ފަތުރުވެރިކަމުގެ ހުރިހާ ވިޔަފާރިތަކަކުން ރަޖިސްޓްރީވާން އެމްއެމްއޭ އިން ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ފަތުރުވެރިކަމުގެ ހުރިހާ ވިޔަފާރިތަކަކުން ރަޖިސްޓްރީވާން އެމްއެމްއޭ އިން ހުޅުވާލައިފި

އަލަށް އަމަލުކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގަވާއިދާ އެއްގޮތަށް، ފަތުރުވެރިކަމުގެ ހުރިހާ ވިޔަފާރިތަކަކުން ރަޖިސްޓްރީވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހުޅުވާލައިފިއެވެ.

އެމްއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަތުރުވެރިކަމުން ނަފާވާ ހުރިހާ ވިޔަފާރިތަކަކުން ވެސް މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން "މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެފްއެކްސް ޕޯޓަލް ރަޖިސްޓްރޭޝަން ފޯމް" އެ އިދާރާއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މި އައު ގަވާއިދުގެ ދަށުން، ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ހުރިހާ ވިޔަފާރިތަކަކުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓްރީކުރުމަށް ހުށަހަޅަން ޖެހޭނެއެވެ. އަދި މީރާގައި ރަޖިސްޓްރީކުރެވުމުން، ކުރިއަށް އޮންނަ 30 ދުވަހުގެ ތެރޭގައި އެމްއެމްއޭގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ބޭރު ފައިސާއާ ބެހޭ އާ ގަވާއިދަށް އަމަލުކުރަން ފެށުމާ ގުޅިގެން، ފުރިހަމަ ކުރަން ޖެހޭ ކަންކަމުގައި ހުރިހާ ވިޔަފާރިތަކަކުން ވެސް އެއްބާރުލުން ދިނުމަށް އެމްއެމްއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މި އައު ގަވާއިދުގެ ދަށުން ފަތުރުވެރިކަމުން ލިބޭ ހުރިހާ ބޭރު ފައިސާއެއް ވެސް ދިވެހިރާއްޖޭގައި ހުންނަ ބޭންކަކަށް ޖަމާކުރަން ޖެހޭނެއެވެ. މިއީ ރާއްޖޭގެ އިޤްތިޞާދަށް ވަންނަ ބޭރު ފައިސާ ހަރުދަނާކޮށް، ބެލެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ވިޔަފާރިތަކުން މި އައު ގަވާއިދަށް އަހުލުވެރިވެ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެމްއެމްއޭ އިން ވަނީ އިތުރަށް ފާހަގަކޮށްފައެވެ.                     

މިއަދު އޮންލައިން