މާލޭގެ ވިޔަފާރި ބަނދަރުގައި މުދާ ހިލޭ ބެހެއްޓޭނެ މުއްދަތަށް ބަދަލު ގެންނަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
މާލޭގެ ވިޔަފާރި ބަނދަރުގައި މުދާ ހިލޭ ބެހެއްޓޭނެ މުއްދަތަށް ބަދަލު ގެންނަނީ

މާލޭގެ ވިޔަފާރި ބަނދަރުގައި މުދާ ހިލޭ ބެހެއްޓޭނެ މުއްދަތަށް އަވަސް މުސްތަޤުބަލެއްގައި ބަދަލު ގެނެވޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މި ބަދަލު ގެނައުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، މިހާރު ބަނދަރުގައި މުދާ ބެހެއްޓުމަށް ހުރި ޖާގައިގެ މަދުކަމާއި، ދުނިޔޭގެ ބޮޑެތި ކާގޯ އުޅަނދުފަހަރު ރާއްޖެއަށް ގެނައުމަށް ބަނދަރުގައި އެކަށީގެންވާ ޖާގަ އޮތުމުގެ މުހިންމުކަން ހިމެނެއެވެ. ވަޖީހު ފާހަގަކުރެއްވި ގޮތުގައި، މިހާރު މާލޭގެ ވިޔަފާރި ބަނދަރުގައި އެއްފަހަރާ ބެހެއްޓޭނީ 2,200 ކޮންޓެއިނަރެވެ.

އިޞްލާޙު ގެނެވޭ އައު އުޞޫލުގެ ދަށުން، ވަކި ފިނިހޫނުމިނެއްގައި ބަހައްޓަން ނުޖެހޭ އަދި ބޮޑެތި ގެއްލުން ނުލިބޭފަދަ ޑްރައި ކޮންޓެއިނަރުތައް ހިލޭ ބެހެއްޓޭނެ މުއްދަތު 7 ދުވަހަށް ކުރުކުރެވޭނެއެވެ. އަދި އެހެނިހެން ކޮންޓެއިނަރުތައް ހިލޭ ބެހެއްޓޭނެ މުއްދަތު 5 ދުވަހަށް ކުރުކުރެވޭނެއެވެ.

މިހާރު ޢަމަލުކުރަމުންދާ އުޞޫލުގެ ދަށުން ހުރިހާ ބާވަތެއްގެ ކޮންޓެއިނަރުތަކަށްވެސް 10 ދުވަހުގެ މުއްދަތެއް ދެވެއެވެ. ވަޖީހު ވިދާޅުވި ގޮތުގައި، ބަނދަރުގެ ޖާގަ އިތުރުކުރުމަށްޓަކައި މި ބަދަލަކީ ކޮންމެހެން ގެންނަންޖެހިފައިވާ ބަދަލެކެވެ.

މި ބަދަލާ ގުޅިގެން، ވިޔަފާރިވެރިންނަށް އިތުރު ލުއިފަސޭހަކަމެއް ލިބޭނެ ކަމަށް އުންމީދުކުރެވެއެވެ. އަދި ބަނދަރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ވިޔަފާރިއަށް ފަހި މާޙައުލެއް ޤާއިމުވެގެންދާނެ ކަމަށް ބެލެވެއެވެ.

މި ބަދަލު ތަންފީޒުކުރަން ފެށޭނެ ތާރީޚެއް އަަދި ހާމަކުރެވިފައެއް ނުވެއެވެ. ނަމަވެސް، އެމްޕީއެލްއިން ބުނާ ގޮތުގައި، މި ބަދަލު ވަރަށް އަވަހަށް ތަންފީޒުކުރަން ފެށޭނެއެވެ.

މިއަދު އޮންލައިން