ވޭޕް މަނާކުރުމުގެ ނިންމުން ތަންފީޒުކުރުމަށް ކަސްޓަމްސްއިން ތައްޔާރުވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
ވޭޕް މަނާކުރުމުގެ ނިންމުން ތަންފީޒުކުރުމަށް ކަސްޓަމްސްއިން ތައްޔާރުވަނީ

ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖެއަށް އެތެރެކުރުމާއި، ގެންގުޅުމާއި އަދި ވިއްކުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުން ތަންފީޒުކުރުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ދީފިއެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ އެއްގޮތަށް، އަންނަ ނޮވެމްބަރު 15 އިން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ކުރަންޖެހޭ އެންމެހައި ތައްޔާރީތައް ވުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

މީގެއިތުރުން، އަންނަ ޑިސެމްބަރު 15 އިން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރު ކުރުމާއި ހިލޭ ބެހުން މަނާކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްވެސް ތައްޔާރުވަމުންދާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމުގައި ހިމެނޭ އެހެނިހެން ކަންކަމުގެ ތެރޭގައި، ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ނިންމަވާފައިވާކަން ފާހަގަކޮށްފައިވެއެވެ. މި ބަދަލު ގެނައުމަށްޓަކައި ޤާނޫނަށް އިސްލާހު ގެނައުމަށް މި ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށްވެސް ކަސްޓަމްސްއިން ހާމަކޮށްފައިވެއެވެ.

އާންމު ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަން ކަސްޓަމްސްއިން ފާހަގަކޮށްފައިވެއެވެ.

މި ނިންމުންތަކަކީ ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންގެ އަދަދު މަދުކުރުމަށާއި، ޚާއްސަކޮށް ޒުވާނުންގެ މެދުގައި ވޭޕްކުރުމުގެ އާދަ އިތުރުވަމުން ދިއުމާ ގުޅިގެން އެޅޭ ފިޔަވަޅުތަކެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން