އެސެސަރުންގެ ޒިންމާ ވަރަށް ބޮޑު: ސްޓޭޓް މިނިސްޓަރ ޑރ. އަބްދުއްރަޙީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
އެސެސަރުންގެ ޒިންމާ ވަރަށް ބޮޑު: ސްޓޭޓް މިނިސްޓަރ ޑރ. އަބްދުއްރަޙީމް

ހުނަރުވެރިންގެ މަސައްކަތް އެސެސްކޮށް ވަޒަންކުރުމުގައި އެސެސަރުންގެ ޒިންމާ ވަރަށް ބޮޑުކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ސްކިލްސް ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުއްރަޙީމް ހަސަން ވިދާޅުވެއްޖެއެވެ.

ޑރ. އަބްދުއްރަޙީމް މިހެން ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އިން ބޭއްވި އެސެސަރުންގެ ޓްރެއިނިންގ އޮފް ޓްރެއިނަރސްގެ ސަރޓިފިކެޓް ދިނުމުގެ ޙަފްލާގައި ދެއްކެވި ވާހަކަފުޅުގައެވެ.

"ކޮންމެ ސިނާޢަތެއްވެސް ހިނގަމުންދާނީ އެ ސިނާޢަތެއްގައި ކުރަންޖެހޭ މަސައްކަތެއްކުރުމުގެ ހުނަރު ލިބިފައިވާ ބަޔަކު އެކަމެއްގައި އުޅެގެން," ޑރ. އަބްދުއްރަޙީމް ވިދާޅުވިއެވެ. "އެސެސަރުންގެ އެސެސްމަންޓުގެ މައްޗަށް ބިނާކޮށް، ނޭޝަނަލް ސެޓްފިކެޓް ދޫކުރެވޭ. އެ ސަރޓިފިކެޓްގެ އިތުބާރު ބޮޑުވުން ބިނާވަނީ އެސެސަރުންގެ ކޮލިޓީއަށް."

ޑރ. އަބްދުއްރަޙީމް އިތުރަށް ވިދާޅުވީ އެސެސަރުން ފަރުވާތެރިކަމާއި ތެދުވެރިކަމާއެކު އެސެސްނުކޮށްފިނަމަ، އެކަމުގެ ގެއްލުން އެ ސިނާޢަތަކަށް ފޫނުބެއްދޭވަރުގެ ގެއްލުން ލިބި، ސިނާޢަތް އިދަޖެހިދާނެކަމަށެވެ.

"އަލަށް އުފެދި، ފުރިހަމަވަމުން އަންނަ ޓީވީއީޓީ ނިޒާމަށް ސިނާޢަތްތަކާއި އާންމުންގެ އިތުބާރު އަބަދުވެސް އޮންނަންވާނެ," ޑރ. އަބްދުއްރަޙީމް ވިދާޅުވިއެވެ. "އެކަމުގެ އެންމެ މުހިންމު ރޯލު އަދާކުރާނީ އެސެސަރުން."

މި ޙަފްލާގައި އެކިއެކި މަސައްކަތްތަކުގައި އުޅޭ މީހުންގެ ހުނަރުވެރިކަން އެސެސްކޮށް ވަޒަންކޮށް ސަރޓިފައިކުރުމަށް އަލަށް ފެށިގެންދާ ޙަރަކާތުގެ މުހިންމުކަމާ ބެހޭގޮތުންވެސް ވާހަކަދެކެވުނެވެ. 

މިއަދު އޮންލައިން