އެއީ ތަނަވަސް ދެމަފިރިންނެވެ. ދެމަފިރިންގެ މެދުގައި މާބޮޑެތި މައްސަލަތަކެއް ނުޖެހެއެވެ. ހަމައެކަނި މައްސަލައަކަށްވެފައި އޮންނަނީ އަނބިމީހާ ފިރިމީހާއަށް ފަރުވާކުޑަކުރާ ކަމެވެ. އަނބިމީހާ އޭނާގެ އެކުވެރިންނާއިއެކު ގެއިން ބޭރުގައި ގިނަ ވަގުތުތައް ހޭދަކުރާކަމާއި ގޭގައި ހުންނަ ވަގުތުތަކުގައިވެސް ފިރިމީހާއަށް ދޭންޖެހޭ ސަމާލުކަން ނުދެވޭ ކަމެވެ.
އެގޮތަށް ކަންތައްތައް ވަމުން ދަނިކޮށް ގެއަށް މަސައްކަތްކުރަން ކުރަން ގެނެވުނު އަންހެނަކު މިކަން ފާހަގަކުރިއެވެ. އޭނާއަކީ އެހައި ސިފަ ރީތި އަންހެނެއް ވެސް ނޫނެވެ. ނަމަވެސް ދުރާލައި ވިސްނައިގެން އޭނާ މަސައްކަތްފެށީ ވެރިމީހާގެ ސަމާލުކަން ހޯދުމަށެވެ.
އެކި ގޮތްގޮތުން ކުރިހޯދަމުން ގޮސް އަނބިމީހާގެ އަތުންލަވައިދީގެން ކެއުމަކީ އޭނާ ވަރަށް ބޭނުންވާ ކަމެއްކަން އަންހެން މީހާއަށް އެނގުނެވެ. އެކަން އެނގުމާއިއެކު ވެރިމީހާ ކާން އިށީނުމުން ގާތަށް ގޮސް ކުކުޅުން މަސްނޮޅައިދިނުން ފަދަ ކަންކަން ކުރަން ފެށިއެވެ. މަޑުމަޑުން ކުރިއަށް ގެންދަމުން ގޮސް ސަމުސަލުން އަނގައަށް ލަވައި ކާންދޭންވެސް ފަށައިފިއެވެ.
އެކަންކަން އަނބިމީހާއަށް އެނގުނީ އެތައް ދުވަހެއްވީފަހުންނެވެ. އެނގުމާއިއެކު ރުޅިގަދަވެ މައްސަލަ ހޫނުކޮށްލައި އަންހެންމީހާ ވަގުތުން ގެއިން ބޭރުކޮށްލަން މަސައްކަތްފެށިއެވެ. ނަމަވެސް ފިރިމީހާ އެފުރުޞަތެއް ނުދިނެވެ. ބުނީ އޭނާއަކީ ވަރަށް ޠޯހިރު އަންހެނެއްކަމަށާއި ކިތަންމެ ޣާތްކޮށް އުޅުނު ނަމަވެސް ހުތުރު ބަހެއްވެސް ނުބުނާ ކަމަށެވެ. ވީމާ އެއްވެސް ކުށެއް ނެތި ނެރެ ފޮނުވައި ނުލެވޭނެ ކަމަށެވެ.
އަނބިމީހާއަކަށް ކެތެއް ނުކުރެވުނެވެ. ޒުވާބުކުރަން ފަށައިފިއެވެ. ފިރިމީހާއަށް މަޖުބޫރުކުރަން ފަށައިފިއެވެ. ފިރިމީހާގެ ޖަވާބަކަށްވީ އަންތބަކު ހުރެމެ ވަރަށް ގިނަ ދުވަހު އެކަނި އުޅެފިން ކަމަށާއި އަދިވެސް އެކަނި އުޅެވިދާނެ ކަމަށެވެ. އަންތބަކު ބޭނުންވަނީ ހަމައެކަނި އެއްދާންކުރަން ނޫން ކަމަށެވެ. ވީމާ އަނބިމީހާ ބޭނުންނަމަ ވަރިވެގެން ދެވިދާނެ ކަމަށެވެ.
އަނބިމީހާ އިޚްތިޔާރުކުރީ ވަރިވެގެން ދިއުމަށެވެ. ވަރިވެގެން ދިއަ ދުވަހު ގޭގައި ގެންގުޅޭ އަންހެން މީހާ އާއި ކައިވެނިކޮށް ދެމަފިރިންގެ ގޮތުގައި ދިރިއުޅެން ފަށައިފިއެވެ.
މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިވާހަކައިން ޙާޞިލްކުރަންޖެހޭ ޢިބްރަތަކީ އަނބިން ކުރާ ކަންކަމަށް އަދި އުޅޭ ގޮތަށް ފިރިން ޝަކުވާނުކުރިނަމަވެސް ފިރިންގެ ބޭނުންތައް ފުރިހަމަ ގޮތުގައި ފުއްދައި ނުދެވޭނަމަ ވެކިވާންޖެހިދާނެ ކަމެވެ. ހަމައެއާއިއެކު ސިފަ ހުތުރު ނަމަވެސް ފިރިހެނުންނަށް ބޭނުންވާ އަލައިލުން ދެވިއްޖެނަމަ ލޯބި އުފެދޭނެ ކަމެވެ.
އަނެއްކޮޅުވެސް އެބައޮތެވެ. ކިތަންމެ ލޯބިން ކަންކަން ކޮށްދިން ނަމަވެސް އަނބިން ނިކަމެތިކުރާ ފިރިން ވަރަށް ގިނައެވެ. މިވވާހަކަ މިބުނީ އެކަން ވަރަށް ބޮޑަށް ޤަބޫލުކޮށްގެން ހުރެއެވެ. އަޅުގަނޑު ބުނަން ބޭނުންވަނީ ވަރިކުރުން މިހައި ގިނަ ދުވަސްވަރެއްގައި ފިރިންނަށް އިހްމާލުނުވަމާ ހިނގާށެވެ. އިހްމާލް ނުވާނަމަ އިހްމާލްވިކަމުގެ ކުށެއް ހަމަގައިމުވެސް ނުދެއްކޭނެތީއެވެ.
މިވާހަކައިން މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތެއް ޙާޞިލުކުރެވިއްޖެނަމަ އަޅުގަނޑުގެ ބޭނުން ޙާޞިލްކުރެވުނީއެވެ.
- ޒަމީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް