މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިންކަމް ޓެކްސްގެ ޤަވާއިދަށް ގެނެސްފައިވާ ބަދަލާއެކު، އިންކަމް ޓެކްސްގެ ގޮތުގައި ލިބޭ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ޒަރީރު ވިދާޅުވީ، މީގެކުރިންވެސް ބައެއް ފަރާތްތަކުން އިންކަމް ޓެކްސް ޑޮލަރުން ދައްކަމުން އައިސްފައިވާ ކަމަށާއި، އަހަރެއްގެ ތެރޭގައި ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު އިންކަމް ޓެކްސްގެ ގޮތުގައި ލިބެމުންދާ ކަމަށެވެ.
"މުޅި ބަދަލާއި އެކު 120 މިލިޔަން ޑޮލަރާއި ހަމައަށް ސެކިއުރ އެބަކުރެވޭ. އޭރު މިހާރު ދައްކާ ފަރާތްތަކަށްވެސް ރުފިޔާއަށް އަލުން ބަދަލު ނުކުރެވޭ. އަދި ދެން ރުފިޔާއަށް ދައްކާ ފަރާތްތަށްވެސް ދައްކަން ޖެހޭނީ ޑޮލަރުން. އެ މުޅި ބަދަލުގެ އިމްޕެކްޓަކީ 120 މިލިޔަން ރުފިޔާ. އެހެން ނަމަވެސް ރެވެނިއުއަށް އަންނާނެ ބަދަލަކީ ޑޮލަރުން ލިބޭ އާމްދަނީ 80 މިލިޔަން ޑޮލަރުން އިތުރުވުން،" ޒަރީރު ވިދާޅުވިއެވެ.
މި އިސްލާހުގައިވާ ގޮތުން، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އިންކަމް ޓެކްސް ޤާނޫނުގެ ދަށުން ހުށަހަޅާ ޓެކްސް ބަޔާނާއި އިންޓެރިމް ބަޔާން ތައްޔާރުކުރަންޖެހޭނީ އެމެރިކާ ޑޮލަރުންނެވެ. އަދި އެފަދަ ފަރާތްތައް ދައްކަންޖެހޭ އިންޓެރިމް ޕޭމަންޓާއި އިންކަމް ޓެކްސްވެސް އެމެރިކާ ޑޮލަރުން ދެއްކުމަށް ލާޒިމުވާނެއެވެ.
މި ބަދަލާއެކު، އިންކަމް ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބި، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށް މީރާއިން އުންމީދު ކުރެއެވެ.