އިންތިހާއަށް ދަތިޙާލުގަ އުޅެންޖެހުނަސް ތަޤްވާވެރި، ރަނގަޅު ގޮތުގަ ދަރިން ތަރުބިއްޔަތުކުރާނަމަ މުޅި ޢާއިލާއަށް އުފާވެރިކަން ލިބޭނެކަން އެނގޭ ޢިބްރަތްތެރި ވާހަކައެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 17ސ
އިންތިހާއަށް ދަތިޙާލުގަ އުޅެންޖެހުނަސް ތަޤްވާވެރި، ރަނގަޅު ގޮތުގަ ދަރިން ތަރުބިއްޔަތުކުރާނަމަ މުޅި ޢާއިލާއަށް އުފާވެރިކަން ލިބޭނެކަން އެނގޭ ޢިބްރަތްތެރި ވާހަކައެއް-

މޫސައާއި ޢީސަ އާއި މަރްޔަމްއަކީ 3 ބެއިންނެވެ. 3 ބެއިން ވަރަށް ކުޑައިރު ބައްޕަވަނީ ނިޔާވެފައެވެ. ބައްޕަ ނިޔާވުމުންވަރަށް ދަތިޙާލުގައި 3 ބެއިން ބަލަމުން އައީ މަންމައެވެ. އިތުރު ކައިވެންޏެއްވެސް ނުކުރެއެވެ. އެކަނިވެރި މަންމައެއްގެ ގޮތުގައި އިނދެގެންނެވެ. 

ޢީސަ އަކީ ދެވަނަ ދަރިފުޅެވެ. އުފަންވުމުގައިވެސް ނުކުޅެދުންތެރިކަންހުރި ކުއްޖެކެވެ. ޑޮކްޓަރުން ބުނަނީ ވަރަށް ޚަރަދުބޮޑު އޮޕަރޭޝަނެއް ކޮށްފިނަމަ ހިނގައި އުޅެވިދާނެ ކަމަށެވެ. މަންމަ ގޭގޭގައި ނޯކިރީކޮށްގެން ލިބޭ ފައިސާކޮޅުން އަސާސީ ބޭނުންތައްވެސް ފުއްދައިނުލެވޭއިރު އެފަދަ ޚަރަދެއް ކުރެވޭނެ އެއްވެސް ގޮތެއް ނެތުމުން ކެތްތެރިވެ ދުޢާކުރުންމަތީގައި ތިބީއެވެ. 

މަންމައަކީ ވަރަށް ތަޤްވާވެރި އަންހެނެކެވެ. ދަރިންލައްވައި ބަރާބަރަށް ނަމާދުކުރުވައެވެ. ރަވާތިބު ސުންނަތްތައްވެސް ކުރުވައެވެ. ކޮންމެ ރެއަކު ވިތުރި ކުރަނީ 4 މައިން އެކުގައެވެ. ވިތުރިކޮށްގެން 4 މައިން އެކުގައި ދުޢާވެސް ކުރެއެވެ. 

އެންމެ ދޮށީ މޫސައެވެ. މޫސަގެ ޢުމުރުން 15 އަހަރުގައި ނޯކިރީއެއް ހޯދިއެވެ. އެއީ ސްކޫލް ނިމިގެން ގެއަށް އައިސް އަވަށްޓެރި ވަރަށް ތަނަވަސް މީހެއްގެ ގެކުނިހައި ސާފުކޮށް އަދި ދެންވެސް ހުންނަ އޭނާއަށް ކުރެވޭ ވަރުގެ މަސައްކަތްކުރަންޖެހޭ ނޯކިރީއެކެވެ. 

އެއްދުވަހު މޫސަ ކުނިކަހައި ނިމިގެން ކުނިތައް ވަށިގަނޑަށް އަޅައި ވަށިގަނޑު ބޮޑުކޮތަޅަކަށް އަޅަން އުޅުމުގެ ތެރޭގައި ބަންދުކޮށްފައި އޮތް ސިޓީއުރައެއް ފެނުނެވެ. ފެނުމާއިއެކު އެއުރަ ނަގައި ރައްކާކުރިއެވެ. ގޭގެ ވެރިންނަށް ދައްކާފައި ނޫނީ އެއްލައިނުލަންވެގެންނެވެ. އެގޮތަށް ކަންތައްކުރަން ނިންމީ އަލިކޮށްލާފައި ބަލައިލުމުން އުރައިގައި ޑޮލަރުހުރިކަމަށް ޝައްކުކުރެވިގެންނެވެ. 

ކޮންމެއަކަސް ހަވީރު ސައިބޯން ގޭގެވެރިންނާއި ދަރިން ތިރިއަށް ފައިބައި ސައިބޯން ފެށުމުން އުރަ ހިފައިގެންގޮސް ވެރިންނަށް ދެއްކިއެވެ. އަދި އެއުރަ އޮތީ ކުނިވަށިގަނޑުގައި ކަމަށާއި އެއްލައިނުލީ އަލިކޮށްލާފައި ބަލައިލުމުން އުރައިގައި ފައިސާހުރިކަމަށް ޝައްކުވެގެންކަމަށް ވެސް ބުންޏެވެ.   

އުރައިގައި ހިފައި ކަނޑައި ބަލައިލިއިރު 3000 ޑޮލަރު އޮތެވެ. އަދި 2 މިލިއަން ޑޮލަރުގެ ޗެކެއްވެސް އޮތެވެ. އެއުރައަކީ ކުރީ ދުވަހު ގެއަށް ގެނައި އުރައެއްކަމާއި ގެއަށް ގެނައުމަށްފަހު އުރައިގެ މަތިން ހަނދާންނެތިފައިވާކަން ވެރިމީހާގެ ހަނދާނަށް އައެވެ. 

އުރަ ދީފައި ގޮސް މޫސަ އުޅުނީ އޭނާގެ މަސައްކަތުގައެވެ. މަސައްކަތުގަ ހުއްޓައި ވެރިމީހާ ގޮވާލުމުން ދިއުމުން މޫސަގެ ޢާއިލާގެ ޙާލަތާއިބެހޭ ގޮތުން ކަންކަން އޮޅުންފިލުވަން ސުވާލުތައް ކުރުމުން ދިރިއުޅެމުންދާ ނިކަމެތި ޙާލު ކިޔައިދިނެވެ. އަދި އެހައި ޅަޢުމުރުގައި ނޯކިރީކުރަންޖެހުނު ސަބަބުވެސް ކިޔައިދިނެވެ. މޫސަގެ ވާހަކަތައް އަޑުއެހުމަށްފަހު ވެރިމީހާ ބުނީ އެރޭ 9 ޖަހާއިރު އެދެމަފިރިން އެގެއަށް ދާނެވާހަކަ މަންމަ ގާތުގައި ބުނުމަށެވެ. އަދި އެކަމާއި ކަންބޮޑު ނުވުމަށްވެސް ބުނުމަށެވެ. 

އެރޭ އެދެމަފިރިން އެގެއަށް ގޮސް އެދުވަހު ހިނގައިދިއަ ކަންކަމުގެ ވާހަކަ މޫސަގެ މަންމައަށް ކިޔައިދިނެވެ. އަދި މޫސަގެ ތެދުވެރިކަމަށް ތަޢްރީފްކޮށްފައި ބުނީ އެރެއިން ފެށިގެން 4 މައިންގެ ހުރިހާ ކަންކަން ބެލެހެއްޓުމާއި ދެމަފިރިން ޙަވާލުވީކަމަށެވެ. ޢީސަގެ ފައިވެސް އޮޕަރޭޝަންކޮށްދޭނެ ކަމަށެވެ. ދެންވެސް ކުރިމަތިވާ ހުރިހާ ކަމެއްވެސް ކޮށްދޭނެ ކަމަށެވެ. މޫސަ ދެން މަސައްކަތް ދާން ނުޖެހޭނެ ކަމަށާއި މަންމަވެސް މަސައްކަތްކުރަން ދެން ނުޖެހޭނެ ކަމަށެވެ. ކުދިންނަށްވެސް އެކުދިން ކިޔަވަން ބޭނުންވާ އެންމެ މައްޗަކަށް ކިޔަވައިދޭނެ ކަމަށެވެ. 

އެމީހުންގެ ވަޢުދުފުއްދިއެވެ. ކިޔަވައި ނިމިގެން މިއަދު 3 ކުދިން ވެސް ތިބީ ވެރިމީހާގެ ކުންފުނިތަކުގެ އިސްމަޤާމުތަކުގައެވެ. ޢާއިލާ ދިރިއުޅެމުންދަނީ ނުހަނު އުފަލުގައެވެ. ތަނަވަސްކަމުގައެވެ. އަދި ހަމަ ކުރިއާއި އެއްފަދައިން ތަޤްވާވެރިކަމުގައެވެ. 

މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރީ ހަމައެކަނި ކިޔުންތެރިން ކިޔާލާފައި އެހިސާބުން ނިންމައިލާކަށް ނޫނެވެ. އަޅުގަނޑުގެ އުންމީދަކީ ބެލެނިވެރިން މިވާހަކައަށް ޢަމަލުކޮށް އެކުދިންގެ މަންމަ ފަދައިން ދަރިން ތަރުބިއްޔަތުކުރުމެވެ. އަދި އެއިގެ އިތުރުން މިވާހަކަ ޢާއި މިފަދަ ޢިބްރަތްތެރި ވާހަކަތައް ދަރިންނަށްވެސް ޙިއްޞާކޮށް ކިޔައިދިނުމެވެ. މޫސަ ފަދަ ދަރިއެއްގެ ގޮތުގައި ދަރިން ބޮޑެތިކުރެވުމަށްވުރެ ބޮޑު އުފަލެއް އޮންނާނެ ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ. 

- ލިޔުޝާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

މިއަދު އޮންލައިން