ލ. އަތޮޅުގެ ޤުދުރަތީ ރައުސްމާލު ހިސާބުކުރުމުގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ލ. އަތޮޅުގެ ޤުދުރަތީ ރައުސްމާލު ހިސާބުކުރުމުގެ މަސައްކަތް ފަށައިފި

ލ. އަތޮޅުގެ ޤުދުރަތީ ރައުސްމާލު ހިސާބުކުރުމުގެ މަސައްކަތް އެންދެރި މަޝްރޫޢުގެ ދަށުން ފެށިފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި، ތިމާވެށްޓާއި އަދި ހަކަތައާބެހޭ ވަޒީރު އަލްފާޟިލް ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ. މި މަސައްކަތް ނިމުމުން މުޅި ދިވެހިރާއްޖޭގައިވެސް މިފަދަ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ލ. ފޮނަދޫގައި އިއްޔެ ބޭއްވުނު އެންދެރި ސްމޯލް ގްރާންޓްސް 2024 ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ބޭރުގެ ގިނަ ޤައުމުތަކުގައި އެ ޤައުމެއްގެ މުހިންމު ޤުދުރަތީ ވަސީލަތްތަކުގެ އަގު ވަޒަންކުރެވިފައިވާ ކަމަށެވެ. ނަމަވެސް، ދިވެހިރާއްޖޭގެ އެންމެ މުހިންމު ވަސީލަތްތައް ކަމުގައިވާ މުރަކަ ފަރުތަކާއި، ކުޅިފަޅުތަކާއި، އަދި މޫދުވިނައިގެ މާޙައުލީ ނިޒާމުތައް އަދިވެސް ވަނީ ވަޒަންނުކުރެވި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އެންދެރި މަޝްރޫޢުގެ ދަށުން ހިންގާ މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ނިއު ސައުތް ވޭލްސްއާއެވެ. މިގޮތުން، ލާމު އަތޮޅުގެ މުރަކަ ފަރުތަކާއި، މޫދުވިނައާއި، އަދި ކުޅިފަޅުތަކުގެ މިންވަރާއި ފެންވަރު ދެނެގަތުމަށް ދިރާސާތަކެއް މި އަހަރު ތެރޭގައި ވަނީ ކުރެވިފައެވެ.

މި މަސައްކަތުގެ ދަށުން ކުރެވުނު ދިރާސާތަކުގެ ނަތީޖާ އާންމުކުރުމަށާއި، މިކަމާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކަށް ދޭންޖެހޭ ތަމްރީނު ދިނުމަށްޓަކައި ޔުނިވަރސިޓީ އޮފް ނިއު ސައުތް ވޭލްސްގެ ޓީމެއް މި އަންނަ ނޮވެމްބަރު މަހު ތެރޭގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ވަނީ އިޢުލާނުކުރެވިފައެވެ.

މި މަސައްކަތުގެ ސަބަބުން ދިވެހިރާއްޖޭގެ ޤުދުރަތީ ވަސީލަތްތަކުގެ އަގު ވަޒަންކުރެވި، އެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

މިއަދު އޮންލައިން