މިދިޔަ އޮގޮގަސްޓް މަހުގެ 14 ވަނަ ދުވަހު ނިޔާވި ވިފާގު އިބްރާހިމް އަދުނާނުގެ މަރާ ގުޅިގެން ރާއްޖޭގެ މީޑިއާއަކުން ބްރޯޑްކާސްޓްކުރި ޕްރޮގްރާމެއްގައި ފުލުހުންނާ ބެހޭގޮތުން ޙަޤީޤަތާ ޚިލާފު މަޢުލޫމާތުތަކެއް ހިމަނާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހެޑް އޮފް މޭޖަރ ކްރައިމް އިންވެސްޓިގޭޝަންސް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ޝިފާޢު ވިދާޅުވީ، ޗެނަލް 13 އިން ބްރޯޑްކާސްޓްކުރި ޕްރޮގްރާމުގައި ފުލުހުންނާ ދެކޮޅަށް ތުހުމަތުތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި މި ޕްރޮގްރާމުގައި ފުލުހުންގެ ބަހެއް ހޯދާފައިނުވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ޗެނަލް 13 އިން ބްރޯޑްކާސްޓްކުރި ޕްރޮގްރާމާ ގުޅިގެން ފުލުހުންގެ ކަންބޮޑުވުންތައް އެބަހުރި. އެއީ ކަމުގެ ޙަޤީޤަތް ރަނގަޅަށް ނުބަލައި، ބްރޯޑްކާސްޓްކޮށްފައިވާ ޕްރޮގްރާމެއް. އަޅުގަނޑުމެން ވާނީ މި ޕްރޮގްރާމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ބްރޯޑްކާސްޓިންގ ކޮމިޝަނާ މިހާރު ހިއްސާކޮށްފައި," ޝިފާޢު ވިދާޅުވިއެވެ.
ޝިފާޢު އިތުރަށް ވިދާޅުވީ، މި ޕްރޮގްރާމުގައި ޒާތީ ބައެއް މަޢުލޫމާތުތަކާއެކު ދޮގު މަޢުލޫމާތުތަކެއްވެސް ހިމެނިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން އާންމުންގެ މެދުގައި ނުބައި މަޢުލޫމާތު ފެތުރެމުންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި މި ޕްރޮގްރާމުގައި ފުލުހުންގެ ތަޙުޤީޤާމެދު އާންމުންގެ ހިތުގައި ޝައްކު އުފެދޭފަދަ ގޮތަކަށް މަޢުލޫމާތު ހުށަހަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ވިފާގު އިބްރާހިމް އަދުނާނުގެ މަރުގެ މައްސަލަ ފުލުހުން ތަޙުޤީޤުކުރަމުންދަނީ އެއްވެސް ނުފޫޒަކާ ނުލައި، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިންކަން ޝިފާޢު ހާމަކުރެއްވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާޢު ވަނީ މިފަދަ ހާދިސާތަކާާ ގުޅިގެން ޞައްޙަނޫން މަޢުލޫމާތު ހިމަނައިގެން އެއްވެސް މީޑިއާއަކުން ޕްރޮގްރާމްތައް ނުގެނެސްދިނުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މިފަދަ މައްސަލަތަކުގެ ޚަބަރުތައް ގެނެސްދޭއިރު މީޑިއާތަކުން ސަމާލުކަން ދިނުމަށްވެސް އޭނާ އެދިވަޑައިގެންނެވިއެވެ.