މޯލްޑިވްސް ޕޮލިޓެކްނިކުން ދިވެހި ބޭސްވެރިކަމުގެ ކޯސްތައް އަންނަ އަހަރު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ އިދާރާގެ ސީއީއޯ ޛޫޝާން ކަމާލުއްދީން ވިދާޅުވެއްޖެއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ މޯލްޑިވްސް ޕޮލިޓެކްނިކުން ގއ. ވިލިނގިލި އަދި ގދ. ގައްދޫއަށް ކުރެއްވި ދަތުރަށްފަހުގައެވެ.
ޛޫޝާން ވިދާޅުވި ގޮތުގައި މި ދަތުރަކީ ކާމިޔާބު ދަތުރެއް ކަމަށާއި، މިފަދަ ދަތުރުތަކުން ރަށްރަށުގެ މީހުން ތަމްރީނުވާން ބޭނުންވާ ދާއިރާތަކާއި، ރާއްޖެއަށް އިންސާނީ ވަސީލަތްތައް ބޭނުންވާ ދާއިރާތައް ދެނެގަތުމަށް ފަސޭހަވެގެންދާ ކަމަށެވެ. އަދި އައު ކޯސްތައް ފެށުމަށް ބޭނުންވާ މަޢުލޫމާތާއި ފަންނުވެރިން ހޯދުމަށްވެސް މަގުފަހިވެގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ދަތުރުގައި މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)ގެ ސީއީއޯ، ޑރ. ޒަހްރާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ދަތުރުގައި ޕޮލިޓެކްނިކްގެ ދެ ކެމްޕަސް ކަމަށްވާ ގދ. ގައްދޫ އަދި ގއ. ވިލިނގިލި ކެމްޕަސްއަށް ޒިޔާރަތްކޮށް، އެކި ދާއިރާތަކުގެ ކޯސްތައް ހިންގުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން ބޭނުންވާ އެއްބާރުލުމާ މެދު މަޝްވަރާކުރެވުނެވެ.
ޛޫޝާން އިތުރަށް ވިދާޅުވި ގޮތުގައި ނެތެމުންދާ ފަންނުތައް ދިރުވައި އާލާކުރުމަކީ މޯލްޑިވްސް ޕޮލިޓެކްނިކްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ގޮތުން، ދިވެހި ބޭސްވެރިކަމުގެ ފަންނުވެރިންނާ ބައްދަލުކޮށް، އެ ދާއިރާއިން ކޯސްތައް ފެށުމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާ ކަމަށާއި، އަމާޒަކީ އަންނަ އަހަރު މި ކޯސްތައް ފެށޭވަރު ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މޯލްޑިވްސް ޕޮލިޓެކްނިކުން ވަނީ އެމްއެންއެސްޑީއޭ އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ އެއްބާރުލުމާއެކު މުޅިން އައު 5 ކޯހެއް ތަޢާރަފްކުރުމަށް ކަނޑައަޅާފައެވެ. މީގެ ތެރޭގައި 2025 ވަނަ އަހަރު ތެރޭގައި ގއ. ވިލިނގިލި ކެމްޕަސްގައި ދިވެހި ބޭސްވެރިކަމާ ގުޅޭ ޤައުމީ ފެންވަރުގެ ކޯހެއް ތަޢާރަފްކުރުމުގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ޛޫޝާން ވިދާޅުވިއެވެ.
މޯލްޑިވްސް ޕޮލިޓެކްނިކުން މި މަސައްކަތްތައް ކުރިއަށް ގެންދަނީ ސަރުކާރުގެ ވަޢުދުތަކުގެ ތެރެއިން ރަށްރަށުގައި ތިބެގެން ތަޢުލީމު އުނގެނުމުގެ ފުރުޞަތު ފަހިކުރުމާއި، ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް މާލެ އާއި އަތޮޅުތަކުގައި ކޯސްތައް ރާވައި ހިންގުމުގެ މަޤްޞަދުގައެވެ.
ގއ. ވިލިނގިލީ ކައުންސިލާއި އެ ރަށުގެ އެކި ފަރާތްތަކުން ވަނީ ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން ތަމްރީނުވުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެދިފައިވާކަން ފާހަގަކުރެވެއެވެ.
މި މަޝްރޫޢުގެ ސަބަބުން ދިވެހި ބޭސްވެރިކަމުގެ އާރާއި ބާރު އަލުން ދިރުވައި، މި ދާއިރާއިން ޒަމާނީ ފެންވަރުގެ ތަމްރީނު ލިބިފައިވާ ފަންނުވެރިން އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ. މީގެ އިތުރުން، ރާއްޖޭގެ ސަގާފަތާއި އާދަކާދަތަކާ ގުޅުންހުރި މި މުހިންމު ދާއިރާ ދެމެހެއްޓުމަށާއި ކުރިއެރުވުމަށް މި މަޝްރޫޢުން އެހީތެރިވެދޭނެ ކަމަށް ބެލެވެއެވެ.
މޯލްޑިވްސް ޕޮލިޓެކްނިކުން މި ފަދަ މުހިންމު ފިޔަވަޅުތަކެއް އަޅަމުންދާއިރު، ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިމަގު އުޖާލާވެގެންދާނެ ކަމަށް ގިނަ ފަރާތްތަކުން އުންމީދުކުރެއެވެ. ޚާއްޞަކޮށް ދިވެހި ބޭސްވެރިކަމުގެ ފަދަ ދިވެހިންގެ އަމިއްލަވަންތަ ދާއިރާތައް ދިރުވައި އާލާކުރުމަށް މި ފަދަ މަސައްކަތްތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.