މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން މަސްވެރިންނަށް ޚާއްޞަކޮށްދޭ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މިއަހަރު ފާހަގަކުރާ 44 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލު އޮންނާނީ މާލޭގައެވެ. އަދި އަންނަ އަހަރު މި ދުވަސް އަތޮޅުތެރޭގެ ރަށެއްގައި ފާހަގަކުރުމަށް ރޭވިފައިވާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
މި އެވޯޑުތަކަށް ކުރިމަތިލެވޭނީ މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ މަސްވެރިންނަށެވެ. މިގޮތުން ދޭން ހަމަޖެހިފައިވާ އެވޯޑުތަކުގެ ތެރޭގައި:
1. 35 އަހަރުން ދަށުގެ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅުގެ އެވޯޑު
2. 35 އަހަރުން މަތީގެ މަސްވެރިންގެ ތެރެއިންރެއިން އެންމެ ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑު
3. އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަންކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު
މި އެވޯޑުތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން، މަސްވެރިކަމާބެހޭ ވުޒާރާގެ ވެބްސައިޓުން ފޯމު ޑައުންލޯޑުކޮށް، ފުރިހަމަކުރުމަށްފަހު އަންނަ މަހުގެ 7 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން [email protected] އަށް ފޮނުވަންވާނެއެވެ.
މި އެވޯޑުތައް ދިނުމުގެ މަޤްޞަދަކީ، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ޚިދުމަތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމެވެ.