ދިވެހިރާއްޖޭގެ ޤުދުރަތީ ވެށީގެ އަގު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. މި މަސައްކަތް މިހާރު ކުރިއަށްދަނީ ލ. އަތޮޅުގައި ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ތާރިޤް އިބްރާހީމް ވިދާޅުވިއެވެ.
ވަޒީރު ތާރިޤް އިބްރާހީމް ވިދާޅުވި ގޮތުގައި މި މަސައްކަތް ކުރިއަށްދަނީ ތިން ދާއިރާއަކުންނެވެ. އެއީ ފަރު އަދި މުރަކަ، މޫދުވިނަ، އަދި ކުޅި، ފާ އަދި ޗަސްބިމެވެ. މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޚާއްސަ އިސްކަމެއް ދެއްވާ މަސައްކަތެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ ޤުދުރަތީ ވެށީގެ އަގު ދެނެގަނެވި، އޭގެ މާލީ މަންފާ ލިބޭނެކަމަށް އަޅުގަނޑުމެން ބަލަނީ. މިހާރު ލ. އަތޮޅުގައި ފެށިފައިވާ މި މަސައްކަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ވަނީ ނިންމާފައި،" ވަޒީރު ތާރިޤް ވިދާޅުވިއެވެ.
މި މަސައްކަތުގެ ސަބަބުންބަބުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް އިތުރު ބާރެއް ލިބި، ދެމެހެއްޓެނިވި ގޮތެއްގައި ޤުދުރަތީ ވަސީލަތްތައް ބޭނުންކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ. އަދި މި މަސައްކަތުގެ ނަތީޖާ ބޭނުންކޮށްގެން ތިމާވެށި ހިމާޔަތްކުރުމަށް އިތުރު ސިޔާސަތުތަކާއި ޕްރޮގްރާމްތައް އެކުލަވާލެވޭނެ ކަމަށްވެސް ބެލެވެއެވެ.