ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތްތައް ދިނުމުގައި ކަނޑައެޅިފައިވާ ގަވާއިދާއި އުސޫލުތަކާ ޚިލާފަށް އެއްވެސް ކަމެއް މިހާރު ނުކުރެވޭނެ ކަމަށް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުގައި، ވެހިކަލް ރަޖިސްޓްރީ އާއި ލައިސަންސް ދޫކުރުން ފަދަ ޚިދުމަތްތަކުގައި އުސޫލާ ޚިލާފަށް ފައިސާ ނަގައި، ބޮޑެތި ގޯސްތައް ހަދާފައިވާކަން ވަނީ ފަޅާއަރާފައެވެ.
"ވެހިކަލް ރަޖިސްޓްރޭޝަން އަދި ލައިސަންސާ ގުޅުން ހުރި މަސައްކަތެއް ވިޔަސް މިނިސްޓްރީގެ ތެރޭގައި މިހާރު އުސޫލުން ބޭރުން ނުކުރާނެ. އަދި މި ކަންކަމަށް ބަދަލުތަކެއް ގެންނަ ނަމަ އާންމުންނަށް އެނގޭނެ ގޮތަށް ގެޒެޓުކުރާނެ،" މިނިސްޓަރު އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން، މާލެ ސަރަހައްދާއި އެހެނިހެން ހިސާބުތަކުގައި ވެސް ވެހިކަލް ރަޖިސްޓްރީކުރަން އެކުލަވާލާފައިވާ ގަވާއިދަކީ މި ދުވަސްވަރަށް ނުފެތޭ އެއްޗެއްކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، އެ ގަވާއިދަށް ބަދަލު ގެނައުމަށް ފަހު ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި އާންމުކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ބަދަލުތަކާއެކު، ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތްތައް ހަރުދަނާވެ، އާންމު ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ޚިދުމަތް ލިބިގެންދާނެއެވެ.