ޒުވާނުން ތަމްސީލުކޮށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މަޝްވަރާތައް ކުރިއަށްގެންދާ "ޔޫތު ޓްރެކް ޓު ކޮޕް29 މޮކް ކޮޕް 2024" މިއަދު ރަސްމީކޮށް ފައްޓަވައިދެއްވީ މޫސުމީބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއި ވަޒީރު އޮނަރަބަލް ޠާރިޤު އިބްރާހިމްއެވެ.
މި ޙަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެއައަށް ކުރިމަތިވެފައިވާ ވުޖޫދީ ނުރައްކަލެއްކަން ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގެ ވައިގެ ތެރެއަށް ދޫކުރެވޭ ވިހަ ގޭސްތަކުގެ މިންވަރު ކުޑަކުރުމަށް ރާއްޖެއިން ކުރާ މަސައްކަތް ކުޑަ ނަމަވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ފާހަގަކުރެއްވިއެވެ.
ޒުވާނުންނާ މުޚާޠަބުކުރައްވަމުން، ޒުވާނުންގެ ޢަމަލުތަކުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ކަންކަން ރަނގަޅުކުރުމުގެ ބާރު ޒުވާނުންގެ އަތްމަތީގައި އޮތްކަން ވިދާޅުވިއެވެ. މީގެ އިތުރުން، އައު ކަންކަން ފެށުމަށް ފަސްނުޖެހުމަށާއި، އަމިއްލަ ނަފްސަށްވުރެ ފުޅާކޮށް ވިސްނުމަށާއި، އަބަދުވެސް އުނގެނުމަށް ތައްޔާރަށް ތިބުމަށް ޒުވާނުންނަށް ނަސޭހަތްތެރިވެވަޑައިގަތެވެ.
މި މޮކް ކޮޕްގައި މަޝްވަރާކުރެވޭ މައުޟޫތަކުން ޒުވާނުންގެ ޢިލްމު އިތުރުވެ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވަކާލާތުކުރާ ބަޔަކަށް ވުމަށާއި، ޤައުމީ، ސަރަޙައްދީ އަދި ދުނިޔޭގެ ފެންވަރުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މަސައްކަތްކުރާ ލީޑަރުންނަށް ވުމަށް ހިތްވަރު ލިބިގެންދާނެކަމުގެ އުންމީދު ފާޅުކުރެއްވިއެވެ.
މި ތިން ދުވަހުގެ ޙަރަކާތުގެ ތެރެއިން ޤައުމީ ޒުވާނުންގެ ބަޔާނެއް އެކުލަވާލެވޭނެއެވެ. މި ބަޔާނަކީ އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް29 އަށް ރާއްޖެއިން ދާ ވަފުދާއެކު ގެންދެވޭނެ ބަޔާނެކެވެ.
މި ޙަރަކާތް އިންތިޒާމުކޮށްދެއްވި ކަމަށްޓަކައި ޔުނިސެފަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި ޙަރަކާތުގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށް ކާމިޔާބު އެދިވަޑައިގަތެވެ.
ހަބަރު: ސަރުކާރު