ދުނިޔޭގެ އެންމެ ބޮޑު ކާގޯ ޝިޕިންގ ލައިން ކަމުގައިވާ އެމްއެސްސީ (މާސްކް ލައިންސް) ގެ ބޯޓެއް މިއަދު ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ބަނދަރެއްގައި ލަނގަރު އެޅުމާއެކު، ރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ ތާރީޚުގައި އައު ބާބެއް ހުޅުވިއްޖެއެވެ.
"އެމްއެސްސީ މަނަސާ އެފް" ނަމަކަށް ކިޔާ މި ބޯޓު މާލޭ ވިޔަފާރި ބަނދަރަށް އައުމާ ގުޅިގެން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައި، ބޯޓަށް މަރުޙަބާ ކިޔައި، ވޯޓަރ ސެލިއުޓެއް ދީފައެވެ. މި މުނާސަބަތުގައި ބޭއްވުނު ރަސްމިއްޔާތުގައި ބޯޓުގެ ކެޕްޓަނަށް އެމްޕީއެލް އަދި ސެންޗޫރިއަންގެ ފަރާތުން ހަނދާނީ ފިލައެއް އަރުވާފައިވެއެވެ.

މި ބޯޓު ރާއްޖެއަށް ގެނައުމުގައި އިސް ދައުރެއް އަދާކޮށްފައިވަނީ ދިވެހިރާއްޖޭގެ ލޮޖިސްޓިކްސް ކުންފުނި ސެންޗޫރިއަންއިންނެވެ. މި ކަމަކީ ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ވިޔަފާރިއަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.
ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ މުޙައްމަދު ވަޖީޙް އިބްރާހީމް ވިދާޅުވީ، "ދުނިޔޭގެ އެންމެ ބޮޑު ޝިޕިންގ ލންގ ލައިނުން ރާއްޖެއަށް ކާގޯ ގެންނަން ފެށުމަކީ މުދާ އެތެރެކުރާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ފަސޭހައެއް. މިހާތަނަށް ގިނަ އަދަދެއްގެ ކާގޯ ރާއްޖެއަށް ނުގެނެވި ހުރި. މި ބޯޓު ރާއްޖެއަށް އައުމުން އެ މައްސަލަ ޙައްލުވެގެންދާނެ" ކަމަށެވެ.

މި ތާރީޚީ ހާދިސާއާއެކު، ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ވިޔަފާރީގައި އައު ދޮރެއް ހުޅުވި، ރާއްޖޭގެ ވިޔަފާރިވެރިންނަށް ބޮޑެތި ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، ރާއްޖޭގެ ބަނދަރުތަކުގެ ޤާބިލުކަން އިތުރުވެ، ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ ނަން މަޝްހޫރުވެގެންދާނެ ކަމަށްވެސް ލަފާކުރެވެއެވެ.