މުމްބާއީގައި ބޭއްވި "މޯލްޑިވްސް-އިންޑިއާ ނެޓްވަރކިންގ އީވްނިންގ" ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންފިއެވެ. މިހަރަކާތް ބާއްވާފައި ވަނީ މިއަދު މުމްބާއީގައެވެ.
މި ހަރަކާތްކުރިޔަށް ގެންގޮސްފައި ވަނީ ދެފަރާތައްވެސް މަންފާކުރާގޮތަށް ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތައް އަންގައިދިނުމުގެ ގޮތުންނެވެ.
މި ޚާއްޞަ ޓޫރިޒަމް ހަރަކާތުގައި އިންޑިއާގެ މަޝްހޫރު ފަންނާނުން ބައިވެރިވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާ ރާއްޖެއާމެދު ދެކޭ ގޮތް ހިއްސާކުރިއެވެ. ރައީސާއެކު ގިނަ ވަގުތުތަކެއް އެ ފަންނާން ހޭދަކުރިއެވެ.
މި ހަރަކާތުގައި ބައިވެރިވި ފަންނާނުންގެ ތެރޭގައި ޝިލްޕާ ޝެޓީ، ޝޮނާކްޝީ ސިންހައާއި އޭނާގެ ފިރިމީހާ ޒަހީރު އިގުބާލް، ސަނީ ކޯޝަލް ކަރިޝްމާ ކަޕޫރު، އަރުބާޒް ޚާން ހިމެނެއެވެ. އަދި މަޝްހޫރު މޭކަޕް އާޓިސްޓް ސުރާ ޚާން ފަދަ މަޝްހޫރު މީހުންވެސް ބައިވެރިވިއެވެ.
މިހަރަކާތުގެ ކުރިން ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމުގައި ބައިވެރިވެވަޑައިގެންނެވި އިންޑިއާގެ ބައެއް ވިޔަފާރިވެރިންނާ މުޚާއްތުބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ތަޤްރީރުކުރެއްވިއެވެ.
ރައީސޫލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ އިންޑިއާގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.