އަޅުގަނޑުގެ ޢުމުރަކީ 23 އަހަރެވެ. ނަމަވެސް އެކަނިވެރި މައެކެވެ. 2 ދަރިންގެ މަންމައެކެވެ. މައިންބަފައިންގެ ފަޤީރުކަމާއިހުރެ މާމޮޅަށް ކިޔަވައިދެވިފައެއް ނެތެވެ. އެހެންކަމުން އޮފީހަކުން ލިބުނީ ވަރަށް އާދައިގެ ވަޒީފާއެކެވެ.
ވަޒީފާގައި 3 އަހަރުއުޅުނުފަހުން ވެރިމީހާ ބުނީ އޮފީހުގައި މަސައްކަތްކުރާ ވަގުތު އޭނާގެ ގޭގައި މަސައްކަތްކޮށްދޭނަމަ އޮފީހުންދޭ މުސާރައަށްވުރެ ރަނގަޅު މުސާރައެއް ދޭނެ ކަމަށެވެ. އަޅުގަނޑަށް މުހިންމީ ފައިސާކަމަށްވުމުން އެ ހުށަހެޅުން އަޅުގަނޑު ޤަބޫލުކުރީމެވެ. ވެރިމީހާ ބުނީ އެގޮތަށް ހުށަހެޅީ އޮފީހުގެ މަސައްކަތަށް ފަރުވާ ބަހައްޓާތީ ގޭގެ މަސައްކަތަށްވެސް ފަރުވާ ބަހައްޓާނެތީ ކަމަށެވެ. އަދި ސިއްރު ކަމެއް ނުކުރާނެކަން ޔަޤީންކުރެވޭތީ ކަމަށެވެ.
ގޭގައި މަސައްކަތްކުރަންފެށިތާ ކުޑަދުވަސްކޮޅެއްވެސް ނުވަނީސް މެޑަމްގެ ޒީލަގަދަކަން ދައްކަން ފަށައިފިއެވެ. އެއްވެސް ކަމެއް ރަނގަޅަށް ކުރެވޭކަމަކަށް ނުވެއެވެ. ތަންތަން އަމިއްލައަށް ހަޑިކޮށްފައިވެސް ސާފުނުކުރަނީ ކަމަށްބުނެ އެއްޗެތި ގޮވަންފަށައިފިއެވެ. ދޮވެފައި ހިއްކަން އަޅާފައި ހުންނަ އެއްޗެތި ހަޑިކޮށްފައި އެތަން ދައްކައި އަލުން ދޮއްވަން ފަށައިފިއެވެ.
އެކަންކަމާއިހުރެ ރޮވޭ ދުވަސްތައް މަދެއް ނޫނެވެ. އެކަނި ރޯންހުއްޓައި، ނޫނީ މަސައްކަތުގައި އުޅޭއިރު ރޮވޭތަން ވެރިމީހާއަށް ފެންނަން ފަށައިފިއެވެ. ފެންނަ ކޮންމެ ދުވަހަކުވެސް ރޯ ސަބަބާއިމެދު ސުވާލުކުރެއެވެ. ނަމަވެސް ކިޔައެއް ނުދެމެވެ. އެއީ އަޅުގަނޑާއިހުރެ ދެމަފަރިންގެ މެދުގައި އެއްވެސް މައްސަލައެއް ޖެހެން ބޭނުން ނުވާތީއެވެ.
ކިތަންމެ ދުވަހަކު އަލުން އޮފީހުގެ ވަޒީފާއަށް ބަދަލުކޮށްދޭން އެދެން ވިސްނީމެވެ. އެކަމަށްވެސް އޮތް އެންމެ ބޮޑު ހުރަހަކީ ސަބަބާއިމެދު ސުވާލުކޮށްފިނަމަ ތެދަށް ކިޔައިދޭންޖެހޭނެތީއެވެ. އަޅުގަނޑަކީ އެއްވެސް ކަމެއްގައި ދޮގުހަދާ އަންހެނަކީމެއް ނޫނެވެ. ވީމާ ދޮގު ނުހެދޭނެތީއެވެ.
އެފަދަޙާލެއްގައި އުޅެމުން ދަނިކޮށް އެއްދުވަހަކު މެޑަމް ގެއަށް އައިތާ ކުޑައިރުކޮޅެއްވެސް ނުވަނީސް ގޮވައި ކޮޓަރިއަށް ގެންގޮސްފައި ސުވާލުކުރީ ކޮޓަރީގެ މޭޒުމަތީގައި ބަހައްޓާފައި ދިއަ ރަންފަށަކާއި 2 އަނގޮޓި ކޮބައިތޯއެވެ؟ ނުދެކޭކަމަށް ބުނުމުން ވަރަށް ހަޑިހުތުރުކޮށް އެއްޗެތި ގޮވަން ފެށުމުން ރޮވުނެވެ. އެންމެ ބޮޑަށް ދެރަވީ ވަގުބަދުނާމު އެޅުވީތީއެވެ.
އެވަގުތު ފިރިމީހާ އައިސްވަނުމުންވެސް އަޅުގަނޑުގެ ބޮލުގައި ވަގުބަދުނާމު އަޅުވައި ޝަކުވާކުރިއެވެ. ފިރިމީހާ ބުނީ ޔަޤީންނުވާ ކަމެއްގައި އެއްވެސް މީހެއްގެ ބޮލުގައި ވަގުބަދުނާމު އަޅުވައިގެން ނުވާނެ ކަމަށެވެ. އަދި އަލަމާރި ޢާއި ތަންތަން ރަނގަޅަށް ބެލުމަށެވެ.
އެހެންބުނެފައި ފިރިމީހާ އަލަމާރި ހާވަމުންދަނިކޮށް ގެއްލުނުކަމަށްބުނި އެއްޗެތި ފެނުމުން ނަގައި އަނބިމީހާއަށް ދައްކާފައި އަޅުގަނޑުގެ ކިބައިން މާފަށް އެދެން ބުންޏެވެ. މާފަށް އެދުމުގެ ބަދަލުގައި މެޑަމް އިތުރަށް ރުޅިގަދަވެ ދެމީހުން (އަޅުގަނޑާއި ވެރިމީހާ) އުޅެނީ ހިތާވެގެން ކަމަށްބުނެ އެކަމުގެ ބަދުނާމުވެސް އެޅުވިއެވެ. ވީދެރައިން ކުރިއަށްވުރެ ބާރަށް އަޅުގަނޑަށް ރޮވެން ފެށިއެވެ.
ވެރިމީހާ ބުނީ މޫނުދޮވެލައިގެން ގެއަށް ދިއުމަށެވެ. ހަދަންވީ ގޮތެއް ބުނަންދެން ގޭގައި މަޑުކުރުމަށާއި ގޭގައި މަޑުކޮށްގެން ހުންނަ ދުވަސްތަކަށްވެސް މުސާރަދޭނެ ކަމަށެވެ. އެހެންބުނުމުން އަޅުގަނޑު ނުކުމެގެންދިއައީއެވެ.
ގޭގައި ހުންނަތާ ހަފްތާއެއްވީތަނާ އެއް ދުވަހު ހަވީރު ވެރިމީހާ ގެއަށް އައިސް ބުނީ 2 ދަރިން ގޮވައިގެން ކާރަށް އެރުމަށެވެ. އަޅުގަނޑަކީ އޭނާ އާއި ކޮންމެހެން ދައްކަންޖެހޭ ވާހަކައެއް ނޫނީ ދައްކާ މީހަކަށްނުވާތީ އާއި އޭނާއަށް ފުރިހަމައަށް އިތުބާރުކުރެވޭތީ ސުވާލެއްވެސް ނުކޮށް ކާރަށް އެރީމެވެ.
ކާރުގައި ގެންދިއައީ އޭނާގެ ގެއަށެވެ. ގެންގޮސްފައި ކޮޓަރިއެއް ދައްކާފައި ބުނީ 2 ދަރިން ގޮވައިގެން ގޭގައި އުޅުމަށެވެ. "އަނބިމީހާ ވަރިކޮށްފަ ފޮނުވށާލައިފިން. ވީމާ އަމުރުކުރާނެ އިތުރު މީހަކު ނުހުންނާނެ. ގޭގެ ކަންކަން ބަލަހައްޓައިގެން ގޭގައި އިނދޭ."
އިތުރު އެއްވެސް ވާހަކައެއް ނުދައްކައެވެ. އަޅުގަނޑަށް ކުރެވުނުހައި ރަނގަޅަކަށް ގޭގެ ކަންކަން ކުރަމުން ގެންދިއައިމެވެ. ވެރިމީހާވެސް އަޅުގަނޑަށް ކަންކަން ކުރަނީ ވަރަށް ހެޔޮކޮށެވެ. މުސާރައިގެ އިތުރުން ކުދިންނަށް ބޭނުންވާ ގިނަ ކަންކަންވެސް ކޮށްދިނެވެ.
އެގޮތަށް އިންދައި އެއްދުވަހު މެޑަމް ގެއަށް އައިސް އަޅުގަނޑަށް އެއްޗެތިގޮވަމުން ގޮސް ދެމީހުން ކައިވެނިކުރީތޯ ސުވާލުކޮށް މަލާމާތްކުރި ވަގުތަކީ ވެރިމީހާއަށް ގެއަށް އައުދެވުނު ވަގުތެވެ. ވެރިމީހާއަށް އެއަޑުއިވުމުން ވަރަށް ރުޅި އައެވެ. އެދުވަހު ނޫނީ ވެރިމީހާ ރުޅިއައިސްފައި ހުއްޓައެއް ދުވަހަކުވެސް ނުދެކެމެވެ.
ވެރިމީހާ ބުންޏެވެ. "ކަންތައްތައް ތިއަ ގެންދިއައީ މާމައްޗަށެވެ. ދެން އޮޅިގެންވެސް މިގެއަށް ވަދެގެންވެސް ނުވާނެއެވެ. ބަލަ އެއީވެސް އަންހެނެއް ނޫންހެއްޔެވެ؟ ކައިވެނި ނުކުރަންވީ ސަބަބެއްވެސް ނެތެވެ. އޭނާގެ ކިބައިގައި ކަލޭގެ ކިބައިގައި ނެތް ސިފަތައް އެބަހުއްޓެވެ. އެއީ ރިވެތި އަޚްލާޤެވެ. ބަސްމަގު ރިވެތިކަމެވެ."
އަނބިމީހާ ނުކުމެގެންދިއުމުން އަޅުގަނޑު ގާތު އެހީ ކައިވެނިކުރަން އެއްބަސްތޯއެވެ؟ އަޅުގަނޑު އެއްބަސްވުމުން އެދުވަހު ރަންކިޔުއްވައި ކައިވެނިކުރަން ކޯޓަށް ފޯމުލައިފިއެވެ. 3 ވަނައަށް އޮތް ދުވަހު ކައިވެނިކޮށްފިއެވެ. އެ ކައިވެނިމަތީގައި މިހާރު 18 އަހަރުވީއެވެ. ދުވަހަކުވެސް ހިނިތުންވެގެން ހުރެ ނޫނީ އަޅުގަނޑާއި ކުރިމައްޗެއް ނުލައެވެ. ކައިވެނީގައި ލިބިފައި ތިބި 3 ދަރިންނާއި އަޅުގަނޑުގެ 2 ދަރިން އެއްވެސް މިންވަރަކަށް ތަފާތެއް ނުކުރެއެވެ.
އަޅުގަނޑުގެ ޙަޔާތުގައި ކުރިމަތިވި ގޮތުގެ ވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަބަދުހެން ޙަޤީޤީ ޙާދިސާތަކުން ފެންނަނީ ގޭގައި ގެންގުޅޭ އަންހެނުން ވެރިމީހާއާއި ހިތާވެގެން ޖެހޭ މައްސަލަތަކާއި އެކަމުގެ ސަބަބުން ދެމަފިރިންގެ ދިރިއުޅުން ހަލާކުވާވާހަކައެވެ. އަޅުގަނޑުގެ ބޭނުމަކީ ދެމަފިރިންގެ ދެމަދަށް ނުވަދެ ޙައްޤު ގޮތުގައި ހުރިނަމަވެސް ތެދުވެރިކަމާއިއެކު މަސައްކަތްކުރާނަމަ ދިރިއުޅުމުގައި ރަނގަޅު ގޮތްތައް މެދުވެރިވާނެ ވާހަކަ ބުނުމެވެ. އެގޮތުން ކޮންމެ ނޯކަރަކަށް ވވެރިމީހާ ނުލިބިދާނެއެވެ. ނަމަވެސް ރަނގަޅު ގޮތުގައި ހުރިނަމަ ހެޔޮލަފާ ބައިވެރިއަކު ދެއްވަވާނެ ކަމަށް ބުނުމެވެ. އުފާވެރިކަން ދެއްވަވާނެ ކަމަށް ބުނުމެވެ.
- ސަލީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް