ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ މަޤްޞަދުގައި ސަރުކާރުން ބައެއް ޓެކްސްތައް ބޮޑުކުރުމަށް ނިންމާފައިވާއިރު، މި ޓެކްސްތަކަކީ ދިވެހި ރައްޔިތުންގެ އަތުން ނަގާ ޓެކުހެއް ނޫންކަން މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.
ސަރުކާރުން ބޮޑުކުރަން ނިންމާފައިވާ ޓެކްސްތަކުގެ ތެރޭގައި ހިމެނެނީ ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް އާއި ފީއެވެ. މި ޓެކްސްތަކަކީ ދިވެހި ރައްޔިތުންނާއި ވިޔަފާރިތަކުގެ އަތުން ނެގޭ ޓެކުހެއް ނޫންކަމަށް މާލީ ވުޒާރާއިން ބުނެއެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް އާއި ފީގެ ރޭޓް ބޮޑުކުރުމަށް ނިންމާފައިވީ ނަމަވެސް، ދިވެހިންގެ އަތުން ނަގަމުން ދިޔަ ފީ އާއި ރޭޓްތައް ބޮޑުކުރުމަށް ނިންމާފައެއް ނުވެއެވެ. އަދި ދިވެހިންގެ އަތުން އެއްވެސް ފީއެއް ނުނަގާނެކަމަށް ސަރުކާރުން ޔަޤީންކަން ދީފައިވެއެވެ. މި ބަދަލުތަކުގެ ދަށުން ހަމައެކަނި ރާއްޖެއަށް އަންނަ ބޭރު މީހުންގެ އަތުން ނަގާ ފީ އާއި ޓެކްސް ބޮޑުކުރުމަށް ނިންމާފައިވާކަމަށް މާލީ ވުޒާރާއިން ބުނެއެވެ.
މި ބަދަލުތަކުގެ ސަބަބުން އެއްވެސް ވިޔަފާރިއަކަށް އަސަރެއް ނުކުރާނެކަމަށާއި، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށްވެސް އެއްވެސް އަސަރެއް ނުކުރާނެކަމަށް މާލީ ވުޒާރާއިން ވިދާޅުވިއެވެ. އަދި މި ބަދަލުތަކުގެ ސަބަބުން ތަކެތީގެ އަގަށް ނުވަތަ ޢާއްމުންގެ ދިރިއުޅުމުގެ ޚަރަދަށް އެއްވެސް ބަދަލެއް ނާންނާނެކަމުގެ ޔަޤީންކަންވެސް ސަރުކާރުން ދެއެވެ.
މި ބަދަލުތައް ގެނައުމަށްޓަކައި ޤާނޫނަށް ބައެއް އިޞްލާޙުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ހުށަހަޅާފައެވެ. މި އިޞްލާޙުތައް ފާސްވުމުން ސަރުކާރަށް އާމްދަނީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ އިތުރުވާނެކަމަށް ލަފާކުރެވެއެވެ.