އަޅުގަނޑު ކައިވެނިކޮށްގެން އުޅުނީ އެހައި ތަނަވަސްމީހަކާއެއް ނޫނެވެ. ވަޒީފާ އަދާކޮށްގެން ލިބޭ މުސާރައިން ހަމައެކަނި އަސާސީ ބޭނުންތައް ފުއްދައިލެވެނީއެވެ. އެހެންކަމާއިއެކުވެސް ދެމީހުން ދިރިއުޅެމުން އައީ ވަރަށް އުފަލުގައެވެ. ވަރަށް ލޯބިންނެވެ.
އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއަކު ހުރެއެވެ. އެއީ ޢަޒީޒާއެވެ. ވަރަށް ގިނައިން ގެއަށްއައިސް އުޅެއެވެ. ގޭތެރޭގެ މަސައްކަތުގަވެސް އެހީތެރިވެދެއެވެ. ފިރިމީހާއާއިއެކުގައިވެސް ވަރަށް ގާތްކޮށް އުޅެއެވެ. ހީނ ސަކަރާތްޖަހާ ހަދައެވެ. އެކަމަކަށް އަޅުގަނޑު އަޅައެއް ނުލައެވެ. އަޅުގަނޑު ޤަބޫލުކޮށްގެން ހުރީ އެއީ އަޅުގަނޑާއި އެހައި ގާތް އެކުވެރިއެއްގެ ގޮތުގައި އުޅޭތީ ފިރިމީހާ އާއިވެސް ހަމައެގާތްކަން ބާއްވަނީ ކަމަށެވެ.
ޢަޒީޒާ އެއްދުވަހު ގެއަށް އައިސް އުޅުމުގެ ތެރޭގައި އޭނާގެ ކޮއްކޮއަކު ރާއްޖެއިން ބޭރުގައި ވަޒީފާއަދާކޮށްފައި ވަރަށް ގިނަ ފައިސާ ހިފައިގެން އައިސް އުޅޭކަމަށާއި ކައިވެނިކުރާނެ ރަނގަޅު އަންހެނަކު ހޯދަމުން އަންނަކަމަށް ބުންޏެވެ. އެވާހަކަ ދެއްކީ ނުބައި ނިޔަތެއްގައި ކަމަކަށް ހިއެއްވެސް ނުކުރަމެވެ. ހީކުރީ އޮންނަ ގާތްކަން ބޮޑުކަމުން ބުނެލީކަމަށެވެ.
އެއިގެ 2، 3 ދުވަސްފަހުން އައިސްފައި ބުނީ އެރޭ އޭނާ އާއިއެކު ބާޒާރަށް ގޮސްދިނުމަށެވެ. ދެމީހުން އެކުގައި ބާޒާރަށް ދިއުމަކީ އަބަދުވެސް ކުރަމުން އަންނަ ކަމަކަށްވާތީ އެކަމަށް އަޅުގަނޑު އެއްބަސްވީމެވެ. އަދި އެރޭ އެކުގައި ދިއައިމެވެ.
ބާޒާރުން އޭނާ ގަތީ ފޮތިކޮޅެކެވެ. އަޅުގަނޑަށްވެސް ފޮތިކޮޅެއް ގަނެދިނެވެ. ގެއަށް އައި މަގުމަތީގައި ޖޫސްތަށްޓެއް ބޯލަމާ ހިނގާށޭ ކިޔާފައި ރެސްޓޯރަންޓަކަށް ވަނެވެ. ވަދެފައި އޯޑަރުކުރީ ކާއެއްޗެއްސަށެވެ. ބުނީ މާބޮޑަށް ބަނޑުހައިވެފައިހުރީމާ ކާންބޭނުންވީ ކަމަށެވެ.
އިރުކޮޅަކުން ޒުވާން ފިރިހެނަކު ވަދެގެން މޭޒުކައިރިއަށް އައިސް އިށީނދެއްޖެއެވެ. ބުނީ އެއީ އޭނާގެ ތަނަވަސް ކޮއްކޮ ކަމަށާއ ބިލްދައްކާނީވެސް އޭނާ ކަމަށެވެ. އެކަމަކަށް އަޅުގަނޑު އެއްވެސް އެއްޗެއް ނުބުނަމެވެ. އަނގައިން ނުބުނެ އިނީއެވެ.
އިރުކޮޅަކުން ފާޚާނާއަށް ގޮސްފައި އެބަ އަންނަކަމަށް ބުނެފައި ޢަޒީޒާ ތެދުވެގެން ހިނގައްޖެއެވެ. އެވަގުތު ފިރިމީހާ އައިސް މިއީ ކޮން ފިރިހެނެއްތޯ ސުވާލުކުރުމުން ޢަޒީޒާގެ ކޮއްކޮއެއް ކަމަށްބުނެ ކަންތައް ހިނގިގޮތް ކިޔައިދިނީމެވެ. ނަމަވެސް ފިރިމީހާއަށް ޤަބޫލުކުރަން އުނަދަގޫވިއެވެ. ފިރިމީހާވެސް ގޮނޑިއެއްގައި އިށީނެވެ. އިންނަތާ އެތައްއިރެއްވީއިރުވެސް ޢަޒީޒާ ނައުމުން ފިރިމީހާގެ ޝައްކުތައް އިތުރުވިއެވެ.
ނަޞިބު ދިމާކުރި ގޮތުން ޢަޒީޒާއަށް ދެވުނީ ގޮނޑިމަތީގައި އޭނާގެ ޕާރސް ބާއްވައިފައެވެ. އޭނާގެ ކޮނޑުގައި އެލުވައިގެން ގުޅުނު ދަބަހުން ޕާރސް ނަގައި ބޭއްވުނުކަން ޢަޒީޒާއަށް އެވަނީ ހަނދާންނެތިފައިކަން އެނގުނެވެ. ފެނުނީމާ އަވަހަށް ނަގައި ބަލައިލިއިރު ނަޞީބަކުން އެއިގައި ފައިސާ އާއި އޭނާގެ އައިޑީކާޑުވެސް އޮތެވެ. ނަގައި ފިރިމީހާއަށް ދައްކައިލީމެވެ.
ފިރިމީހާ ވަގުތުން ޢަޒީޒާއަށް ގުޅާފައި ރެސްޓޯރަންޓަށް އައުމަށް ބުނިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަތުވެއްޖެއެވެ. ފިރިމީހާ ސުވާލުކުރީ މިތަނަށް ޢަޒީޒާ ނުއަންނަނަމަ ޕާރސް މިތަނުގައި އޮތީ ކީއްވެގެންތޯއެވެ؟ އެސުވާލުކޮށްފައި އަޅުގަނޑު ގާތުގައި ބުނީ ތެދުވެ އެތަނުން ނުކުތުމަށެވެ. އަޅުގަނޑު ފިރިމީހާ ބުނި ގޮތަށް ކަންތައްކުރީމެވެ. ފިރިމީހާވެސް އަޅުގަނޑާއިއެކު ނުކުތެވެ.
ދެމީހުން ހިނގާފައި ގެއަށް އައިސް ފިރިމީހާ ކިޔައިދިނެވެ. "އަހަރެން ދިއައީ ޢަޒީޒާ ގުޅާފައި ކަލޭ ފިރިހެނަކާއިއެކު އެތަނުގައި އެބައިންކަމަށް ބުނުމުންނެވެ. އަދި މިހައި ގާތްކޮށް އުޅެމުން އެވަރުގެ ކަމެއްކުރިއިރު އަނގައިވެސް ނުލާކަމަސްބުނެ ޝަކުވާވެސް ކުރިއެވެ. އަޅެ އެއީ ކޮންފަދަ ނުބައި އަނހެނެއް ހެއްޔެވެ؟"
ބުނާނެ އެއްޗެއްވެސް ނުއެނގި އިނދެފައި ރޯންފެށީމެވެ. އެއީ އެވަރުގެ ނުބައިކަމެއް ޢަޒިޒާ އެކުރީ ކީއްވެގެންކަން ވިސްނުމަށްވެސް ނައުމުންނެވެ. ދެން ދެމަފިރިންގެ ދެމެދަށް ވަންނަން ބަލާއިރު ފިރިމީހާއަކީ ތަނަވަސް މީހެއްވެސް ނޫންވީމައެވެ.
ޖެހިގެން އައިރޭ ފިރިމީހާ އަޅުގަނޑު ގޮވައިގެން ޢަޒީޒާމެންގެ ގެއަށްގޮސް ބައްދަލުކުރިއެވެ. އަދި އެވަރުގެ ކަމެއް ކުރީ ކީއްވެގެންތޯ ސުވާލުކުރިއެވެ. ވަރަށް ދެރަވެގެން އިނދެފައި ޢަޒީޒާ ބުންޏެވެ. "ޝައިޠޯނާގެ ނުބައިކަމުންނެވެ. އަހަރެންނަށް ލިބުނު ފިރިމީހާއަކީ ނުބައި ނުލަފާ މީހަކަށްވެ އަހަރެންވަރިކޮށްލާފައި ދިއައީއެވެ. ކަލޭމެން ދެމަފިރިން އެހައި ލޯބިން އުޅޭތަން ފެންނާތީ ޙަސަދަވެރިވެވުނީއެވެ. އެކުވެރިޔާއަށް ނުބަލައި ދެމަފިރިން ދުރުކޮށް ކަލެއާއި އިންނަން ބޭނުންވީއެވެ. ހެދުނު ގޯސް ހެދިއްޖެއެވެ. އެހެންވެ އިތުރަށް ފާފަކުރަން ދޮގު ނުހަދައި މިކިޔައިދިނީއެވެ. ކުރެވުނު ކުށަށް ދެމަފިރިންގެ ކިބައިން ވަރަށް ބޮޑަށް މާފަށް އެދެމެވެ. މާފުކުރަން އުނދަގޫވާނެކަންވެސް އެނގެއެވެ. ނަމަވެސް ކުރެވުނު ކަމެއް ނުކުރެވޭ ކަމަކަށް ނުވާނެތާއެވެ. ކުރެވުނު ބޮޑު ކުށަށް ތައުބާވެއްޖައީމެވެ. ދެން އޮތީ ދެމަފިރިން ހިތްޙަލާލު ދިނުމެވެ."
އަޅުގަނޑުމެން އެގެއިން ނުކުތީ މާފުކޮށް ޙިތްޙަލާލުދީފައެވެ. އެއީ އެހައި ތެދަށް ކިޔައިދިނީތީއެވެ. މާފުކުރިނަމަވެސް ކުރިން ބޭއްވިފަދަ ބަދަހި ގުޅުމެއް ނުބާއްވަމެވެ. ބެހެއްޓީ ތަންކޮޅެއް ދުރުކޮށްފައެވެ. ނަމަވެސް ޢަޒީޒާއަށް ރަނގަޅު ފިރިއަކު ދެއްވެވުން އެދި ދުޢާކުރީމެވެ. އޭނާއަށް ރަނގަޅު ފިރިއަކު ލިބި އުފަލުގައި ދިރިއުޅެން ފެށިމައި އަލުން ގާތްކަންވެސް ބޭއްވީމެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތުގައި ކުރިމަތިލާންޖެހުނު އެންމެ ބޮޑު ކަންބޮޑުވުމުގެ ވާހަކައެވެ. ބޮޑު މައްސަލައަކަށްނުވެ ސަލާމަތްވެވުނީ ދެމަފިރިން ނުހަނު ލޯބިން އެކުގައި އުޅުމުގެ އިތުރުން ދެމީހުން އެކުގައި ރޭއަޅުކަންކޮށް ދުޢާކުރާތީ ﷲ ގެ ރަޙްމަތްފުޅު ބޮޑުކަމުންކަމަށް ދެމީހުންވެސް ޤަބޫލުކުރަމުއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.
- ޚަދީޖާ / މިއަދުނޫހުގެ ކިޔުންތެރިއެއް