އެންދެރި މަޝްރޫޢުގެ ދަށުން ލ. އަތޮޅުގެ ރަށްތަކަށް ގްރާންޓް ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 19ސ
އެންދެރި މަޝްރޫޢުގެ ދަށުން ލ. އަތޮޅުގެ ރަށްތަކަށް ގްރާންޓް ހަވާލުކޮށްފި

އެންދެރި މަޝްރޫޢުގެ ދަށުން ލ. އަތޮޅުގެ ހިމާޔަތްކުރެވިފައިވާ ސަރަހައްދުތައް ހިމެނޭ ރަށްތަކަށް މިއަދު ހަވާލުކުރެވުނު ގްރާންޓްތަކަކީ މި ސަރަހައްދުތަކުގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް ލިބުނު އަގުހުރި ފުރުޞަތެއްކަމުގައި މޫސުމީ ބަދަލުތަކާއި، ތިމާވެށްޓާއި އަދި ހަކަތައާބެހޭ ވަޒީރު އަލްފާޟިލް ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޠާރިޤް މިހެން ވިދާޅުވީ މިއަދު ލ. ފޮނަދޫގައި ބޭއްވުނު ގްރާންޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ގްރާންޓްތައް އަވަސް މުއްދަތެއްގެ ތެރޭގައި ފުރިހަމައަށް ބޭނުންކުރެވިއްޖެނަމަ، މިފަދަ އިތުރު ގްރާންޓްތަކާއި މަޝްރޫޢުތަކަށް ވެސް މަގުފަހިވެގެންދާނެ ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ލ. ގަން، މާބައިދޫ އަދި ހިތަދޫއަށް ކޮންމެ ރަށަކަށް 2 މިލިއަން ރުފިޔާގެ ހިލޭ އެހީ ދެވުނެވެ. މި ފައިސާ ބޭނުންކުރެވޭނީ އެންދެރި މަޝްރޫޢުން މި ރަށްތަކުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް އެކުލަވާލާފައިވާ މެނޭޖްމަންޓް ޕްލޭންތައް ތަންފީޒުކުރުމަށެވެ.

މީގެ އިތުރުން، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި މަދަނީ ޖަމްޢިއްޔާތަކާއި އާންމު ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި އެންދެރި މަޝްރޫޢުން ދޫކުރާ ކުދި ގްރާންޓްތަކުގެ ދެވަނަ ބުރަށް ހޮވުނު ތިން ޖަމްޢިއްޔާއަކަށް ޖުމްލަ 1.5 މިލިއަން ރުފިޔާ ފޯރުކޮށްދެވޭނެކަން އިޢުލާންކުރެވުނެވެ. 2022 ވަނަ އަހަރު ހިންގުނު ގްރާންޓްގެ ފުރަތަމަ ބުރުގައި ލ. އަތޮޅުގެ 10 ރަށަކުން 10 ޖަމްޢިއްޔާއަކަށް ޖުމްލަ 2.1 މިލިއަން ރުފިޔާ ވަނީ ފޯރުކޮށްދެވިފައެވެ.

މި ރަސްމިއްޔާތުގައި ހިތަދޫ، މާބައިދޫ އަދި ގަމު ކައުންސިލްގެ ރައީސުންނާއި އިސް މުވައްޒަފުންގެ އިތުރުން ލާމު އަތޮޅު ކައުންސިލްގެ ރައީސް، އަލްފާޟިލް އިސްމާޢީލް ޢަލީ ވެސް ބައިވެރިވެ ވާހަކަފުޅު ދެއްކެވިއެވެ.

އެންދެރި މަޝްރޫޢަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް އަމާޒުކޮށްގެން ހިންގޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ދެވޭ ގްރާންޓްތަކުން ލ. އަތޮޅުގެ ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކުގެ މަންފާ އިތުރުކޮށް، ރަށްރަށުގެ ތިމވެށި ރައްކާތެރިކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވޭނެކަމަށް އުންމީދުކުރެވެއެވެ.

މިނިސްޓަރ ޠާރިޤް އިބްރާހިމް ވިދާޅުވި ގޮތުގައި، މި ގްރާންޓްތަކުގެ ސަބަބުން ލ. އަތޮޅުގެ ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކުގެ ބަޔޯޑައިވަރސިޓީ ރައްކާތެރިކުރެވި، އެ ސަރަހައްދުތަކުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ މަންފާ އިތުރުވެގެންދާނެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރަށު ފެންވަރުގައި ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަސައްކަތްތައް ހަރުދަނާވެ، ރައްޔިތުންގެ ބައިވެރިވުން އިތުރުވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ލާމު އަތޮޅު ކައުންސިލްގެ ރައީސް އިސްމާޢީލް ޢަލީ ވިދާޅުވި ގޮތުގައި، މި ގްރާންޓްތަކަކީ ލ. އަތޮޅުގެ ތިމާވެށި ރައްކާތެރިކުރުމަށް ލިބުނު ވަރަށް މުހިންމު ފުރުޞަތެކެވެ. އަދި މި ފައިސާ ބޭނުންކޮށްގެން ހިންގޭ މަޝްރޫޢުތަކުން އަތޮޅުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި މަންފާ ލިބިގެންދާނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ގްރާންޓް ލިބުނު ރަށްތަކުގެ ކައުންސިލް ރައީސުން ވެސް ވާހަކަފުޅު ދައްކަވައި، މި ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި މި ގްރާންޓްތަކުގެ ސަބަބުން ރަށްރަށުގެ ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

އެންދެރި މަޝްރޫޢަކީ ޔޫ.އެން.ޑީ.ޕީގެ އެހީތެރިކަމާއެކު ދިވެހި ސަރުކާރުން ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކުގެ މެނޭޖްމަންޓް ހަރުދަނާކޮށް، އެ ސަރަހައްދުތަކުގެ ދެމެހެއްޓެނިވި ބޭނުން ހިފުމަށް މަގުފަހިކުރުމެވެ.

މިއަދު އޮންލައިން