ވަޒީފާ އަދާކުރާ ހުރިހާ އަންހެނުން ދަސްކުރަންޖެހޭ ފިލާވަޅެއް! ދަސްކޮށް ޢަމަލުކޮށްފިނަމަ ކުރާ ފައިދާ ބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
ވަޒީފާ އަދާކުރާ ހުރިހާ އަންހެނުން ދަސްކުރަންޖެހޭ ފިލާވަޅެއް! ދަސްކޮށް ޢަމަލުކޮށްފިނަމަ ކުރާ ފައިދާ ބޮޑުވާނެ! އިން ޝާ ﷲ

އަޅުގަނޑު މިކިޔައިދެނީ އަޅުގަނޑު މަސައްކަތްކުރާ އޮފީހުގައި ވަރަށް ފަހުން ހިނގައިދިއަ ކަމެއްގެ ވާހަކައެވެ ވިސްނުންތެރިކަމާއެކު ވިދާޅުވަމުން ގެންދަވާށެވެ! 

އޮފީހަށް ވެއްދި އައު ސެކެޓްރީއަކީ ވަރަށް ރީތި އަންހެން ކުއްޖެއްކެވެ. ނަމަވެސް ވަރަށް ސީރިއަސް ކުއްޖެކެވެ. ބޭކާރު ވާހަކަތަކެއް ނުދައްކައެވެ. އަބަދުހެން އިންނަނީ މަސައްކަތުގައެވެ. މީހުންނާއި އެހައިބޮޑަށް ގުޅިގެނެއްވެސް ނުއުޅެއެވެ. 

ކޮންމެއަކަސް ބޮސްއަށް އޭނާ ވަރަށް ކަމުހިނގައްޖެއެވެ. އެހެންވެ އޭނާ ބޮސްއާއި ކައިރިކުރަން އުޅެއުޅެ އެކަމެއް ނުވިއެވެ. ހަދިޔާއެއް ދިނަސް ނުހިފައެވެ. ބުނަނީ މުސާރައިން ފުދޭކަމަށާއި އެހީއަކަށް ބޭނުންވެއްޖެނަމަ ބުނާނެ ކަމަށެވެ. އޭނާގެ މޭޒުދޮށަށް ބޮސް ހިނގައްޖެނަމަ ކޮޅަށް ތެދުވެއެވެ. ވާހަކަދައްކާއިރު މޫނަކަށް ނުބަލައެވެ. ބޮސްގެ މޭޒަށް ގޮސްފައިވެސް ކަންކަން ކުރަނީ އެގޮތަށެވެ. 

ބޮސް ކަންތައްކުރަންފެށި ގޮތަކީ ކޮންމެ ދުވަހަކުވެސް އޭނާއަށް ނުނިންމޭނެހައި ގިނަ މަސައްކަތްތައް ޙަވާލުކުރަން ފެށުމެވެ. ރޭގަނޑުވެސް ކުރަންޖެހޭ ވަރަށެވެ. އެގޮތަށް ކަންތައްކުރަންފެށުމުން އޭނާ އިސްތިޢުފާ ދިނީއެވެ. 

ބޮސްއަކަށް މަޑަކުން ނުހުރެވުނެވެ. އޭނާގެ ގެއަށް ގޮސް ބައްދަލުކޮށްފިއެވެ. ލޯބިވާ ވާހަކަ ބުނެ ބުރަކޮށް މަސައްކަތްކުރީ ގިނައިރު ކުރިމަތީގައި ގެންގުޅެން ބޭނުންވެގެން ކަމަށްވެސް ބުނެފިއެވެ. އޭނާ ބޮސްއަށް ދިން ޖަވާބު އެނގޭހެއްޔެވެ؟ "ވަޒީފާ އަދާކުރުމާ ލޯބިވުމާ އެއީ ތަފާތު 2 ކަމެކެވެ. އެއީ އެއްތަނެއްގައި ކުޅެން ރަނގަޅު ދެކުޅިވަރެއް ނޫނެވެ. ސްޓޭޑިއަމްގައިވެސް ކޮންމެ ދަނޑެއްގެ ވަށައިގެން ފެންސް ޖަހާފައި ހުންނަނީ ފެންސް ނުޖަހާނަމަ އެއްދަނޑެއްގައި ކުޅޭ ކުޅިވަރުން އެހެން ދަނޑުތަކަށް އުނދަގޫވާނެތީއެވެ. ދެން ތިއަ ބުނަނީ ލޯބިވާ ވާހަކައެވެ. ލޯބިވާ މީހަކުލައްވައި އޭނާއަށް ނުކުރެވޭބަރަށް މަސައްކަތްދީ މުޅި މީހާ ހަފުސްކޮށެއް ނުލާނެއެވެ. 

މިބުނި ކަންކަމަށް ސަމާލުކަންދީގެން މަސައްކަތް ކުރިއަށް ގެންދާށެވެ. ފައިދާފެންނާނެއެވެ. ތަފާތުވެސް ފެންނާނެއެވެ. ދެން ކަލެއާއި ކައިވެނިކޮށްފިނަމަ ލޯބިވާވަރުން ކުރަން ޖައްސާ ކަންކަން ގިނަވެ އަހަރެންގެ ހަށިގަނޑު ބަލިކަށިވެގެން ހިނގައިދާނެ ނޫންހެއްޔެވެ؟ ވީމާ ފުރަތަމަ ލޯބި ދަސްކުރާށެވެ. ދެން ލޯބިވާން ދަސްކުރާށެވެ! 

ކަލޭގެ ޢަމަލުތައް އިޞްލާޙްކޮށް ރިވެތި، އަޚްލާޤް ރަނގަޅު އުޅުމެއް އުޅެ، މުވައްޒިފުން ގެންގުޅެން ދަސްވި ދުވަހަކުން އަހަރެންވެސް މިހުރީ ލޯބީގެ ވާހަކަ ދައްކާށެވެ!" 

އެހިސާބުން ބޮސްގެ ޢަމަލުތައް އިޞްލާޙްކުރިއެވެ. ހަރުދަނާ މީހަކަށްވާން މަސައްކަތް ފެށިއެވެ. އެކަމުގެ ފައިދާ އޮފީހުގައި މަސައްކަތްކުރާ އެންމެންނަށް ކުރަން ފެށިއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮސް އަކީ މުޅިން ތަފާތު މީހަކަށް ބަދަލުވިއެވެ. ކުރަމުން އައި ވިޔަފާރި ކުރިއަރައިގެން ދިއައެވެ. އެއީ މުވައްޒިފުން ކުރާހިތުން މަސައްކަތްކުރަން ފެށުމުންނެވެ. 

ކަންކަން އިޞްލާޙުވުމުން އެދެމީހުން މިހާރުތިބީ ކައިވެނިކޮށްގެންނެވެ. އުފަލުގައި ދިރިއުޅެމުން އެބަދެއެވެ. އެފަދަ މެޑަމެއް ލިބުނު ކަމަށްޓަކައި ހުރިހާ މުވައްޒިފުން އުފާކުރެއެވެ. ޙައްޤު އިޙްތިރާމް މެޑަމަށް އަދާކުރެއެވެ. 

މިކަންކަން އަޅުގަނޑަށް އެނގުނީ ބޮސްކިޔައިދިނުމުންނެވެ. ބޮސް ބުނީ އެސެކެޓްރީ ބޮސްއަށް ދިނީ ވަރަށް އަގުހުރި ފިލާވަޅެއް ކަމަށާއި އުމުރުގައިވެސް އެކަންކަން އެގޮތަށް ދަމަހައްޓާނެ ކަމަށެވެ. 

މިވާހަކަ މިއަދުނޫހަށް ޙިއްޞާ މިކުރީ މިވާހަކައިގައި ވަޒީފާ އަދާކުރާ ހުރިހާ އަންހެނުންނަށް ވެސް އަގުހުރި ފިލާވަޅެއްވާތީ އާއި އަދި ވެރިންނަށްވެސް ފިލާވަލެއްވާތީއެވެ. 

- ފަރީޝާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން