ބަންކަރިން ޚިދުމަތުގެ ބޯޓުތަކުގެ ކުނި މެނޭޖްކުރުމަށް އެމްޕީއެލްއާއި ވެމްކޯ ގުޅިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ބަންކަރިން ޚިދުމަތުގެ ބޯޓުތަކުގެ ކުނި މެނޭޖްކުރުމަށް އެމްޕީއެލްއާއި ވެމްކޯ ގުޅިއްޖެ

އުތުރު މެރިޓައިމް ޚިދުމަތުގެ ތެރެއިން ބަންކަރިން ޚިދުމަތް ފޯރުކޮށްދޭ ބޯޓުތަކުގެ ކުނި މެނޭޖްކުރުމުގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އާއި ވޭސްޓް މެނޭޖްމަންޓްަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމުގެ ދަށުން، އުތުރުގެ މެރިޓައިމް ޚިދުމަތްތައް ހޯދަން އަންނަ ބޯޓުފަހަރުތަކުގެ ކުނި އުކާލުމުގެ ޚިދުމަތް އެމްޕީއެލްއިން ވެމްކޯއާ ގުޅިގެން ފޯރުކޮށްދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ޚިދުމަތުގެ ދަށުން، ބޯޓުތަކުން ކުނި ނަގާނީ އެމްޕީއެލްއިންނެވެ. އަދި އެ ކުނި ވެމްކޯއާ ހަވާލުކޮށް، ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ވެމްކޯއިންނެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން، އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ، މި މަސައްކަތްތައް ކުރިއަށް ގެންދާނީ އެކަމަށް ޚާއްސަ ފެސިލިޓީއެއް ކައިރި ރަށެއްގައި ޤާއިމްކޮށްގެން ކަމަށެވެ.

"އުތުރުގައި ފެށޭ ބަންކަރިން ސަރވިސްއާ ގުޅިގެން، އަޅުގަނޑުމެންގެ އުތުރު ގޭޓްވޭއަށް ބޯޓުތަކުން މި ކުނިތައް ޑިސްޗާޖްކޮށްލާނީ، އެތަނުން ހަވާލުވާނީ ވެމްކޯ. ވެމްކޯއިން ގޮސް އެ ބޭފުޅުން ނައްތާލާ ގޮތަށް ކުރިއަށް ގެންދާނީ. ވެމްކޯއާއެކު އެމްޕީއެލްގައި ޕްލޭންތަކެއް އެބަހުރި ވަކި ރަށެއްގައި މިކަމަށް ޚާއްސަކޮށް ތަނެއް ހެދިގެން ކުރިއަށްދާ ގޮތަށް،" ވަޖީހު ވިދާޅުވިއެވެ.

މި އެއްބަސްވުމަކީ އުތުރުގެ މެރިޓައިމް ޚިދުމަތްތައް ތަރައްޤީކޮށް، ތިމާވެށި ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ. މީގެ ސަބަބުން ބޯޓުފަހަރުތަކުގެ ކުނި ރަނގަޅު ގޮތުގައި މެނޭޖްކުރެވި، ކަނޑާއި ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަވާނެ ކަމަށް އުންމީދު ކުރެވެއެވެ.                     

މިއަދު އޮންލައިން