ޢިބްރަތްތެރި ވާހަކަ: އެންމެ ދަތިޙާލުގަ ޖެހުނު ވަޤުތު އެކުވެރިން ހަށިވިއްކުވަން އުޅުމުން ދެކޮޅުހަދައި ދުޢާކުރުމުގަ ޘާބިތުވުމުން ބޭނުންވި ހުރިހާކަމެއް ފުދި އިތުރުވި އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 1ސ
ޢިބްރަތްތެރި ވާހަކަ: އެންމެ ދަތިޙާލުގަ ޖެހުނު ވަޤުތު އެކުވެރިން ހަށިވިއްކުވަން އުޅުމުން ދެކޮޅުހަދައި ދުޢާކުރުމުގަ ޘާބިތުވުމުން ބޭނުންވި ހުރިހާކަމެއް ފުދި އިތުރުވި އަންހެނެއްގެ ވާހަކަ-

އަޅުގަނޑުމެންގެ ބައްޕަ ނިޔާވިއިރު އަޅުގަނޑުގެ ޢުމުރަކީ 16 އަހަރެވެ. ދެން ހުރީ 7 އަހަރުގެ އަންހެން ކޮއްކޮއެކެވެ. ބައޕަ ނިޔާވި ނަމަވެސް މަންމަ އަޅުގަނޑުމެންގެ އެއްވެސް ކަމަކަށް ދަތިވިއަކަނުދެއެވެ. ގޭގޭގައި ނޯކިރީކޮށްދީގެން ފައިސާ ހޯދައި އަޅުގަނޑުމެން ދެބެއިންގެ ބޭނުންތައް ފުއްދައިދިނެވެ. މަންމަގެ ފެންވަރުން ހުރިހާ ކަމެއްވެސް ކޮށްދީ ކިޔަވައިދިނެވެ.

ހިތާމައަކަށްވީ ޢުމުރުން 20 އަހަރުގައި މަންމަ ނިޔާވުމުންނެވެ. އަޅުގަނޑަށް ވަޒީފާއެއް ލިބުނުތަނާހެން ހުމެއް އައިސްފައި މަންމަ ނިޔާވުމުން ކޮއްކޮ ބެލުމުގެ ހުރިހާ ޒިންމާތަކެއްވެސް އުފުލަން ޖެހުނީ އަޅުގަނޑަށެވެ. 

މަންމަ ނިޔާވިތާ 2 އަހަރުވެސް ނުވަނީސް ކޮއްކޮ ވަރަށް ބޮޑަށް ބަލިވިއެވެ. ޑޮކްޓަރަށް ދައްކައި ފަރުވާކުރަމުން ދިއަ ނަމަވެސް ޙާލު ރަނގަޅެއް ނުވެއެވެ. ދުވަސްތަކެއްފަހުން އެނގުނީ ލޭގެ ކެންސަރުގެ ބާވަތެއް ޖެހިފައިވާ ކަމާއި އަވަހަށް ފަރުވާ ހޯދިއްޖެނަމަ ގަދަވުމުގެ ފުރުޞަތު އޮތްކަމެވެ. 

ކޮއްކޮގެ ބޭސްފަރުވާއަށް އާސަންދަ ލިބުނެވެ. ލިބުނީ ހަމައެކަނި ދެކޮޅު ޓިކެޓާއި ހޮސްޕިޓަލުން ދޭނެ ފަރުވާއަށެވެ. އިތުރަށް ކުރަންޖެހޭ ޚަރަދުތަކަށް ފައިސާ ހޯދަންޖެހުނީ އަމިއްލައަށެވެ. އެއީ ވަރަށް ބައިވަރު ފައިސާއެވެ. އަޅުގަނޑުގެ އަތަކު ފައިސާއެއް ނެތެވެ. އެހީތެރިވާނެ މީހަކުވެސް ނެތެވެ. 

ކޮއްކޮ މަރަށް ތެޅިފޮޅެނީއެވެ. މަންމަ އާއި ބައްޕަ ދުނިޔެދޫކޮށްފައި އެދިއައީ ކޮއްކޮ ބެލުމުގެ ޒިންމާ އަޅުގަނޑާއި ޙަވާލުކޮށްފައެވެ. ވީމާ ސަލާންޖަހަން ފެށީމެވެ. ފޭސްބުކްގައިވެސް ލިޔުނީމެވެ. ނޫހުގައިވެސް ލިޔުނީމެވެ. ނަމަވެސް އެއީ ކޮވިޑުން ކިރިޔާ ސަލާމަތްވެވުނު ދުވަސްވަރު ކަމަށްވެފައި ކުރިމަތިވެފައިވާ ދަތިޙާލަތުގެ ސަބަބުން އެހީތެރިކަން ލިބުނީ ވަރަށް ކުޑަ މިންވަރަކަށެވެ. 

އެޙާލަތުގައި ހަތަރު އުދަރެސް ފެނުިޖެހިފައިހުންނަންޖެހުނު ވަޤުތު އެންމެ ގާތް އެކުވެރިން ނަޞޭޙަތްދިނީ ހިލޭ ފިރިހެނުންގެ އަތުން ފައިސާ ހޯދުމަށެވެ. ނަމަވެސް އެއީ އަޅުގަނޑަށް ޤަބޫލުކުރެވޭ ކަމަކަށް ނުވުމުން އެކަމަށް އިންކާރުކުރީމެވެ. ބައްޕަ ނިޔާވުމުން މަންމަ އުޅުނު ދަތިޙާލު އޮތީ ފެނިފައެވެ. މަންމަ ދެއްކި ނަމޫނާއިން އޮތީ ފިލާވަޅުލިބިފައެވެ. 

ބުނީމެވެ. "ފައިސާ ކިތަންމެ ގިނައިން ހޯދިނަމަވެސް ޝިފާ ދެއްވެވުން ވަނީ ﷲ އަށެވެ. ﷲ ރުހިވޮޑިނުގަންނަވާ ކަމެއްކޮށްގެން ފައިސާ ހޯދާފައި ކުރަން އޮންނާނީ ކޮން ދުޢާއެއް ހެއްޔެވެ؟ ތިއަކަން އަހަރެން ނުކުރާނަމެވެ. އަހަރެންނާއި ކޮއްކޮގެ ފުރާނަ އެކުގައި ގެންދެވިނަމަވެސް މަރުވާން ބޭނުމީ އެކަލާނގެ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައެވެ." 

ކޮންމެހެން ފަޚުރުވެރިވާކަށް ނޫނެވެ. އަޅުގަނޑަކީ އެކުވެރިންނަށްވުރެ ސިފަ ރީތި އަންހެނަކީމެވެ. އެކުވެރިންގެ ހިތުގައި އެކަމަށް ޙަސަދަވެރިކަން އޮތްވަރުން އެމީހުން ބޭނުންވީ އަޅުގަނޑުގެ އަގުވައްޓައިލަންކަން ވިސްނުނެވެ. އެއީ އަޅުގަނޑު ދެކޮޅު ހެދުމުންވެސް ތަނަވސް ފިރިހެނުންނަށް އަޅުގަނޑުގެ ނަންބަރުދީގެން ގުޅުވައިހެދީތީއެވެ. އަޅުގަނޑަށް އެކަން ވިސްނުމުން ހުރީ އެކަމަށް ވަރަށް ބޮޑަށް ސަމާލުކަންދީގެންނެވެ. 

ރައްކައުތެރިކަން ދެއްވެވުމަށާއި ކޮއްކޮއަށް ބޭސްފަރުވާ ކުރެވޭނެ މަގެއް ދައްކަވައިދެއްވެވުން އެދި ރޭގަނޑާއި ދުވާލު ދިއައީ ދުޢާކުރަމުންނެވެ. އެކުވެރިންނާއި ޝައިޠޯނާގެ މަޅީގައި ނުޖެހި ކޮއްކޮއަށް ބޭސްފަރުވާކުރެވޭނެ ފަހިމަގެއް ދައްކަވައިދެއްވެވެއެދިގެންނެވެ. ޢަބުރާއި ޢިއްފަތްތެރިކަން ނުގެއްލި ސަލާމަތުން ހުރެވޭނެ މަގަކަށް އެދިގެންނެވެ. 

އެއްދުވަހަކު ކޮއްކޮ ގާތަށް ހޮސްޕިޓަލަށް ދަނިކޮށް މަގުމަތިން، ހޮސްޕިޓަލް ކައިރިން ބައްދަލުވި ބައްޕަމެން އުމުރުގެ މީހެކެވެ. އަޅުގަނޑުގެ ނަމުން ގޮވާލުމުން ޙައިރާންވެސް ވިއެވެ. ހުއްޓިފައި އަނގައިން ނުބުނެ މަޑުކޮށްލުމުން ބުނީ އޭނާއަކީ އަޅުގަނޑާއިއެކު ކިޔަވަން އުޅުނު ޒުހުދާގެ  ބައްޕަ ކަމަށެވެ. އަޅުގަނޑުގެ މަންމައާއިވެސް ރައްޓެހިކަމަށެވެ. 

އެހިސާބުން ޒުހުދާގެ ޙާލު އަހައިލުމުން ބުނީ ކެންސަރަށް ބޭސްފަރުވާކުރަނިކޮށް 1 އަހަރުކުރިން ނިޔާވެފައިވާ ކަމަށެވެ. ނިޔާވީ ރާއްޖެއިން ބޭރުގައިކަމުން އެކުވެރިންނަށް ނުއެނގިއޮތީ ކަމަށެވެ. އޭނާ އަޅުގަނޑުމެންގެ ޙާލާއި މަންމަ ކޮބައިތޯ ސުވާލުކުރުމުން މަންމަ ނިޔާވެއްޖެ ކަމަށާއި ކޮއްކޮއަށް ޖެހިގެން އުޅޭ ޙާލު ކިޔައިދިނީމެވެ. 

އަޑުއަހަން ހުރެފައި އޭނާ ބުންޏެވެ. "އަހަރެންގެ ދަރިފުޅު ސަލާމަތްނުކުރެވުނީ މިންވަރުފުޅުގައި ނެތީމައެވެ. ބޭސްފަރުވާ ނުކުރެވިގެނެއް ނޫނެވެ. އިރާދަކުރެއްވިއްޔާ ޒުހުދާގެ ފުރާނައަށް ހެޔޮ ރަޙްމަތަށް އެދި ތިއަ ކޮއްކޮގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކޮށްދޭނަމެވެ. މިހާރުން ފެށިގެން ހުރިހާ ޚަރަދަކާއި މިޙަވާލުވީއެވެ. އަވަހަށް ފުރަން ތައްޔާރުވާށެވެ. ގޮވައިގެންދާނީވެސް އަހަރެމެން ދެމަފިރިންނެވެ. އަހަރެމެން މިތިބީ ތިއަ ކަމަށް ވަރަށް ތަޖުރިބާލިބިގެންނެވެ. އިތުރު އެހީތެރިއަކު ބޭނުމެއް ނޫނެވެ." 

އޭނާ އެހެން ބުނުމުން އުފަލުން ރޮއިގަނެވުނެވެ. ޤަޞްދަކު ނޫނެވެ. ނަމަވެސް އޭނާގެ ދެފައިގައި ބޮސްދޭން މަސައްކަތްކުރެވުނެވެ. ޤަޞްދަކު ނޫނެވެ. އެކަން އޭނާ ހުއްޓުވިއެވެ. އޭނާ ބުނީ މިފަދަ ފުރުޞަތެއް އޭނާއަށް ދެއްވެވިކަމަށްޓަކައި ﷲ އަށް ޙަމަދުކޮށް އޭނާ ސަޖިދަކުރާނެ ކަމަށެވެ.

އޭނާ ބުނިފަދައިން އަޅުގަނޑުމެންނަށް އެހީތެރިވިއެވެ. ބޭސްފަރުވާކޮށްދިނެވެ. ޝިފާވެސް ލިބުނެވެ. އަދި އެދެމަފިރިން ބޭނުންވީ އަޅުގަނޑުމެން ދެބެއިންނަކީ ވެސް އެދެމަފިރިންގެ އަމިއްލަ ދަރިންގެ ގޮތުގައި ދެކެގެން ބަލަހައްޓާށެވެ. އެއީ ލިބުނު އެންމެ ބޮޑު އުފާވެރިކަމެވެ. އަޅުގަނޑުމެންނަކީ އަޅައިލާނެ އެއްވެސް މީހަކު ނެތި މަޢްޞޫމް، ނިކަމެތި ދެބެއިން ކަމަށްވާތީއެވެ. ޚާއްޞަކޮށް ދެއަންހެން ކުދިން ކަމުގައިވާތީއެވެ. 

އެވަރަކުންވެސް އެދެމަފިރިން ނިންމައެއް ނުލިއެވެ. އެމީހުންގެ ދޮށީ ފިރިހެން ދަރިފުޅާއި އަޅުގަނޑާއި ކައިވެނިވެސްކޮށްދިނެވެ. ފިރިމީހާވެސްވީ އޭނާގެ މައިންފަދަ ހެޔޮލަފާ ވަރަށް ރަނގަޅު ފިރިއަކަށެވެ. ކައިވެންޏަށް އަދިމިވީ ދެއަހަރެއްހައި ދުވަހެވެ. އެހެންކަމާއިއެކުވެސް ފިރިމީހާގެ ހުރި ރިވެތި އަޚްލާޤުން އޭނާއަކީ ނަމޫނާ ފިރިއަކަށްވާނެކަން ވަރަށް ބޮޑަށް ޔަޤީންކުރެވެއެވެ.

އަޅުގަނޑަށް ކުރި އިތުބާރުން ދެބެއިން ފިރިމީހާގެ ގެއަށް ބަދަލުކޮށް އަޅުގަނޑުމެންގެ ގެ ތަޅާލައި ޢިމާރާތްކުރުމުގެ މަސައްކަތް ފަށައިގެން ކުރަމުން އެގެންދަނީ އެއްވެސް ބާވަތެއްގެ އެއްބަސްވުމަކާއިވެސް ނުލައެވެ. ހަމައެކަނި ޢުމުރު ދުވަހު އެކުގައި ދިރިއުޅުމުގެ އިތުބާރުގެ މައްޗަށެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތުގައި ކަންކަން ދިމާވިގޮތެވެ. މިވާހަކަ މިކިޔައިދިނީ ވަރަށް އަސަރާއިއެކުގައެވެ. އަދި ވަރަށް ބޮޑު ބޭނުމަކުއެވެ. ފުރަތަމަ ކަމަކީ އެންމެ ގާތްކަމަށް ހެދިގެން އުޅޭ އެކުވެރިންގެ ހުންނަ ނުބައިކަމެވެ. ދެވަނަ ކަމަކީ ﷲ އަށް ނުއުރެދި ޙައްޤުގައި ހުންނަން މަސައްކަތްކުރާމީހަކަށް މަގުދައްކަވައިދެއްވަވާކަން ކިތަންމެ ރަނގަޅަކަށްވެސް ތަޖުރިބާކުރެވިފައިވާތީ އެކަން ޙިއްޞާކޮށް ﷲ ގެ މަގުގައި ސާބިތުވުމަށް ހިތްވަރުދިނުމެވެ.

 

- މިޒުނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

 

މިއަދު އޮންލައިން