ރާއްޖެއާއި އިންޑިއާއާ ދެމެދު ކޮރަޕްޝަން ހުއްޓުވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ރާއްޖެއާއި އިންޑިއާއާ ދެމެދު ކޮރަޕްޝަން ހުއްޓުވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ކޮރަޕްޝަންގެ ކުށްތައް ތަޙުޤީޤުކުރުމާއި، ދަޢުވާ އުފުލުމާ ގުޅޭ ފަންނީ އެހީތެރިކަން ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދިވެހިރާއްޖޭގެ އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީ.ބީ.އައި) އާ ދެމެދުގައެވެ.

މި އެއްބަސްވުމުގެ ދަށުން 9 މައިގަނޑު ދާއިރާއެއްގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ. މީގެ ތެރޭގައި ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް ބޭނުންވާ މަޢުލޫމާތު ދެ މުއައްސަސާގެ މެދުގައި ޙިއްޞާކުރުން ހިމެނެއެވެ.

މީގެ އިތުރުން، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކުގެ މަޢުލޫމާތު ބަދަލުކޮށް، ދެ މުއައްސަސާ ގުޅިގެން ދިރާސާކުރުމަށް ވެސް ވަނީ އެއްބަސްވެފައެވެ. އަދި ތަޢުލީމާއި ތަމްރީނު އަދި ދިރާސާ ހިމެނޭގޮތަށް ކޮރަޕްޝަން ހުއްޓުވުމަށް އެކުގައި މަޝްރޫޢުތަކާއި ޙަރަކާތްތައް ކުރިޔަށް ގެންދިއުމަށްވެސް ވަނީ އެއްބަސްވެފައެވެ.

މިއްބަސްވުމުގެ ދަށުން، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ހޭލުންތެރިކުރުމުގެ މަސައްކަތްތައް ކުރުމާއި، ކޮރަޕްޝަންގެ ކުށްތައް ތަޙުޤީޤުކުރުމާއި، ވިޔަނުދިނުމާއި، ދަޢުވާކުރުމާ ގުޅޭ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މުވައްޒަފުން ތަމްރީނުކުރުމުގެ މަސައްކަތްތައްވެސް ކުރިޔަށް ގެންދިއުމަށް ވަނީ އެއްބަސްވެފައެވެ.

މި އެއްބަސްވުމަކީ ދެ ޤައުމުގެ މެދުގައި ކޮރަޕްޝަން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިވެގެންދާނެ އެއްބަސްވުމެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން