އިބްރަތްތެރި ވާހަކަ: ދަރިއަކު ހުއްޓާ ކައިވެނިކުރުމުން ރުޅިއަންނަ މައިންނަށް ކަމެއް ޖެހުމުން ގިނަ ފަހަރު ބަލައިދޭންޖެހެނީ އެދަރިންނަށް! ރަންދަރިންނެއް ނުބަލާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 46ސ
އިބްރަތްތެރި ވާހަކަ: ދަރިއަކު ހުއްޓާ ކައިވެނިކުރުމުން ރުޅިއަންނަ މައިންނަށް ކަމެއް ޖެހުމުން ގިނަ ފަހަރު ބަލައިދޭންޖެހެނީ އެދަރިންނަށް! ރަންދަރިންނެއް ނުބަލާ!

އަޅުގަނޑުގެ ފުރަތަމަ ކައިވެންޏަށް 3 ވަނަ އަހަރު ކައިވެނި ރޫޅިއްޖެއެވެ. އެއިރު އަހަރުވެސް ނުވާ ދަރިއަކު އޮތެވެ. ދަރިފުޅު ބަލަމުން އައީ އެކަންޏެވެ. ވަރިކުރުމަށްފަހު އެންމެ ރުފިޔާއެއްވެސް ދަރިފުޅުގެ ބައްޕަ ޚަރަދެއް ނުކުރެއެވެ. އެހެންކަމުން ދަރިފުޅު ބަލަމުން އައީވެސް ވަޒީފާ އަދާކޮށްގެން އަޅުގަނޑަށް ލިބޭ މުސާރައިންނެވެ. 

އަޅުގަނޑާއި ކައިވެނިކުރަން މީހުން އެދެއެވެ. ނަމަވެސް މަޑުކޮށްގެން ހުރީއެވެ. އެއީ ދަރިފުޅަށް ބަސް އަހައިގެން އުޅެން އެނގޭ ވަރަށް ބޮޑުނުވަނީސް ކައިވެނިކޮށްފިނަމަ ފިރިމީހާއަށް އެކަމުން އުނދަގޫވެދާނެތީއެވެ. އެހެން ހުއްޓައި ދަރިފުޅުގެ ޢުމުރުން 4 އަހަރުގައި އަޅުގަނޑާއި ކައިވެނިކުރަން މީހަކު އެދުނެވެ. އޭނާއަކީ އަޚްލާޤީ ގޮތުން ވަރަށް ރަނގަޅު މީހެކެވެ. އޭނާ ދަރިފުޅު ދެކެވެސް ވަރަށް ލޯބިވާކަން ޢަމަލުން ދައްކައިދިނުމުން ކައިވެނިކުރަން އެއްބަސްވީމެވެ. 

އޭނާއަކީވެސް މާލޭގައި ޢާއިލާގެ ގެދޮރުހުރި މީހެކެވެ. ނަމަވެސް އަޅުގަނޑު އެދުނީ އަޅުގަނޑަށް ބައްޕަގެ ގެއިން ލިބިފައިހުރި ފްލެޓުގައި ދިރިއުޅޭށެވެ. އެއީ ދަރިފުޅު ގޮވައިގެން ޢާއިލާއެއްގެ ތެރެއަށް ގޮސް ދިރިއުޅެން ފެށުމުން ކުރިމަތިވެދާނެ މައްސަލަތަކަށް ވިސްނައިފައެވެ. 

ދެމަފިރިން ވަރަށް ލޯބިން ދިރިއުޅެމުންދަނިކޮށް އެއްދުވަހަކު އޭނާގެ މަންމަ އައިސްބުނީ އޭނާގެ ދަރިންގެ ކަންކަން ހުރިގޮތުން ދުވަސްކޮޅަކު އަޅުގަނޑުމެންގެ ގާތުގައި މަޑުކޮށްލަން ބޭނުންވާ ކަމަށެވެ. މަރުޙަބާކީމެވެ. ކޮޓަރިއެއްގައި ބެހެއްޓީމެވެ. 

މަންމަ ގެއަށް އައި ބޭނުން އެނގުނީ ދުވަސްކޮޅެއްފަހުންނެވެ. މަންމަގެ ބޭނުމަކީ ދެމަފިރިން ވަކިކުރުވުމެވެ. އަޅުގަނޑުގެ ދަރިއަކުހުރުމުން މަންމައަށް އެކަން ކަމުނިދިއައީއެވެ. އެކި ގޮތްގޮތުން މަންމަ ކުރި މަސައްކަތް ކާމިޔާބުނުވުމުން އެންމެފަހުން ޖެއްސުންކުރަން ފެށި ދަރިފުޅަށެވެ. ދަރިފުޅާއި ދިމާއަށް ނުބައި ބަސްތައް ބުނަން ފެށިއެވެ. އެންމެފަހުން ފައުޅުގައި އަޅުގަނޑުގެ ދަރިއަކީ ޙަރާމް ދަރިއެއް ކަމަށްވެސް ބުނަން ފަށައިފިއެވެ. އެހިސާބުން އަޅުގަނޑު ނިންމީ ފިރިމީހާ އާއި ވަކިވާށެވެ. 

ނަމަވެސް ފިރިމީހާ އެކަން ޤަބޫލެއް ނުކުރިއެވެ. ފިރިމީހާ އޭނާގެ މަންމަގެ ގާތުން އެދުނީ އެނބުރި ގެއަށް ދިއުމަށެވެ. ފިރިމީހާ ބުނީ އަޅުގަނޑުގެ ދަރިފުޅަކީ ހަމަ އޭނާގެވެސް ދަރިއެއް ކަމަށާއި މަންމަ ކިތަންމެ ބޮޑަށް ބޭނުންވި ނަމަވެސް އަޅުގަނޑާއި ދަރިފުޅު ދޫކޮށްނުލާނެ ކަމަށެވެ. މަންމަ އެނބުރި ގެއަށް ދިއަ ނަމަވެސް މަންމަގެ ޙައްޤުތައް އަދާކުރާނެ ކަމަށެވެ. 

ކޮންމެއަކަސް މަންމަ އެނބުރި ގެއަށް ހިނގައްޖެއެވެ. ގޭގައި މަންމަގެ 2 އަންހެން ދަރިން ތިބެއެވެ. ފިރިހެން ދަރިއަކު ކައިވެނިކޮށްގެން އަނބިމީހާ އާއިއެކުގައި ދިރިއުޅެއެވެ. ވީމާ މަންމަ ބަލައި އެހީތެރިވާނެ 3 އަންހެން ދަރިން ތިބެއެވެ. 

އެއިގެ 2 އަހަރެއްހައި ދުވަސްފަހުން މަންމައަށް ސްޓްރޯކެއް ޖެހި ހިނގައި ނޫޅެވުމުން ޖެހުނީ ނުތެދުވެވި އެނދުގައި އޮންނާށެވެ. ތަންތަނަށް ގޮސް ހެދެނީ މީހަކު ގެންދިއުމުންނެވެ. ފިޒިއޮތެރަޕީ ދިނުމުން ރަނގަޅުވާނެ ކަމަށް ޑޮކްޓަރުން ބުނި ނަމަވެސް އެކަން ކޮށްލައިދޭނެ ދަރިއަކު ނުވިއެވެ. ހޮސްޕިޓަލަށް ނުގެންދިއަ ތަނުގައި ގެއަށް މީހަކު ގެނެސްގެން ފަރުވާދޭކަށްވެސް ނުއުޅުނެވެ. 

އެޙާލަތުގައި ފިރިމީހާ ވަރަށް ދެރަވެފައި އެވާހަކަ ދެއްކުމުން މަންމަ އަނބުރާ ގެއަށް ގެންނަން ބުނީމެވެ. އެއިރު ފިރިމީހާއަށްވެސް ވަނީ ދަރިއަކު ލިބިފައެވެ. 2 ދަރިން ބަލަމުން މަންމަވެސް ބަލަންފެށީމެވެ. މަންމައަށް ވީހައި ރަނގަޅަކަށް ކަންކަންކޮށްދޭން މަސައްކަތްކުރީމެވެ. ކޮންމެ ދުވަހަކު ހޮސްޕިޓަލަށް ގެންދާނެ ވަޤުތު ނުލިބޭނެތީ ބޮޑުއަގުދީފައި މީހަކު ގެއަށް ގެނުވައިގެން ކަސްރަތުކުރުވަން ފެށީމެވެ. 

ނަތީޖާއެއްގެ ގޮތުން ހައެކަމަސްތެރޭގައި އެކަނި ތެދުވެ ހިނގާލައި އުޅެވޭވަރުވުމުން އެއްދުވަހަކު މަންމަ ވަރަށް ލަދުން އިނދެ އަޅުގަނޑާއި ދަރިފުޅަށް ކުރިން ކަންކަން ކުރެވުނު ގޮތާއިމެދު ދެރަވެ މާފަށް އެދުނެވެ. 

މަންމަ ބުންޏެވެ. "ގޭގައި ހުހަށްވެސް ދަރިން ތިބިއިރު އެއްވެސް ދަރިއަކު ޢަޅައިނުލީއެވެ. މަންމަ އެންމެ ބޮޑަށް ޙާލުގައި ޖެހުނު ދުވަހު ދަރިފުޅު، ދެކުދިން ގޮވައިގެން ވަރަށް ބުރަކޮށް އުޅެމުންވެސް މަންމަ ބަލައިދީފީމުއެވެ. އެހެންވީމާ އެކަން މަންމަ ދަންނާނަމެވެ. މަންމަގެ މުދަލުންވެސް ދަރިއަކާއި އެއްވަރުގެ ބައެއް ދޭނަމެވެ." އަޅުގަނޑު ބުނީ މަންމަގެ މުދަލުން އެއްވެސް އެއްޗެއް ބޭނުން ނޫން ކަމަށާއި އަދާކުރީ މަންމަގެ ދަރިފުޅުގެ އަނބިމީހާ އަދާކޮށްދޭން ޖެހޭނެ ވާޖިބުތައް ކަމަށެވެ. 

އަދިވެސް ބުނެލާނަމެވެ. ކުރިން ޙަރާމްދަރިއެއް ކަމަށް ބުނި އަޅުގަނޑުގެ ދަރިފުޅު ދެކެ ފަހުން އިންތިހާއަށް ލޯބިވިއެވެ. މާމައެއްގެ ލޯބިވެސްދިނެވެ. އެހެންވެ އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުންވެސް ލިބުނެވެ. 

އަޅުގަނޑަށް ހީވަނީ އަޅުގަނޑަށް ކުރިމަތިވި ކަންކަމަކީ މިއަދުނޫހުގެ ކިޔުންތެރިންނަށް ވަރަށް ރަނގަޅު ފިލާވަޅަކަށްވާނެ ކަމަށެވެ. ޚާއްޞަކޮށް ދަރިން ކައިވެވެނިކުރާ އަންހެންމީހާގެ ދަރިއަކު އޮތުމުން ނަފްރަތުކޮށް އިހާނެތި ގޮތްގޮތަށް ކަންކަންކުރާ މައިންނަށް މިއީ ވަރަށް މުހިންމު ފިލާވަޅެއްކަމަށް ދެކެމެވެ.

 

- ނަޒީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން