ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި އެހާ ބޮޑު ގޯހެއް ހަދާފައިވާއިރު އެއީ މި ސަރުކާރުން އަޅާނުލާ ދޫކޮށްލާނެކަމެއް ނޫން: ބަންޑާރަނައިބު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި އެހާ ބޮޑު ގޯހެއް ހަދާފައިވާއިރު އެއީ މި ސަރުކާރުން އަޅާނުލާ ދޫކޮށްލާނެކަމެއް ނޫން: ބަންޑާރަނައިބު

ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި ފާހަގަކުރެވިފައިވާ ބޮޑެތި މައްސަލަތަކާ ގުޅިގެން، އެކަމަށް ފިޔަވަޅު އަޅާނެކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. އޮޑިޓަރ ޖެނެރަލްގެ ރިޕޯޓު ނެރުމާ ގުޅިގެން ދައުލަތުގެ ޚަރަދުތައް ރެކޯޑުކުރުމުގައި ދިމާވެފައިވާ މައްސަލަތަކަށް އަވަސް ފިޔަވަޅުތަކެއް އަޅާނެކަމަށް ބަންޑާރަނައިބު އިއްޔެ ވިދާޅުވިއެވެ.

ބަންޑާރަނައިބު ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުން ފާސްކުރި ބަޖެޓަށްވުރެ 2 ބިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށްފައިވާކަމަށް މާލީ ވަޒީރު ވަނީ ހާމަކުރައްވާފައެވެ. އަދި މި ޚަރަދުތައް ސިސްޓަމުގައި ރެކޯޑު ނުކުރެވި ހުރިކަމަށާއި، މިއީ ޤާނޫނާ ޚިލާފު ކަމެއްކަން ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ.

"ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމުގައި މިފަދަ ބޮޑު ގޯހެއް ހަދާފައިވާއިރު، އެއީ މި ސަރުކާރުން އަޅާނުލާ ދޫކޮށްލާނެ ކަމެއް ނޫން," ބަންޑާރަނައިބު ވިދާޅުވިއެވެ.

އޮޑިޓަރ ޖެނެރަލްގެ ރިޕޯޓަށްފަހު، މި މައްސަލައިގައި ޒިންމާވާންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ. އަދި މިފަދަ ކަންކަން ކުރިމަގުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޤާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތައްކަތް ކުރިއަށް ގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ސަރުކާރުން އަޅާނެ ފިޔަވަޅުތަކުގެ އިތުރު ތަފްސީލު އަދި ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް، ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގައި ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން މަސައްކަތްކުރާނެކަމަށް ބަންޑާރަނައިބު ވަނީ ޔަޤީންކަން ދެއްވާފައެވެ.

މިއަދު އޮންލައިން