ރައީސްގެ އިޤްތިޞާދީ ތަޞައްވުރު ހާސިލުކުރުމަށް އިންޑިއާ އާއި ރާއްޖޭގެ ވިޔަފާރިވެރިންނަށް މުހިންމު ދައުރެއް އަދާކުރެވިދާނެ: މޫސާ ޒަމީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ރައީސްގެ އިޤްތިޞާދީ ތަޞައްވުރު ހާސިލުކުރުމަށް އިންޑިއާ އާއި ރާއްޖޭގެ ވިޔަފާރިވެރިންނަށް މުހިންމު ދައުރެއް އަދާކުރެވިދާނެ: މޫސާ ޒަމީރު

ރައީސްގެ އިޤްތިޞާދީ ތަޞައްވުރު ހާސިލުކުރުމަށް އިންޑިއާ އާއި ރާއްޖޭގެ ވިޔަފާރިވެރިންނަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މި ވާހަކަ ވަޒީރު ވިދާޅުވީ އިއްޔެ ނިއުދިއްލީގައި ބޭއްވުނު އިންވެސްޓް މޯލްޑިވްސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވި ގޮތުގައި އިޤްތިޞާދީ ކަންކަމުގައި ދިވެހިރާއްޖެ އާއި އިންޑިއާ ގުޅިގެން ކުރިއަށް ގެންދެވޭނެ ގިނަ ކަންކަން އެބަހުރެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ ތަޞައްވުރު ހާސިލުކުރުމަށް ދެ ޤައުމުގެ ވިޔަފާރިވެރިންނަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރަކީ ރާއްޖޭގެ އިޤްތިޞާދު 2028 ވަނަ އަހަރު އަންނަންވާއިރަށް ބަދަލުކޮށް ސިންދަފާތުކުރުމެވެ. ދަރަނި ކުޑަކުރުމާއި މާލީ ޙާލަތު ރަނގަޅުކޮށް ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދުމަށް ފިސްކަލް ރިފޯމް އެޖެންޑާއެއް އެކުލަވާލުމުގެ މަސައްކަތް ދެ ބަޔަކަށް ވަނީ ބަހާލައިފަ" މާލީ ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ވަޒީރުގެ ވާހަކަފުޅުގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިންވެސްޓްމަންޓްތަކަށް ސަރުކާރުން އިސްކަންދެއްވާ މިންވަރާ ގުޅޭގޮތުންވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ތެލަށް ކުރާ ޚަރަދު ކުޑަކުރުމަށް އިއާދަކުރަނިވި ހަކަތަ މުހިންމުކަމާ ގުޅޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ. ސަރުކާރުގެ ޢަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ ނިސްބަތް 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުން ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

މި ފޯރަމްގައި ދިވެހިރާއްޖެ އާއި އިންޑިއާގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިއީ ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކޮށް، އިންވެސްޓްމަންޓްގެ ފުރުޞަތުތައް ފަހިކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

މިއަދު އޮންލައިން