ލީލް އަކީވެސް ނިކަމެތި ޢާއިލާޢަކުން އައިސްހުރި ނިކަމެތި ކުއްޖެކެވެ. ދިރިއުޅެމުން އައީވެސް ނިކަމެތިކަންމަތީގައެވެ. ތަޤްދީރު ނިޔާކުރި ގޮތުން އޭނާއަށް ކައިވެނިކުރަން ވަރަށް ތަނަވަސް މީހަކު ލިބުނެވެ. ކައިވެނިކުރެވުމާއިއެކު އޭނާގެ ދެފައި ބިންމަތީގައި ހުރި ނަމަވެސް އޭނާގެ ހިތް އުޑަށް އަރައިގެން ދިއައެވެ.
ފިރިމީހާގެ ގަނޑުވަރެއް ފަދަ ގެއަށް ބަދަލުވެވުމާއިއެކު އެހައިތަނަށް ދިރިއުޅެމުން އައި އާދައިގެ ފްލެޓާއި އެކުވެރިންގެމަތިން ހަނދާންނައްތައިލީ އެކަންޏެއް ނޫނެވެ. އެކުވެރިންނާއި ބައްދަލުވެއްޖެނަމަ މަލާމާތާއި ފުރައްސާރަވެސް ކުރެއެވެ. އެވަރަކުންވެސް ނުފުދެއެވެ. ބާޒާރުން ގަންނަނީވެސް އެންމެ އަގުބޮޑު މަރުކާތަކުގެ ތަކެއްޗެވެ. ހެދުމެއް ނުވަތަ ފައިވާނެއް ގަތް ނަމަވެސް އެންމެ ކުޑަމިނުން ހެޔޮވަރުތޯވެސް ބަލައިނުލާނެއެވެ. ސައިޒު ދިމާނުވުންފަދަ ކަމެއް ކުރިމަތިވިނަމަވެސް އެއްލައިލާނީއެވެ.
މިފަދަ އިސްރާފްބޮޑު ދިރިއުޅުމެއް އުޅެމުންދަނިކޮށް ފިރިމީހާގެ ކުންފުނިން ޓެކްހަށް މަކަރުހަދާފައިހުރި މައްސަލަތަކެއް ކުރިމަތިވެ ކުރި ޖުރުމަނާ ބޮޑުކަމުން ޖެހުނީ ކުންފުނިވިއްކައިލާށެވެ. ގެދޮރުވެސް ވިއްކައިލާށެވެ. ދިރިއުޅުން ޖެހުނީ އަނބިމީހާ ކުރިން ދިރިއުޅުނު އާދައިގެ ފްލެޓަށް ބަދަލުކުރާށެވެ.
އޭނާއަށް އަވަށްޓެރިންނާއިމެދު ކަންކަން ކުރެވުނު ގޮތުންނާއި ބުނެވިފައިވާ ނުބައި ބަސްތަކާއި ކުރެވިފައިވާ ފުރައްސާރައިގެ ސަބަބުން އެމީހުންނާއި ކުރިމަތިލާންވެސް ލަދުގަތެވެ. "ބަލަ ފަޤީރުކަމުގަ އަބަދު އުޅޭކަށް ނުޖެހޭނެ! ތަނަވަސްކަމަކީ އަމިއްލައަށް ހޯދީމަ ލިބޭ އެއްޗެއް! ކަލޭމެންވެސް ނިކަން އަހަރެން ފަދަ ތަނަވަސް މީހަކަށްވެބަލަ!" ފަދަ އެތައް ބަސްތަކެއް ބުނެވިފައިވާތީއެވެ.
އޭނާ އެކަންކަމަށް ލަދުގަތް ނަމަވެސް އަވަށްޓެރިންގެ ހަނދާނުގައި އެކަންކަން ހުރިކަމަކަށް ނުހަދައެވެ. މަރުޙަބާކިޔެވެ. ލިބުނު ނިކަމެތިކަމަށްޓަކައި ހިތާމަކޮށް ހެޔޮދުޢާކުރިއެވެ. އަވަށްޓެރިންނާއި އެކުވެރިން ކަންކަންކުރިގޮތުން އޭނާއަށް ވަރަށް ރަނގަޅު ފިލާވަޅެއް ލިބުނެވެ. ހިތްތިރިކޮށް ސައިޒުގައި ދިރިއުޅެން މަސައްކަތްކުރިއެވެ.
އޭނާގެ ފިރިމީހާއަކީ ވަރަށް ތޫނުފިލި ހުޝިޔާރު މީހަކަށްވުމުން އެކި ގޮތްގޮތުން މަސައްކަތްކޮށްގެން އެކަށީގެންވާ ތަނަވަސްކަމެއް އަލުން ހޯދައި ތަނަވަސް ދިރިއުޅުމެއް އުޅެން ފެށިއެވެ. ނަމަވެސް އަގުބޮޑު ގެއަކަށް ބަދަލުވާކަށް އަނބިމީހާ ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވީ އެފްލެޓުގައި ދިރިއުޅެމުން އިތުރަށް މަސައްކަތްކޮށްގެން ހަމަ ކުރީގެ ތަނަވަސްކަން ލިބޭތޯ މަސައްކަތްކުރާށެވެ.
އޭނާގެ ޢަމަލުތަކަށްވެސް ބޮޑެތި ބަދަލުތަކެއް ގެނައެވެ. ފަޤީރުންނަށް މަލާމާތާއި ފުރައްސާރަކުރުން ހުއްޓާލައި އެމީހުންނަށް އެހީތެރިވާން ފެށިއެވެ. އެއެންމެންގެ ކިބައިން މާފަށްވެސް އެދުނެވެ. އަދި ކުރިން ކުރަމުން އަިފަދަ އިސްރާފްކުރުން މުޅިން ހުއްޓައިލިއެވެ. ކޮންމެހެން ކުރަންޖެހޭ ޚަރަދު ނޫން ޚަރަދުތައްކުރުން މުޅިން ހުއްޓައިލިއެވެ. އަދި އަގުބޮޑު މަރުކާތަކުގެ އެއްޗެތިގަތުންވެސް ހުއްޓައިލިއެވެ. އާދައިގެ ތަކެތި ބޭނުންކުރަންފެށިއެވެ. އެކަންކަމުގެ ސަބަބުން ގޮތުން އެންމެންގެ ހެޔޮދުޢާވެސް ލިބެންފެށިއެވެ. އެކަމުގެ ނަތީޖާއަކަށްވީ 3 އަހަރު ދުވަހުގެ ތެރޭގައި ބޮޑުކުރިއެރުމެއް ލިބުމެވެ.
މިއީ އަޅުގަނޑު ބަލާފައިވާ ފިލްމެއްގެ ވަރަށް ކުރު ޚުލާޞާއެކެވެ. ލޯބީގެ ހާދިސާއެއް ނޫނންކަންވެސް އެނގެއެވެ. ނަމަވެސް ދިރިއުޅުމުގެ ވަރަށް މުހިންމު ޙާދިސާއެއް ނޫންތޯއެވެ؟ މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ މިއީ ދިރިއުޅުމުގައި ވަރަށް މުހިންމު ފިލާވަޅެއް ކަމަށެވެ.
ތަނަވަސްކަން ލިބުނު ނަމަވެސް ބޮޑާވެ ކިބުރުވެރިވާނަމަ ދެރަ ގޮތްތައް ކުރިމަތިވެއެވެ. ނިކަމެތިންގެ ހިތުގައި ޖެހޭނެފަދަ ބަސްތައް ބުނެ އެފަދަ ޢަމަލުތައްކުރާނަމަ ގިލަންވެރިކަމަކަށް ބަދަލުވެއެވެ. އިސްރާފްކުރާނަމަ ނިކަމެތިކަން ބައްދަލުކުރުން އަވަސްވެއެވެ. ވީމާ މިކަންކަމަކީ ވަރަށް ބޮޑަށް ވިސްނައި ސަމާލުކަންދޭންޖެހޭނެ ކަންކަން ކަމަށް ދެކޭތީ ޙިއްޞާކޮށްލީއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށްވެސް އަދި އެންމެންނަށްވެސް ޢިބްރަތެއް ލިބޭނެ ކަމަށް އުންމީދުކުރަމެވެ.
- އަނީސާ / މިއަދުނޫހުގެ ކިޔުންތެރިއެއް