މޫނު ބުރުގާ އަޅައިގެން ވަޒީފާ އަދާކުރުމާއި އުނގެނުމުގެ ޙައްޤު މިހާރުގެ ސަރުކާރުގައި ލިބޭކަމަށް ބުނެ، ޢަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން އެޑިޔުކޭޝަން މިނިސްޓްރީއާއި ދިވެހި ދައުލަތާ ދެކޮޅަށް ކުރި ދަޢުވާ އަނބުރާ ގެންގޮސްފިއެވެ.
އިއްޔެ ސިވިލް ކޯޓުގައި ބޭއްވުނު އަޑުއެހުމެއްގައި، ބެލެނިވެރިންވަނީ މި މައްސަލަ ކުރިއަށް ގެންދާނެ އިތުރު ސަބަބެއް ނެތްކަމަށް ބުނެފައެވެ. މިގޮތަށް ނިންމީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތަކީ މޫނު ބުރުގާ އަޅައިގެންވެސް ވަޒީފާ އަދާކުރުމާއި އުނގެނުމުގެ ހަމަހަމަ އިންސާފުވެރި ޙައްޤު ކޮންމެ ރައްޔިތަކަށްވެސް ދިނުންކަމަށް ރައީސް ވިދާޅުވެ، އެކަން ޢަމަލީގޮތުން ސާބިތުކޮށްދެއްވަމުން ގެންދަވާތީކަމަށް ބެލެނިވެރިން ކޯޓުގައި ފާހަގަކޮށްފައިވެއެވެ.
އިސްލާމްދީނާއި ޚިލާފް ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ! އެ ތަފާތުކުރުން ގެނުވާގޮތަށް ކުރީގައި ހަދާ އަދިވެސް ޢަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް…
— Dr Mohamed Muizzu (@MMuizzu) August 22, 2024
މި މައްސަލަ އުފެދުނީ ކުރީގެ ސަރުކާރުގައި ޢަރަބިއްޔާގައި ތަޢުލީމު ޙާޞިލްކުރަމުންދިޔަ ދަރިވަރުންތަކެއް މޫނު ބުރުގާ އަޅައިގެން ކިޔަވަން ދިއުން މަނާކޮށް، އެ ދަރިވަރުންނަށް ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ގެއްލުވާލުމާ ގުޅިގެންނެވެ.
ބެލެނިވެރިން ކޯޓުގައި ބުނިގޮތުގައި، އެމްޑީޕީގެ ސަރުކާރުގައި އުނގެނުމުގެ ޙައްޤުން މަޙުރޫމުކުރި ދަރިވަރުންނަށް، މިހާރުގެ ސަރުކާރުގައި އެ ޙައްޤު ލިބޭނެކަމުގެ ޔަޤީންކަން އެބައޮތެވެ. މިކަމާ ގުޅިގެން، ކޯޓުން މިހާރުވަނީ މި މައްސަލަ އިތުރަށް ބެލުމުގެ ބޭނުމެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ފައިލްކޮށްފައެވެ.
މި ނިންމުމާއެކު، މޫނު ބުރުގާ އަޅައިގެން ތަޢުލީމު ޙާޞިލުކުރުމާއި ވަޒީފާ އަދާކުރުމުގެ ޙައްޤު ހުރިހާ ރައްޔިތުންނަށް ލިބިދޭކަން ކަށަވަރުވެގެން ދެއެވެ.