ކޮންޓްރެކްޓަރ ރަޖިސްޓްރޭޝަން ގަވާއިދަށް ގެނެވޭ 5 ވަނަ އިސްލާހުގެ ޑްރާފްޓާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ކޮންޓްރެކްޓަރ ރަޖިސްޓްރޭޝަން ގަވާއިދަށް ގެނެވޭ 5 ވަނަ އިސްލާހުގެ ޑްރާފްޓާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ކޮންޓްރެކްޓަރ ރަޖިސްޓްރޭޝަން ގަވާއިދަށް ގެނެވޭ 5 ވަނަ އިސްލާހުގެ ޑްރާފްޓާ ގުޅޭގޮތުން އިމާރާތްކުރުމާއި ބިނާވެށި ބެހޭ ވުޒާރާއިން މަޝްވަރާކުރެވިއްޖެއެވެ.

މި ބައްދަލުވުމުގައި އިމާރާތްކުރުމާއި ބިނާވެށި ބެހޭ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް އިބްރާހިމް ނަޒީމާއި، މިނިސްޓްރީގެ އިސް އޮފިޝަލުންނާއި ޓެކްނިކަލް ޓީމުގެ އިތުރުން މިނިސްޓްރީ އޮފް ޓޫރިޒަމްގެ އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ޑިރެކްޓަރ ޖެނެރަލް އައިޝަތު އަލީ، ޑިވެލޮޕްމަންޓް އެންވަޔަރަންމަންޓް އެންޑް މޮނިޓަރިންގ ޑިރެކްޓަރ އައިޝަތު ޒިލްމާ އަދި އެންވަޔަރަންމަންޓް އޮފިސަރ މުޙައްމަދު ސިނާން ހިމެނިވަޑައިގަންނަވައެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ކޮންޓްރެކްޓަރ ރަޖިސްޓްރޭޝަން ގަވާއިދަށް ގެނެވޭ 5 ވަނަ އިސްލާހުގެ ޑްރާފްޓާ ގުޅުންހުރި ކަންކަމާމެދު މަޝްވަރާކުރުމެވެ. މި އިސްލާހުގެ މުހިންމު ބައިތަކުގެ ތެރޭގައި ޕްރޮޖެކްޓް ލައިސަންސް ހުށަހެޅުމުގެ މިހާރުގެ ނިޒާމު މުރާޖަޢާކުރުމާއި، ބޭރުގެ ކޮންޓްރެކްޓަރުން ރަޖިސްޓްރީކުރުމުގެ މިންގަނޑުތައް އިޞްލާހުކުރުން ހިމެނެއެވެ. މީގެ އިތުރުން، ޢިމާރާތްކުރުމުގެ ސިނާޢަތުގެ ހިންގުން ހަރުދަނާކުރުމާއި، ޚިދުމަތް ދިނުމުގެ ނިޒާމު ހަލުވިކުރުމަށްވެސް މި އިސްލާހުގައި އަލިއަޅުވާލާފައިވެއެވެ.

ބައްދަލުވުމުގައި ދެ މިނިސްޓްރީގެ އިސް އޮފިޝަލުން ހުށަހެޅުނު އިސްލާހުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. އަދި މި އިސްލާހުތައް ތަންފީޒުކުރުމުން ޢިމާރާތްކުރުމުގެ ސިނާޢަތަށް ކުރާނެ އަސަރުތަކާއި ލިބޭނެ މަންފާތަކާ ބެހޭގޮތުންވެސް ޚިޔާލު ބަދަލުކުރެވުނެވެ.

މި ބައްދަލުވުމަކީ ކޮންޓްރެކްޓަރ ރަޖިސްޓްރޭޝަން ގަވާއިދަށް ގެނެވޭ އިސްލާހުތައް އިތުރަށް ފުރިހަމަކޮށް، ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާ ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

 

މިއަދު އޮންލައިން