އިންޑިއާއިން ހުޅުމާލޭގައި ތަރައްޤީކުރި 700 ހައުސިންގ ޔުނިޓް ރަސްމީކޮށް ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
އިންޑިއާއިން ހުޅުމާލޭގައި ތަރައްޤީކުރި 700 ހައުސިންގ ޔުނިޓް ރަސްމީކޮށް ހަވާލުކޮށްފި

އިންޑިއާގެ އެގްޒިމް ބޭންކުގެ މާލީ އެހީތެރިކަމާއެކު ހުޅުމާލޭގައި ތަރައްޤީކުރެވުނު 700 ހައުސިންގ ޔުނިޓުގެ މަޝްރޫޢު ފުރިހަމަކޮށް، މިއަދު ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.

މި ޔުނިޓުތަކުގެ އެންމެހައި ފިނިޝިންގ މަސައްކަތްތައް ފުރިހަމަކުރުމަށްފަހު، 700 ހައުސިންގ ޔުނިޓު ވަނީ ނިންމައި ހަވާލުކޮށްފައެވެ. މި ޔުނިޓުތައް ހަވާލުކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ދެ ޤައުމުގެ މެދުގައި މުހިންމު ދާއިރާތަކުން އެއްބަސްވުންތައް ބަދަލުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައެވެ.

މި މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 227 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 3.5 ބިލިއަން ދިވެހި ރުފިޔާ) ގެ ލޯނު އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި އެހީގެ ދަށުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޖުމުލަ 4،000 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

މި މަޝްރޫޢުގެ ދަށުން ޖުމުލަ 32ލަ 32 ޓަވަރެއް އިމާރާތްކުރެވޭއިރު، 2 ކޮޓަރީގެ 1200 ހައުސިންގ ޔުނިޓާއި 3 ކޮޓަރީގެ 2800 ހައުސިންގ ޔުނިޓް ތަރައްޤީކުރެވޭނެއެވެ. 2 ކޮޓަރީގެ ޔުނިޓުތަކުގެ ބޮޑުމިނަކީ 650 އަކަފޫޓު ކަމުގައިވާއިރު، 3 ކޮޓަރީގެ ފްލެޓުތަކުގެ ބޮޑުމިނަކީ 900 އަކަފޫޓެވެ.

މި މަޝްރޫޢުގެ ދަށުން ކޭޕީއައިއެލްއިން 16 ޓަވަރާއި އެންބީސީސީން 16 ޓަވަރު އިމާރާތްކުރަމުންދާއިރު، މިއަދު ހަވާލުކުރެވުނު 700 ޔުނިޓަކީ މި މަޝްރޫޢުގެ ފުރަތަމަ ބައިގެ ގޮތުގައި ނިމިފައިވާ ޔުނިޓުތަކެވެ.

މި ހައުސިންގ ޔުނިޓުތައް ހަވާލުކުރެވުމާއެކު، ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ޙައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މި މަޝްރޫޢު ފުރިހަމަވުމުން، ހުޅުމާލޭގެ އާބާދީ އިތުރުވެ، އެ ސަރަޙައްދުގެ ތަރައްޤީ އިތުރަށް ކުރިއަރައިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

 

މިއަދު އޮންލައިން