ހުޅުމާލޭ ޕާކިން ޢިމާރާތުން ދާއިމީ ސްލޮޓާއި ގަރާޖު ސިޓީ ލިބޭނެ: މިނިސްޓަރ މުޙައްމަދު އަމީން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ހުޅުމާލޭ ޕާކިން ޢިމާރާތުން ދާއިމީ ސްލޮޓާއި ގަރާޖު ސިޓީ ލިބޭނެ: މިނިސްޓަރ މުޙައްމަދު އަމީން

ހުޅުމާލޭގައި އަލަށް އިމާރާތްކުރާ ޕާކިން ޢިމާރާތުން ވިއްކާ ސްލޮޓްތަކަކީ ގަރާޖު ސިޓީއާއެކު ދާއިމީކޮށް ލިބޭނެ ސްލޮޓްތަކެއްކަމަށް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

"މި ބިލްޑިންގައި، ޤާނޫނުގައި އޮންނަ ގޮތަށް ވެހިކަލް ރެޖިސްޓްރީކުރެވޭނެ. ވަރަށް ބޮޑު މައްސަލައެއް ގަރާޖު ސިޓީ މައްސަލައަކީ. މިއާއެކު އެކަމަށްވެސް ބޮޑު ޙައްލެއް ލިބޭނެ. އެ ސްލޮޓަށް ގަރާޖު ސިޓީ ނެގޭނެ." މިނިސްޓަރ ވިދާޅުވިއެވެ.

މި އިމާރާތުގައި ޖުމްލަ 3920 ކާރު ޕާކިންގ އަދި 3426 ސައިކަލު ޕާކިންގ ޖާގަ ހިމެނޭނެއެވެ. މީގެ ތެރެއިން 90 ޕަސެންޓަކީ ބީލަމުގައި ވިއްކުމަށް ކަނޑައަޅާ ސްލޮޓްތަކެވެ. އަދި 10 ޕަސެންޓަކީ ވިޒިޓަރ ޕާކިންގ ނުވަތަ ވަކި ވަގުތަކަށް ޕާކުކުރުމަށް ދޫކުރާ އޭރިއާގެ ގޮތުގައި ކަނޑައަޅާފައިވާ ސްލޮޓްތަކެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ޕާކިންގ ޖާގަތަކެއްވެސް ހިމެނޭނެއެވެ.

މި މަޝްރޫޢުގެ އަމާޒަކީ ވީހާވެސް ކުޑަ އަގެއްގައި ސްލޮޓްތައް ދޫކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ މުޅި މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ދަނީ މަސައްކަތްކުރަމުންނެވެ. މި ޕާކިންގ އިމާރާތް ނިމުމުން، މާލޭގައި ދިމާވެފައިވާ ޕާކިންގ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ގަރާޖު ސިޓީގެ މައްސަލައަށްވެސް ޙައްލެއް ލިބިގެންދާނެކަމަށް އުންމީދުކުރެވެއެވެ.

 

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން