ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތަކުން ރާއްޖެ ތަމްސީލުކުރި ފާޠިމަތު ޝާޔާ ޒާހިރު 3 ވަނަ ހޯދައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތަކުން ރާއްޖެ ތަމްސީލުކުރި ފާޠިމަތު ޝާޔާ ޒާހިރު 3 ވަނަ ހޯދައިފި

މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ބޭއްވުނު ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރި ފާޠިމަތު ޝާޔާ ޒާހިރު ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައިފައެވެ.

މި މަހުގެ 5 އިން 12 އަށް ކުރިއަށް ގެންދެވުނު 64 ވަނަ "މެލޭޝިއަން އިންޓަނޭޝަނަލް އަލްގުރްއާން ރިސައިޓޭޝަން އެންޑް މެމޮރައިޒޭޝަން އެސެމްބްލީ" (އެމްޓީއެޗްކިއުއޭ) މުބާރާތުގެ ހިފްޒު ބައިން ޝާޔާ ވަނީ 3 ވަނަ ހާސިލުކޮށްފައެވެ.

52 ޤައުމަކުން 76 ބައިވެރިން ވާދަކުރި މި މުބާރާތުގައި ޝާޔާ ހޯދި މި ކާމިޔާބީއަކީ ދިވެހިރާއްޖެއަށް ލިބުނު ފަޚުރުވެރި ވަނައެކެވެ. މި ކާމިޔާބީއާ ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ޝާޔާއަށް މަރުހަބާ ކިޔުއްވައި، މިއީ ޤައުމަށް ލިބުނު ފަޚުރެއް ކަމުގައި ފާހަގަކުރައްވާފައެވެ.



ފާޠިމަތު ޝާޔާ ޒާހިރަކީ ކުރިންވެސް ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ހާފިޒާއެކެވެ. އޭނާގެ ކުރީގެ ކާމިޔާބީތަކުގެ ތެރޭގައި 2022 ވަނަ އަހަރު މިޞްރުގައި ބޭއްވުނު ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތުން 2 ވަނަ ހޯދުމާއި، މި އަހަރު ބޭއްވުނު 36 ވަނަ ޤައުމީ ޤުރުއާން މުބާރާތުގެ ހާފިޒުންގެ ބައިން 1 ވަނަ ހާސިލުކުރުން ހިމެނެއެވެ.

ޝާޔާގެ މި ކާމިޔާބީއަކީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. އަދި މިފަދަ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހި ދަރިވަރުން ބައިވެރިވެ، މިފަދަ މަތީ ވަނަތައް ހޯދުމަކީ ޤައުމީ ފެންވަރުގައި ޤުރުއާން ކިޔެވުމުގެ ފެންވަރު މަތިވެފައިވާކަމުގެ ހެއްކެއް ކަމުގައިވެސް ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން