އެސެޓް ރިކަވަރީ ބިލް އަންނަ އަހަރުގެ ފުރަތަމަ ދައުރުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަނައިބު އުޝާމް ވިދާޅުވީ، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބިލް ނުފޮނުވާތީ، ބަންޑާރަނައިބުގެ އޮފީހުން އަމިއްލައަށް ބިލް ޑްރާފްޓްކޮށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
"ކުރީގެ ސަރުކާރުން 1 ބިލިއަން ރުފިޔާގެ އެސެޓްތައް ބަދަލުގެ ގޮތުގައި ދީފައިވޭ. މި މަހު ނިމުމުގެ ކުރިން ޤާނޫނާ ޚިލާފަށް ދީފައިވާ އެއްބަސްވުންތައް ބާޠިލުކުރުމުގެ މަސައްކަތް ނިމޭނެކަމަށް އަޅުގަނޑުމެން ލަފާކުރަނީ," ބަންޑާރަނައިބު އުޝާމް ވިދާޅުވިއެވެ.
މީގެ އިތުރުން، ދައުލަތުގެ އެސެޓްތަކަށް ހަމައަގު ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށްވެސް ބަންޑާރަނައިބު އުޝާމް ވިދާޅުވިއެވެ.
މި ބިލު ފާސްވުމުން، ކުރީގެ ސަރުކާރުތަކުން ނާޖާއިޒު ގޮތުގައި ދޫކޮށްފައިވާ ދައުލަތުގެ އެސެޓްތައް އަނބުރާ ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. މި ބިލަކީ ރައީސް ޑރ.މުއިއްޒުގެ ސަރުކާރުން ކޮރަޕްޝަން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެއް ކަމަށްވެސް ފާހަގަކުރެވެއެވެ.