ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙްގެ އަރިހަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ހަވާލުވެވަޑައިގަތުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އެމަނިކުފާނަށް މަރުޚަބާ ދެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިޙު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު މަޤާމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގެ އެންމެހައި އިންތިޒާމުތައް ފުރިހަމައަށް ގެންގޮސްދެއްވި ކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި، މަޖިލީހުގެ ނައިބު ރައީސަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ޑިމޮކްރެސީގެ ހަމަތަކާއި އުސޫލުތައް ހިފަހައްޓާ ނަމޫނާ މުއައްސަސާއަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ޤައުމުގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ދެއްވެން އޮތް އެއްބާރުލެއްވުމެއް ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ސޯލިހަށް އެރުވިއެވެ.