ޢުމްރާއަށް މީހުން ގެންދިޔުމުގެ އުޞޫލަށް އައު ބަދަލެއް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ޢުމްރާއަށް މީހުން ގެންދިޔުމުގެ އުޞޫލަށް އައު ބަދަލެއް

ޢުމްރާއަށް މީހުން ގެންދިޔުމުގެ އުޞޫލަށް މުހިންމު އިޞްލާޙެއް ގެނެސްފިއެވެ. މި އިޞްލާޙާ އެކު، ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކަށް އެކަމުގެ ހުއްދައަށް އެދުމުގެ ފުރުޞަތު ދާއިމީކޮށް ހުޅުވާލެވިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ކުރީގެ އުޞޫލުގައި އޮތް ގޮތުން، އަހަރަކު ދެފަހަރު އިޢުލާނުކޮށްގެން ހުއްދައަށް އެދުމުގެ ފުރުޞަތު ހުޅުވާލުމުގެ ސަބަބުން، ބައެއް ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު ހަމަވުމަށްފަހު އައު އިޢުލާނަކަށް އިންތިޒާރުކުރަން ޖެހުނެވެ. އަދި މި ނިޒާމުގެ ދަށުން، ކުޑަ މުއްދަތެއްގެ ތެރޭގައި ގިނަ ޕްރޮޕޯސަލްތަކެއް އިވެލުއޭޓްކުރަން ޖެހުނެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ސީނިއަރ އޮފިޝަލެއް ވިދާޅުވި ގޮތުގައި، އައު އުޞޫލުގެ ދަށުން، ކުންފުނިތަކަށް ކޮންމެ ވަގުތެއްގައިވެސް ހުއްދައަށް އެދެވޭނެއެވެ. މީގެ އިތުރުން، ޕްރޮޕޯސަލްތައް ލިބޭ މިންވަރަކުން ދިރާސާކުރެވޭނެއެވެ.

"މި ބަދަލާއެކު، ކުރިން ދިމާވަމުން އައި ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑީގެ މައްސަލަ ޙައްލުވެ، ޕްރޮޕޯސަލްގައި މައްސަލަ ދިމާވާ ކުންފުނިތަކަށް ފުރުޞަތު ގެއްލުމުގެ ބަދަލުގައި އިޞްލާޙުކުރުމުގެ ފުރުޞަތު ލިބިގެންދާނެ," އެ އޮފިޝަލް ވިދާޅުވިއެވެ.

މި ބަދަލު ގެނައުމުގެ މަޤްޞަދަކީ ޢުމްރާއަށް މީހުން ގެންދިޔުމުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް ފަސޭހަކަމާއެކު ހުއްދަ ހޯދުމުގެ މަގު ތަނަވަސްކޮށްދިނުމާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

މިއަދު އޮންލައިން