމާ އިތުރަށް ބުނާނެ އެއްޗެއް ނެތް ކަމަށެވެ. އިތުރަށް ވާހަކަ ދައްކަން އުޅުނީމާ ދައްކަންޖެހޭނީ ނުދައްކަން ޖެހޭ ވާހަކަތައް ކަމަށެވެ. ވީމާ އެންމެ ރަނގަޅު ގޮތަކަށް ދެންވެސް ވާނީ ދެލޯބިވެރިން އަވަހަށް ގެއިން ނުކުމެގެން ދިއުން ކަމަށެވެ.  

އެހެން ބުނެފައި ފިރިމީހާގެ އެއްޗެތި ފޮށްޓަކަށް އަޅައިދީފައި ދެމީހުން އެކުގައި ކޮއްޕަމުން ގެއިން ނެރެލީމެވެ. ދެން ދުވަހަކުވެސް ގެއަށް ވަދެގެން ނުވާނެ ކަމަށްވެސް ބުނީމެވެ. އަޅުގަނޑުގެ މޫނު ފެންނަ ހިސާބަށްވެސް ދެމީހުންކުރެ މީހަކު އައިސްގެން ނުވާނެ ކަމަށްވެސް ބުނީމެވެ. ގެއިން ނެރެފައި ދެމީހުންނަށް ބާއްޖަވެރި ޙަޔާތަކަށް އެދި ދުޢާވެސްކުރީމެވެ. 

ފަހުން އެނގުނު ގޮތުގައި ފިރިމީހާ ވަޒީފާއަކަށް ނުގޮސް ހުންނަނީވެސް ވަޒީފާއެއް ނުލިބިގެނެއް ނޫނެވެ. އަޅުގަނޑު އޮފީހަށް ދިއައިމަ ދެމީހުން ކުޅިގަނޑު ހިންގަންވެގެންނެވެ. މިހައި ތެދުވެރި ފިރިންނާއި ބަރާބަރު ބެސްޓީން ހަމަ ވަރަށް ގިނަވެއްޖެ ނޫންތޯއެވެ؟  

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ ފުރަތަމަ ކައިވެނީގައި ކުރަންޖެހުނު ތަޖުރިބާތަކެވެ. 11 އަހަރުވީ ކައިވެނި ނިމިގެންދިއަގޮތުގެ ވާހަކައެވެ. ބެސްޓީން އެންމެ ބެސްޓީ ހަމަ ފިރިމީހާ ޖަހައިގަންނަން ކަމަށް ބުނުން ފިޔަވައި އިތުރު އެއްވެސް އެއްޗެއް ބުނާކަށް ނެތީމެވެ.  

- ނިޔޫ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

 

 

 

މިއަދު އޮންލައިން