އިމިގްރޭޝަން ވޮޗް ޕްރޮގްރާމަށް މިހާތަނަށް ބިދޭސީންނާ ގުޅޭ 840 މައްސަލަ ހުށަހެޅިފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ. މި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ޤަވާއިދާ ޚިލާފަށް ކުރާ ވިޔަފާރީގެ މައްސަލަތައްކަން އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
އިމިގްރޭޝަނުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މިހާތަނަށް ހުށަހެޅުނު 840 މައްސަލައިގެ ތެރެއިން 596 މައްސަލައަށް އެޓެންޑްވެ، 70 މައްސަލަ ވަނީ ވެރިފައިކުރެވިފައެވެ. މީގެ އިތުރުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާތަނަށް 4000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ.
ސަރުކާރުގެ އަމާޒަކީ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމާއި، ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނައުމެވެ. އަދި އަންނަ 3 އަހަރުގެ ތެރޭގައި ބިދޭސީންގެ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އިމިގްރޭޝަން ވޮޗް ޕްރޮގްރާމަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ރިޕޯޓްކުރުމަށް ޢާންމުންނަށް ހުޅުވާލެވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ސަބަބުން ބިދޭސީންނާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް ފަަސޭހަވެ، ޤާނޫނާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު މަދުކުރެވޭނެ ކަމަށް އުންމީދުކުރެވެއެވެ.