ވިލިމާލޭގައި ތަރައްޤީކުރާ 100 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާ ޚިދުމަތް ދޭން ފެށުމަކީ އަމާޒެއްކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީޅުވީ މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތަކީ ވިލިމާލޭ ހޮސްޕިޓަލުގެ ޓެންޑަރިންގެ މަރުހަލާއަށް ދިޔުމަށް އިމާރަތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާއި ޗައިނާއާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތެކެވެ.
ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޗައިނާއިން ދިވެހިރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ހިންގަވަން ނިންމެވި މަޝްރޫޢުއެކެވެ. މި މަޝްރޫޢުޫޢުގެ މުހިންމުކަން ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވީ މި ހޮސްޕިޓަލުން ވިލިމާލެ އަދި މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން، ޑރ. މުއްޠަލިބް ވިދާޅުވީ ވިލިމާލޭ ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެކި ފަރާތްތަކާއެކު މުހިންމު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. "މީގެ ތެރޭގައި ހޮސްޕިޓަލުތަކާއި ވުޒާރާތަކާއި އެކަމާއި ގުޅުން ހުރި ތަންތަނާއެކު މަޝްވަރާ ބައްދަލުވުންތައް ގެންދެވުނު," ވަޒީރު ވިދާޅުވިއެވެ.
މި ހޮސްޕިޓަލްގެ މަސައްކަތް ފެށުމުން، ވިލިމާލޭގެ ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި މާލޭގެ އާބާދީ އިތުރުވަމުން ދާއިރު، މި ހޮސްޕިޓަލަކީ ޞިއްޙީ ދާއިރާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ފާހަގަކުރެވެއެވެ.