ރައީސް މުޢިއްޒު އިންޑިއާއާއެކު މަޝްވަރާކުރެއްވީ ޚާލިސް ނިޔަތުގައި: ޚާރިޖީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ރައީސް މުޢިއްޒު އިންޑިއާއާއެކު މަޝްވަރާކުރެއްވީ ޚާލިސް ނިޔަތުގައި: ޚާރިޖީ ވަޒީރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާ ސަރުކާރާއެކު މަޝްވަރާތައް ކުރިއަށްގެންދެވީ ހިތް ނިޔަތް ޚާލިސް ކުރައްވައިގެން ކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒުގެ އިންޑިއާ ދަތުރުފުޅާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޚާރިޖީ ވަޒީރު ވިދާޅުވީ، ރައީސް އެއްބަސްވެވަޑައިގަންނަވާ ކަމެއް ކުރައްވާނެކަން އިންޑިއާގެ ސަރުކާރުގެ ވެރިން މިހާރު ދަންނާނެ ކަމަށެވެ. އަދި ދެ ޤައުމުން ގުޅިގެން ކުރާ ކަންކަމަކީ ޤައުމަށާއި ރައްޔިތުންނަށްވެސް ފައިދާވާނެ ކަންތައްތަކެއް ކަމަށާއި ދެ ޤައުމުގެ ގުޅުމުގައި ފޮރުވަންވީ އެއްވެސް ކަމެއް ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ.

"އިންޑިއާއަކީ ޒަމާނުއްސުރެ ރާއްޖެއާ އެންމެ ގާތްކޮށް، މަސައްކަތް ކުރަމުން އަންނަ ޤައުމު. ރާއްޖެއަށް ދިމާވާ ކޮންމެ ހާލަތެއްގައި އެންމެ ބޮޑަށް އެހީތެރިވެދޭ ޤައުމު،" ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. އަދި އެ މަސައްކަތުގައި ދެ ޤައުމުގެ ފަރާތުންވެސް ބޭނުންވަނީ އިޚްލާސްތެރިކަން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދެ ޤައުމުގެ ގުޅުމުގެ ޝަފާފިއްޔަތުކަން ފާހަގަކުރައްވަމުން ޚާރިޖީ ވަޒީރު ވިދާޅުވީ، "އެންމެ ބޮޑު ތަފާތަކީ ރައްޔިތުންނަށް ފޮރުވާނެ ކަމެއް ނެތްކަން. އަޅުގަނޑުމެން އިންޑިއާ ސަރުކާރާއެކު ކުރެވުނު ނެގޯސިއޭޝަންގެ ތެރޭގައި އުފެދިގެން ދިޔައީ ވިޝަން ޑޮކިއުމަންޓް. އެ ޑޮކިއުމަންޓް އެއޮތީ އިންޑިއާ ސަރުކާރުގެ ވެބްސައިޓްތަކުގައި ޝާއިއުކޮށްފައި. ހަމައެގޮތަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައިވެސް ހުރިހާ މައުލޫމާތެއް އެހުރީ."

މި ބަޔާންތަކުން ދޭހަވަނީ ރާއްޖެއާއި އިންޑިއާގެ ގުޅުން ވަރުގަދަވަމުންދާ ކަމާއި، ދެ ޤައުމުގެ މެދުގައި އޮތް އިތުބާރު އިތުރުވަމުންދާކަމެވެ. އަދި ދެ ޤައުމުގެ ގުޅުމުގައި ހާމަކަން ބޮޑުކަންވެސް މި ބަޔާންތަކުން ސާފުވެއެވެ.

މިއަދު އޮންލައިން