ސަރުކާރުގެ "ފަސް އަހަރުން ފަސް މިލިއަން ގަސް" ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، ސްޓެލްކޯއިން ފަށާފައިވާ ޙަރަކާތުގެ ދަށުން މިހާތަނަށް 36،825 ގަސް އިންދާފައިވާކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ މި އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް، ކުންފުނިން ޚިދުމަތްދޭ ރަށްރަށުގައި މި ގަސްތައް އިންދާފައިވެއެވެ. މި މަޝްރޫޢުގެ ދަށުން ސްޓެލްކޯއިން ވަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ފަސް ލައްކަ ގަސް އިންދުމަށް އަމާޒު ހިފާފައެވެ.
މިކަމާ ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ، "ސްޓެލްކޯގެ ލަނޑުދަނޑިކަމުގައިވާ ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި 500،000 ގަސް އިންދުމަށް ފުރިހަމައަށް ތައްޔާރަށް ތިބިކަމަށާއި މި ޕްރޮގްރާމް 2024 ވަނަ އަހަރުގެ ޖޫން މަހު ފެށުނީއްސުރެ، ކޮންމެ މަހަކު ގާތްގަނޑަކަށް 9،200 ގަސް އިންދުމުގެ ލަނޑުދަނޑި އަންނަނީ ޙާޞިލުކުރަމުން" ކަމަށެވެ.
ފަހުމީ އިތުރަށް ވިދާޅުވީ، މި ދުވެލީގައި، 60 މަސްދުވަހުގެ ތެރޭގައި އެ ކުންފުނީގެ ލަނޑުދަނޑިކަމުގައިވާ 500،000 ގަސް އިންދުމަށް ކާމިޔާބުވާނެކަމުގެ ޔަޤީންކަން އޮތް ކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކަށް ފައިދާކުރާނެކަމާއި، ތިމާވެއްޓަށް ދެމެހެއްޓެނިވި ހެޔޮ އަސަރެއް ކުރާނެކަމާމެދު ޝައްކެއް ނެތްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ފަހުމީ ވަނީ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު ފައްޓަވައިދެއްވި ކަމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން، މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ސްޓެލްކޯގެ މުވައްޒަފުންނާއި، ކައުންސިލް މެންބަރުންނާއި، އަދި މުޖުތަމަޢުގެ ފަރާތުން ލިބެމުންދާ އަގުހުރި އެހީތެރިކަމަށް ވެސް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.