ރައީސްގެ އިންޑިއާ ދަތުރަކީ ރާއްޖެ-އިންޑިއާ ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުޞަތެއް: ޤާސިމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ރައީސްގެ އިންޑިއާ ދަތުރަކީ ރާއްޖެ-އިންޑިއާ ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުޞަތެއް: ޤާސިމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިންޑިއާ ދަތުރަކީ ރާއްޖެ-އިންޑިއާ ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވެފައިވަނީ އިއްޔެ ރޭ އެމަނިކުފާނުގެ ސޯޝަލް މީޑިއާ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ޤާސިމް ފާހަގަކުރެއްވި ގޮތުގައި، ރައީސް މުޢިއްޒު އިންޑިއާގެ ރައީސާ އަލްފާޟިލާ ދްރައުޕަދީ މުރުމުގެ ދަޢުވަތަކަށް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރިއަށް އޮތީ ފޮނި އުއްމީދުތަކަކާއި ހިތްގައިމު ދުވަސްތަކެކެވެ.

"ޝައްކެއްވެސް ނެތް ގޮތުގައި މި ދަތުރަކީ ރާއްޖެ-އިންޑިއާ ގުޅުން ބަދަހިކުރުމަށް ލިބ ލިބޭ މުހިންމު ފުރުޞަތެކެވެ. ސަބަބަކީ ރައީސް އިންޑިއާގެ ބޮޑުވަޒީރު ޝްރީ ނަރެންދްރަ މޯދީއާ ދެމެދު ދެފަރާތުގެ މަޝްވަރާތަކެއް ކުރިއަށް ގެންދަވާނެތީއެވެ،" ޤާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރެއްގެ ހައިސިއްޔަތުން، ޤާސިމް ފާހަގަކުރެއްވި ގޮތުގައި އެމަނިކުފާނު ފުރިހަމައަށް ތާއީދުކުރައްވަނީ މި މުހިންމު ގުޅުން ވަރުގަދަކޮށް ދެމެހެއްޓުމަށް ރައީސް ކަނޑައެޅިގެން މަސައްކަތްޕުޅު ކުރެއްވުމަށެވެ.

މީގެއިތުރުން، ޤާސިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި އިންޑިއާ ކަނޑު ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ އާ ހަރުފަތްތަކަކަށް ވާސިލުވުމަށް އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ އެއްބާރުލުމަކީ ވަރަށް މުހިންމު ކަމެކެވެ.

"އާދެ، އަޅުގަނޑުމެން އެންމެން ގުޅިގެން އުޖާލާ މުސްތަޤުބަލަކަށް މަގުފަހިކުރަމާ ހިނގާށެވެ!" ޤާސިމް އެމަނިކުފާނުގެ ޕޯސްޓް ނިންމަވާލެއްވީ މިފަދައިންނެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން