މާލީ ދަތިތަކާއި ދަރަނިން އަރައިގަތުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ މިއަދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ސަސްޓެއިނަބިލިޓީ ރިޕޯޓިން ފްރޭމްވަރކް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޮޑިޓަރ ޖެނެރަލް ވިދާޅުވީ މިވަގުތު ރާއްޖޭގެ މާލީ ޙާލަތު ނާޒުކު ކަމަށެވެ. ނަމަވެސް މި ޙާލަތުން އަރައިގަތުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އޮޑިޓަރ ޖެނެރަލް ވިދާޅުވީ މިމަހުގެ ތެރޭގައިވެސް މުހިންމު އޮޑިޓު ރިޕޯޓުތަކެއް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ ތެރޭގައި 2023 ވަނަ އަހަރުގެ ސަރުކާރުގެ ފައިނޭންޝަލް ސްޓޭޓްމަންޓްސް ރިޕޯޓުގެ މަސައްކަތް ނިމެން ކައިރިވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މި ރިޕޯޓުތަކުގައި އަޅުގަނޑުމެން ހިމަނާނީ ޚަރަދުތަކުގެ ސަބަބުން އިންޓަރެސްޓް ރޭޓަށާއި، ބާޒާރަށާއި އަދި ދަރަނީގެ ޙާލަތަށް އަތުވެދާނެ ބަދަލުތަކާ ބެހޭ މަޢުލޫމާތެވެ. އަދި މީގެ އިތުރުން ދަރަނި މެނޭޖްކުރުމުގެ ސްޓްރެޓެޖީތައް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތުވެސް ހިމަނާނަމެވެ," އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.
އޮޑިޓަރ ޖެނެރަލް އިތުރަށް ވިދާޅުވީ ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކަށް އިސްކަންދީގެން، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ނެގުމާއި އަނބުރާ ދެއްކުމާ ބެހޭ ގޮތުން ލަފާ ދިނުމަކީވެސް މި ރިޕޯޓުތަކުގެ މަޤްޞަދެއް ކަމުގައެވެ.
މި ރަސްމިއްޔާތުގައި މޯލްޑިވްސް ސަސްޓެއިނަބިލިޓީ ރިޕޯޓިން ފްރޭމްވަރކް ވަނީ ރަސްމީކޮށް އިފްތިތާޙްކޮށްފައެވެ. މި ފްރޭމްވަރކްގެ ސަބަބުން ރާއްޖޭގެ މާލީ ދާއިރާގެ ދެމެހެއްޓެނިވި ކަން އިތުރުވެ، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިވާނެ ކަމަށް ބެލެވެއެވެ.