ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒުގެ އިންޑިއާ ދަތުރުފުޅަކީ ރާއްޖޭގެ ރައީސަކަށް އިންޑިއާއިން އެންމެ ހޫނު މަރުޙަބާއެއް ކިޔާފައިވާ ފަހަރު ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޚާރިޖީ ވަޒީރު ވިދާޅުވީ، މި ދަތުރުފުޅުގެ ކާމިޔާބީއަކީ ރައީސް ހިތްތިރިކަމާއެކު ހުރިހާ ޤައުމަކާއެކުވެސް ގުޅުން ބަދަހިކުރެއްވުމަށް އިސްކަންދެއްވައި، ބައިނަލްއަޤްވާމީ މައިދާނުގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ނަތީޖާއެއް ކަމަށެވެ.
"މި ދަތުރުފުޅުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ފައިދާކުރާނެ ގިނަ ކަންތައްތަކެއް ފަހިވެގެންދާނެ," ޑރ. ޚަލީލް ވިދާޅުވިއެވެ. "ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ސަބަބުން އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު ދެ ޤައުމުގެ ފައިސާއިން ވިޔަފާރިކުރުމަށް ފަސޭހަވެގެންދާނެ."
ވަޒީރު އިތުރަށް ވިދާޅުވީ، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ސޮއިކުރެވުނު ކަމަށެވެ. މިއީ 30 ބިލިއަން ރުޕީސްއާ އެއްވަރުގެ އަދަދެއް ކަމަށާއި، މިއަދުގެ އަގަށް ބަލާއިރު ގާތްގަނޑަކަށް 360 މިލިއަން ޑޮލަރާ އެއްވަރުގެ އަދަދެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ޑޮލަރުގެ ދަތިކަމަށް ވަރަށް ބޮޑު ޙައްލެއް މި އެއްބަސްވުމުގެ ސަބަބުން ލިބިގެންދާނެ," ޑރ. ޚަލީލް ވިދާޅުވިއެވެ. "މީގެ އިތުރުން ދެ ޤައުމުގެ ފައިސާ ބޭނުންކޮށްގެން ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމާއި، ފްރީ ޓްރޭޑް އެގްރީމެންޓްގެ މަސައްކަތް ފެށުމާ ގުޅޭގޮތުން ރައީސް ވަނީ މަޝްވަރާތައް ކުރިއަށް ގެންދަވާފަ."
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު އިންޑިއާގެ އިސް ވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާކުރެއްވިއެވެ. މި ދަތުރުފުޅުގެ ނަތީޖާއެއްގެ ގޮތުން، ދިވެހިރާއްޖޭގެ އިޤްތިޞާދަށް އެހީތެރިވެދޭނެ ގިނަ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ.