މާލޭގެ މަގުތަކުގައި ވަގުތީ ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
މާލޭގެ މަގުތަކުގައި ވަގުތީ ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް

މާލޭގެ މަގުތައް އެކަށީގެންވާ ފެންވަރަކަށް ތަރައްޤީކުރެވެންދެން، ވަގުތީ ޙައްލެއްގެ ގޮތުން ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިމާރާތްކުރުމާއި ބިނާވެށީގެ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވަނީ އިއްޔެ ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ވަޒީރު ވިދާޅުވެފައިވަނީ، މާލޭގެ ހުޅަނގު ސަރަޙައްދުގައި، ޚާއްޞަކޮށް ވެސްޓް ޕާކާއި އައި.ޖީ.އެމް. ހޮސްޕިޓަލް ހިމެނޭ ސަރަޙައްދުގައި ފެން ބޮޑުވުމުގެ ސަބަބުން ޢާންމު ދިރިއުޅުމަށް ދަތިތަކާ ކުރިމަތިވެ، ބައެއް ގޭބިސީތަކަށް ގެއްލުން ލިބެމުންދާތީ، މި މަޝްރޫޢު ކުރިއަށް ގެންދެވެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކަމަށެވެ.

މި މަޝްރޫޢަކީ ދިފާޢީ ވުޒާރާގެ އިސްނެގުމާއެކު، އިމާރާތްކުރުމާއި ބިނާވެށީގެ ވުޒާރާގެ ބައިވެރިވުމާއެކު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާ ޙަވާލުކުރެވިގެން ކުރިއަށްގެންދެވޭ މަޝްރޫޢެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުގެ ދަށުން މާލޭގެ ފަސް ސަރަޙައްދެއްގައި ވަގުތީ ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

2023 ވަނަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު ފެށުނު މި މަޝްރޫޢުގެ ދަށުން މިހާތަނަށް ތިން ސަރަޙައްދެއްގެ މަސައްކަތް ވަނީ ނިމިފައެވެ. ބޯކޮށް ވާރޭވެހޭ ދުވަސްވަރު މާލޭގައި ފެންބޮޑުވާ މި ތިން ސަރަހައްދުގައި މިހާރު ގާއިމުކޮށްފައިވާ ވަގުތީ ފެންހިންދާ ނިޒާމުތައް ބޭނުންކުރަން ފެށުމުން އެ ސަރަހައްދުތަކުގައި ފެންބޮޑުވާ މައްސަލައަށް ވަނީ ހައްލެއް ލިބިފައެވެ.

މި މަޝްރޫޢުގެ ސަބަބުން މާލޭގެ ފެންބޮޑުވާ ސަރަޙައްދުތަކުގެ ރައްޔިތުންނަށް ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އަދި މާލޭގެ މަގުތައް އެކަށީގެންވާ ފެންވަރަކަށް ތަރައްޤީކުރެވެންދެން މި ވަގުތީ ނިޒާމު ބޭނުންކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން