ބީސީސީއިން އުފެއްދުންތެރި މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ސްކީމް ހުޅުވާލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ބީސީސީއިން އުފެއްދުންތެރި މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ސްކީމް ހުޅުވާލަނީ

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިއްޔެ ހާމަކުރި ގޮތުގައި، އުފެއްދުންތެރި މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ދަށުން، ފުރަތަމަ މާލީ އެހީތެރިކަމުގެ ސްކީމް ހުޅުވާލުމަށް ނިންމާފައިވެއެވެ.

މި ސްކީމަކީ މިއުޒިކް އަދި ފިލްމު އުފެއްދުމުގެ އިތުރުން، އާޓް އެންޑް ކްރާފްޓްގެ ގޮތުގައި ގިންތިކުރެވޭ އެކިއެކި އުފެއްދުންތަކާއި، މީޑިއާ ކޮންޓެންޓް އުފެއްދުން ފަދަ މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަމާޒުކުރެވިފައިވާ ސްކީމެކެވެ. ބީސީސީގެ ފަރާތުން ހާމަކުރި ގޮތުގައި، މި ސްކީމުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދެވޭނީ އެކަމަށް ކަނޑައަޅާފައިވާ ޚާއްޞަ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މި ސްކީމުގެ ދަށުން މާލީ އެހީތެރިކަމަށް އެދި ހުށަހެޅޭނީ ވަކި ޝަރުޠުތަކެއް ފުރިހަމަވާ ފަރާތްތަކަށެވެ. މިގޮތުން، އެދި ހުށަހަޅާ ފަރާތަކީ ޢުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުމާއެކު، އެންމެ ކުދި ނުވަތަ ކުދި ފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ވިޔަފާރިތަކުގެ ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވުން، ނުވަތަ ބީސީސީން ބަލަހައްޓަވާ އަމިއްލަ މަސައްކަތްތެރިންގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތެއް ކަމުގައިވުން ލާޒިމުވެއެވެ.

އިތުރު މަޢުލޫމާތެއްގެ ގޮތުން، އަމިއްލަ މަސައްކަތްތެރިންގެ ދަފްތަރުގައި ހިމެނުމަށް ޚާއްޞަ ޕޯޓަލެއް މެދުވެރިކޮށް މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަން ބީސީސީއިން ފާހަގަކޮށްފައިވެއެވެ.

މި ސްކީމަކީ ރާއްޖޭގެ އުފެއްދުންތެރި ދާއިރާތަކަށް އިތުރު ހިތްވަރެއް ލިބި، އެ ދާއިރާތަކުން ކުރިއެރުން ހޯދުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް އުއްމީދު ކުރެވެއެވެ.

މިއަދު އޮންލައިން