ފަތުރުވެރިކަމުގެ އާމްދަނީ 7 ބިލިޔަން ޑޮލަރަށް އިތުރުކުރުމުގެ އަމާޒު ހިފައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ފަތުރުވެރިކަމުގެ އާމްދަނީ 7 ބިލިޔަން ޑޮލަރަށް އިތުރުކުރުމުގެ އަމާޒު ހިފައިފި

ފަތުރުވެރިކަމުގެ އާމްދަނީ 7 ބިލިޔަން ޑޮލަރަށް އިތުރުކުރުމުގެ އަމާޒު ހިފާފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ފައިޞަލް ވިދާޅުވީ މި ސަރުކާރުގެ 5 އަހަރު ނިމޭއިރު ފަތުރުވެރިކަމުގެ އާމްދަނީ 7 ބިލިޔަން ޑޮލަރަށް އިތުރުކުރުމަށް ޕްލޭންތަކެއް އެކުލަވާލާފައިވާ ކަމަށެވެ. މީގެއިތުރުން އަހަރެއްގެ މައްޗަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 4 މިލިއަނަށް އިތުރުކުރުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑަށް ގަބޫލުކުރެވެނީ ކުރިއަށްމިއޮތް އަހަރުތަކުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑުތަނުން ހަމަ ކުރިއަރައިގެން ގޮސް މިހާރު ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖޭގެ އިޤްތިޞާދަށް މި ކޮންޓްރިބިއުޓްކުރާ 4.5 ބިލިޔަން ޑޮލަރު ގާތްގަނޑަކަށް 7 ބިލިޔަން ޑޮލަރަށް މި ސަރުކާރު ނިމިގެންދާއިރު އަޅުގަނޑުމެންނަށް ޖެއްސޭނެކަމަށް. އެއަށް އަމާޒުކުރަމުން މިދަނީ," ވަޒީރު ފައިޞަލް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، "މި ސަރުކާރުގެ 5 އަހަރު ނިންމާލާނީ 3.5 މިލިޔަން ނުވަތަ 4 މިލިޔަން ފަތުރުވެރިން ގެނެސްފައި. އެކަން ކުރެވޭނެ އަޅުގަނޑުމެންނަށް މިހާރު މިހުރި ޕްލޭންތަކަށް މަސައްކަތްކޮށްފިކަމަށްވަންޏާ."

މީގެއިތުރުން، ޗައިނާ އަދި އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް ވަޒީރު ފައިޞަލް ފާހަގަކުރެއްވިއެވެ.


މިއަދު އޮންލައިން