މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ އިންސްޕެކްޝަންތައް ހަރުދަނާކުރުމަށްޓަކައި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމެއް ބާއްވައިފިއެވެ. މިނިސްޓްރީ އޮފް ހެލްތާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމުގައި ކައުންސިލްގެ 63 މުވައްޒަފުން ބައިވެރިވިއެވެ.
މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ކަމަކަށެވެ. އެއީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުންނަނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު (6/2024) ގެ ދަށުން އެކުލަވާލާފައިވާ މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުމާއި، މި ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރަމުން ގެންދަނީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަންތަން ކަނޑައެޅުމުގެ ޤަވާއިދުތަކާ އެއްގޮތަށްތޯ ބެލުމަށެވެ.
މިނިސްޓްރީ އޮފް ހެލްތުން މަޢުލޫމާތު ދެއްވިގޮތުގައި، މި ޕްރޮގްރާމް ފުރިހަމަކުރާ މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނަކީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލައި ފާސްކުރުމަށް ސެޓިފައި ކުރެވިފައިވާ މުވައްޒަފުންގެ ގޮތުގައި ބެލެވޭނެއެވެ. މިއީ މާލޭ ސަރަހައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ފެންވަރު މަތިކޮށް، ރައްޔިތުންނަށް ރައްކާތެރި އަދި ސާފު ތަންތަނުން ޚިދުމަތް ލިބިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.
މި ތަމްރީން ޕްރޮގްރާމް ބޭއްވުނީ މިދިޔަ ހަފްތާގައި މާލޭގައެވެ. މިފަދަ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް އޮތް ތަނުގައިވެސް ބޭއްވުމަށް ރޭވިފައިވާ ކަމަށް މިނިސްޓްރީ އޮފް ހެލްތުން ބުނެފައިވެއެވެ.