އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މިއަދު މާލޭގައި މޯލްޑިވްސް ޓްރޭޑް ފެސިލިޓޭޝަން ރޯޑްމެޕް ވެލިޑޭޓްކުރުމުގެ ވޯކްޝޮޕެއް ފަށައިފިއެވެ. މި ވޯކްޝޮޕަކީ އދ. ގެ ވިޔަފާރިއާއި ތަރައްޤީއާބެހޭ ޖަމްޢިއްޔާ ކަމަށްވާ ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (ޔޫ.އެން.ސީ.ޓީ.އޭ.ޑީ) އާ ގުޅިގެން ބޭއްވޭ ވޯކްޝޮޕެކެވެ.
މި ވޯކްޝޮޕްގައި ޖުމްލަ 23 ބޯޑަރ އޭޖެންސީގެ އިތުރުން، ކަމާގުޅޭ އެހެނިހެން ފަރާތްތައް ބައިވެރިވެއެވެ. ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ޓްރޭޑް ފެސިލިޓޭޝަން ދާއިރާ ހަރުދަނާކޮށް ރަނގަޅުކުރުމަށް ކުރެވެންހުރި ކަންތައްތައް ދެނެގަތުމެވެ. މީގެ އިތުރުން، ރާއްޖޭގެ ވިޔަފާރީގެ މުޢާމަލާތްތައް ހަލުވިކޮށް، ދުނިޔޭގެ ޓްރޭޑް ފެސިލިޓޭޝަން އިންޑެކްސްގައި ދިވެހިރާއްޖޭގެ މަޤާމު ވަރުގަދަކުރުމަށްވެސް މަސައްކަތްކުރެވޭނެއެވެ.
އިޤްތިޞާދީ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ވޯކްޝޮޕަކީ ރާއްޖޭގެ އިޤްތިޞާދު ވަރުގަދަ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ. ޓްރޭޑް ފެސިލިޓޭޝަން ރޯޑްމެޕްގެ ސަބަބުން ވިޔަފާރިއަށް ފަހިކުރުމަށް ކުރިއަށް އޮތް ފަސްއަހަރު ދިވެހިރާއްޖެއިން ކުރިއަށް ދާނެ ގޮތުގެ ޕްލޭނެއް އެކުލަވާލެވިގެންދާނެކަމަށް ވުޒާރާއިން ވިދާޅުވިއެވެ.
މި ވޯކްޝޮޕްގެ ސަބަބުން ރާއްޖޭގެ ވިޔަފާރީގެ މާޙައުލު އިތުރަށް ހަރުދަނާވެ، ބައިނަލްއަޤްވާމީ ވިޔަފާރީގެ ދާއިރާގައި ދިވެހިރާއްޖޭގެ މަޤާމު އިތުރަށް ރަނގަޅުވެގެންދާނެކަމަށް އުންމީދުކުރެވެއެވެ.